ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފުރަތަމަ ޤުރުއާން މުބާރާތް ފަށައިފިއެވެ.
ދެ ޖިންސްގެ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މިމުބާރާތުގައި ޔުނިވާސިޓީގެ އިތުރުން މަތީ ތަޢުލީމްދޭ އެހެނިހެން ސްކޫލް އަދި ކޮލެޖު ތަކުގެ ދަރިވަރުން ވެސް ވަނީ ބައިވެރިވެފައެވެ.
މިއަހަރުގެ މުބާރާތުގައި ޔުނިވާސިޓީގެ ފަސް ފެކަލްޓީން ނަވާވީސް ދަރިވަރުން ބައިވެރިވެފައި ވާއިރު، މިއީ ބަލައިގެން ކިޔުމުގެ ގޮފިން އެކާވީސް ދަރިވަރުންނާއި ހިތުން ކިޔުމުގެ ގޮފިން އަށް ދަރިވަރުންނެވެ.
މީގެ އިތުރުން މި މުބާރާތުގައި ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ އާއި ވިލާ ކޮލެޖްގެ އިތުރުން ސީއެޗްއެސްސީން ވެސް ބައްތިރީސް ދަރިވަރަކު ބައިވެރި ވެފައިވާއިރު މީގެ ތެރޭގައި ބަލައިގެން ކިޔެވުމުގެ ގޮފިން ވާދަކުރާ ސޯޅަ ދަރިވަރަކު ހިމެނެއެވެ.
މި މުބާރާތް އިންތިޒާމު ކޮށްފައިވަނީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސްގެ ގޮފި ސޮސައިޓީ ފޯ އިސްލާމިކް ސްޓަޑީސް (ސިސް) ގެ ފަރާތުންނެވެ. މުބާރާތުގައި އަންހެން އަދި ފިރިހެން ބައި ވަކިން ކޮންމެ ގޮތްޕަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުމަށް ނިންމާފައިވާއިރު، މި މުބާރާތުން އެންމެ މޮޅު ފަސް ފެކަލްޓީ، ކޮލެޖް ހޮވުމަށް ވެސް ވަނީ ނިންމާފައެވެ. ރަމަޟާން މަހުގެ ބާރައިން ސާދައަށް ކުރިއަށް ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް ޢަބްދުލް ޢަޒީޒް ޙުސައިނެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފުރަތަމަ ޤުރުއާން މުބާރާތް ފަށައިފި
ކޮމެންޓް (0)
ލޯޑް ކުރަމުން...