އައްޑޫ ސިޓީގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް މަގުތަކުން ދަތުރުކުރާ ފަރާތްތަކަށާއި ހިނގައިބިނގާވެ އުޅޭމީހުންނަށް ރައްކާތެރިކަން ހޯދައި ދިނުމަށް ކުރަން ހަމަޖެހިފައިވާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީގައި ޓްރެފިކް ޕޮލިސްގެ ގޮތުގައި ޚާއްޞަ ވަކި ސެލް އެއް ޤާއިމްކޮށް އައްޑޫ ސިޓީގައި އިއްޔެ ހަވީރު ފުރަތަމަފަހަރަށް ޓްރެފިކް ޕޮލިސް އިފްތިތާޙްކޮށްފި އެވެ
އައްޑޫ ސިޓީއަކީ މާލެ ފިޔަވައި މަގުމަތީގެ ކާރޫބާރޫ އެންމެ ބޮޑު ސިޓީއަށް ވެފައި އައްޑޫ ސިޓީގެ ރައްޔިތުންނަށް މަގުމަގުމަތީގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރު ކޮށްދިނުމުގެ މަޤުޞަދުގައި އިފްތިތާޙްުކުރި އައްޑޫ ސިޓީ ޓްރެފިކް ޕޮލިސް ހިންގަން ހަމަޖެހިފައިވަނީ ކުރީގެ ހިތަދޫ ޕޮލިސް ސްޓޭޝަން ހިންގި އިމާރާތުގައެވެ.
އައްޑޫ ސިޓީގައި ޓްރެފިކް ޕޮލިސްގެ ޚިދުމަތް ދިނުމަށް ބޭނުންކުރަން ހަމަޖެހިފައިވަނީ ހިތަދޫ ޕޮލިސް ކުރިންހިންގި ޢިމާރާތްކަމަށް ވުމާއެކު އެޢިމާރާތް އަލުން ރަސްމީކޮށް ހުޅުވުންވެސް އިއްޔެ ހަވީރު އޮތެވެ. އެގޮތުން އެ ޢިމާރާތް ހުޅުވުމުގެ ގޮތުން ޤައުމީ ދިދަ ނަންގަވައިދެއްވީ ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ. ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިފާންއެވެ.
އައްޑު ސިޓީ ޓްރެފިކް ޕޮލިސް ކުރިމަތީގައި އޮތް ޚާއްޞަ ރަސްމިއްޔާތުގައި އައްޑޫ ސިޓީ ޓްރެފިކް ޕޮލިސް އިފްތިތާޙް ކޮށްދެއްވީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ ޢަބްދުﷲ ޠައްޔިބެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްފަހު ޠައްޔިބު ދެއްކެވި ވާހަކަފުޅުގައި އައްޑޫ ސިޓީގެ ރައްޔިތުންނާއި ކައުންސިލުން ފުލުހުންގެ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށާއި ފުލުހުންގެ ޚިދުމަތް އައްޑޫ ސިޓީގައި ހަރުދަނާ ކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދާށާއި ފުލުހުންގެ އިސް މެނޭޖްމަންޓަށް ޝުކުރު ދެންނެވިއެވެ.
މި ރަސްމިއްޔާތުގައި ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުގެ ވާހަކަފުޅުގައި އައްޑޫ ސިޓީގައި ފުލުހުން މިހާރު ދެމުންދާ ޚިދުމަތް ހަރުދަނާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސަައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އައްޑޫ ސިޓީގެ ރައްޔިތުންނަށް ދެއްވާ ކަމަށް ވިދާޅުވިއެވެ.
މި މި ރަސްމިއްޔާތުގައި ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނާ ވިހާވެސް ގާތުން ޚިދުމަތްދިނުމުގައި ފުލުހުން ދެމި ތިބޭނެ ކަމަށާއި، ލާމަސީލު، ހަމަހަމަ ޚިދުމަތެއް އައްޑޫސިޓީގެ އެންމެހާ ރައްޔިތުންނަށް ފުލުހުންގެ ފަރާތުން އަބަދުވެސް ލިބެމުންދާނެކަމަށް ވިދާޅުވިއެވެ.
އައްޑޫ ސިޓީ ޓްރެފިކް ޕޮލިސްގައި މަސައްކަތްކުރާނީ މާލޭގެ ޓްރެފިކް ޕޮލިސް ޑީޕާރޓްމަންޓްގައި މަސައްކަތްކޮށް ތަޖުރިބާއާއި ކަމާބެހޭ ޚާއްޞަ ޢިލްމާއި ހުނަރު ލިބިފައިތިބި ފުލުހުންނެވެ.
އައްޑޫ ސިޓީގައި ޓްރެފިކް ޕޮލިސްގެ ޚިދުމަތް ޤާއިމް ކޮށްފި
ކޮމެންޓް (0)
ލޯޑް ކުރަމުން...