ފައިމަގުގައި މިއަދު ހިނގާފައި އުޅޭ ވަގުތު ޤަވަޢިދާ ޚިލާފަށް ދުއްވާ އުޅަނދުތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ މިއަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅިގެން މިއަދު މެންދުރުފަހު ދެއަކުން ފެށިގެން މިރޭގެ 20:00 އާއި ހަމައަށް މާލޭގައި ފައިމަގުގައި އުޅޭގޮތަށް މާލޭ ސިޓީކައުންސިލުން ހަމަޖައްސާފައިވުމާއެކު ފައިމަގުގައި ހިނގާފައި އުޅެން ހަމަޖައްސާފައިވާ ވަގުތުތަކުގައި ހުއްދަދެވިފައިވާ އުޅަނދުތައް ފިޔަވައި އެއްވެސް އުޅަނދެއް އެއްގަމު ދަތުރު ފަތުރުގެ ނިޒާމުގެ ތެރޭގައި ދުއްވައި ހަދާނަމަ އެފަދަ އުޅަނދުތައް ހުއްޓުވައި ފުލުހުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ހަމަޖައްސާފައިވާ ފަދައިން މިއަދުގެ ހިނގާފައި އުޅުމުގެ ވަގުތުގައި މާލޭގެ މަގުތަކުގައި ހުއްދަ ނެތް އުޅަނދު ދުއްވުމަކީ ޤާނޫނު ނަމްބަރު 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމަކަށްވާތީ އެ އެންގުމާ ޚިލާފުވާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ޤާނޫނު 2009/5 ގެ 65 ވަނަ މާއްދާގެ ދަށުން، އެވަގުތުތަކުގައި ދުއްވާ އުޅަނދު ފަހަރު ހިފަހައްޓައި -/750ރ (ހަތްސަތޭކަ ފަންސާސް ރުފިޔާ) އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން މިއަދު ފައިމަގުގައި އުޅޭ ވަގުތުގައި ދުއްވަން ހުއްދަ ދެވިފައިވަނީ
ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު ފަހަރާއި، އެމްބިއުލާންސް
ފުރާ މީހުންނާ ތަކެތި އުފުލުމަށް ހުއްދަދެވޭ ޓެކްސީ އާއި ޕިކަޕް (މިފަދަ އުޅަނދުގައި ހުއްދަދިން ލިޔުން އޮންނަންވާނެއެވެ.) ތަކާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަ ކުރެވިފައި ހުންނަ ސައިކަލް އަދި މިއަދުގެ އެވަގުތު ދުއްވުމުގެ ހުއްދަ ދެވޭ އުޅަނދުފަހަރުގެ އިތުރުން ޢާއްމުންގެ ފަސޭހައަކަށް ބޭނުންކުރާ ބަސް (ޕަބްލިކް ޓްރާންސްޕޯރޓް) ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން މިކަމުގައި ޢާއްމު ރައްޔިތުން ފުރިހަމަ އެއްބާރުލުން ދެއްވުމަށާއި ފުލުހުންގެ އެންގުމާއި އެއްގޮތަށް ޢަމަލުކޮށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ވަނީ އިލްތިމާސް ކޮށްފައެވެ.
ފައިމަގުގައި މިއަދު ހިނގާފައި އުޅޭ ވަގުތު ޤަވަޢިދާ ޚިލާފަށް ދުއްވާ އުޅަނދުތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި
ކޮމެންޓް (0)
ލޯޑް ކުރަމުން...