ތިމާވެށީގެ ދުވަހުގެ މުނާސަބާގައި ތިން ގަޑިއިރަށް ދުއްވުން މަނާ ކޮށްގެން ދައުލަތަށް 10500.00 ރ ގެ އާމްދަނީއެއް ލިބިއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުސް އޮފީހުން ބުނީ މި އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، އިއްޔެ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވީ ވަގުތު، އިންޖީނުލީ އެއްގަމު އުޅަނދު ދުއްވި 14 މީހަކު ޖޫރިމަނާ ކޮށްފައި ވާކަމަށާއި އެއިން ކޮންމެ މީހަކު ވެސް ޖޫރިމަނާ ކޮށްފައި ވަނީ 750.00 ރ އިން ކަމަށެވެ.
އިއްޔެ ދުއްވުން މަނާ ގަޑީގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވައިގެން މާލެއިން 6 މީހަކު ޖޫރިމަނާކޮށްފައި ވާއިރު މަނާ ގަޑީގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވައިގެން ހުޅުމާލެއިން 8 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.
އިއްޔެ ޖޫރިމަނާކުރި 14 މީހުންގެ ތެރެއިން 10 މީހުންނަކީ އެއްގޮތަކަށްވެސް އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނުނަގާ އުޅަނދު ދުއްވަމުންދިޔަ ފަރާތްތައް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާވަގުތުގައި ދުއްވައިގެން ޖޫރިމަނާކޮށްފައިވާ އެންމެންނަކީވެސް ސައިކަލް ދުއްވައިގެން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކެކެވެ.
ތިމާވެށީގެ ދުވަހާ ގުޅުވައިގެން މިއަދުގެ ހަވީރު 16:00 އިން 19:00 އަށް މާލޭސިޓީގެ އެއްވެސް ސަރަޙައްދެއްގައި ސިޓީ ކައުންސިލުން ހުއްދަދީފައި ނުވާ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމަކީ އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާ ކަމެއްކަމުގައި މާލެ ސިޓީ ކައުންސިލުން ވަނީ އާންމުކޮށް އިޢުލާން ކޮށްފައެވެ. އަދި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު އިންޖީނުލީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގައި މޯލްޑިވުސް ޕޮލިސް ސާރވިސް އިންވެސް ވަނީ ކުރިން އިޢުލާން ކޮށްފައެވެ.
ތިން ގަޑިއިރަށް ދުއްވުން މަނާ ކޮށްގެން ދައުލަތަށް 10500.00 ރ ގެ އާމްދަނީއެއް ލިބިއްޖެ
ކޮމެންޓް (0)
ލޯޑް ކުރަމުން...