ޗައިނާ އިން ލިބެން ހުރި ފުރުޞަތުތައް ހޯއްދެވުމަށާއި، ރާއްޖޭގައި ހުރި ފުރުޞަތު ތަކުގެ މަޢުލޫމާތު ޗައިނާގެ ވިޔަފާރި ވެރިންނަށްދީ، ވިޔަފާރީގެ މަޢުރަޒެއް ބޭއްވެވުމަށް ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް ޗައިނާ އަށް ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް ދެއްވި ބަސްދީގަތުމުގައި، ޗައިނާގައި މިބޭއްވޭ ވިޔަފާރި މަޢުރަޒުގައި، ޗައިނާގެ ގިނަ ޢަދަދެއްގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެ ކަމަށާއި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރްޞަތުތަކާ ބެހޭގޮތުން އެފަރާތްތަކަށް މަޢުލޫމާތު ދެއްވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގެ މަޝްރޫޢުތަކާ ބެހޭގޮތުން ޗައިނާ ސަރުކާރާ ވާހަކަފުޅު ދައްކަވާނެ ކަމަށާއި، ކުރިއަށް ރޭވިފައިވާ ޕްރޮގްރާމްތަކުގައި ޗައިނާއިން އަދާކުރާނެ ދައުރާ ގުޅޭގޮތުންނާއި، ޗައިނާގެ ޙިއްޞާ ހޯއްދެވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، އިޞްލާޙީ އެޖެންޑާގެ މުހިންމު ޕްރޮގްރާމްތައް ކުރިއަށް ގެންދެވުމުގައި، ޗައިނާގެ ބައިވެރިވުމާ ބެހޭގޮތުން ވާހަކަ ދެކެވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާމަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އުތުރުގައި ރާވާފައިވާ އައިހެވަން މަޝްރޫޢާއި އަދި ހުޅުލެއާއި މާލެއާ ދެމެދު އަޅާ ބްރިޖުގެ މަޝްރޫޢާއި، އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ޗައިނާގެ ބައިވެރިވުމާ ގުޅޭގޮތުން ވާހަކަ ދެކެވޭނެ ކަމުގައެވެ. އަދި ރާއްޖޭގައި ހުޅުވިގެންމިދާ މުހިންމު މަޝްރޫޢުތަކަށް ޗައިނާއިން މިހާރުވެސް ވަރަށް ބޮޑަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ޗައިނާ އިން ފުރުޞަތު ހޯއްދެވުމަށް ނައިބު ރައީސް ޗައިނާ އަށް ؟
ކޮމެންޓް (0)
ލޯޑް ކުރަމުން...