ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 26 ވަނަ ބުރުގެ މުދައްރިބުންގެ ގޮތުގައި ޙަރަކާތްތެރިވާ ފުލުހުންނާއި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ބައްދަލު ކުރައްވައިފިއެވެ.
އިސްކަންދަރު ކޮށީގައި އޮތް މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ފުލުހުންގެ އަސާސީ ތަމްރީނު ނިންމައި ޚިދުމަތަށް ނުކުންނަ ކޮންމެ ފުލުހަކީވެސް ދިވެހި ޤައުމަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދިނުމަށް ތައްޔާރަށް ތިބި ބަޔަކަށް ހައްދަވައި ދެއްވުމަށް ހުރިހާ މުދައްރިބުން ގުޅިގެން މަސައްކަތް ކޮށްދެއްވުމަކީ އެދިވަޑައިގަންނަވާ ކަމެއްކަމަށެވެ. ހަމައެހެންމެ ފުލުހުންގެ އަސާސީ ތަމްރީނު ފުރިހަމަކޮށް ޚިދުމަތަށް ނިކުންނަ ކޮންމެ ފުލުހަކީވެސް ދިމާވާ ކޮންމެ ކަމަކަށް ސާބިތުކަމާއެކު ކެރިގެން ކުރިމަތިލައި ޒިންމާދާރު، ޤާބިލް ޚިދުމަތަކަށް ތައްޔާރުވެފައިތިބި ބަޔަކަށް ހަދައިދިނުމަށް ހުރިހާ މުދައްރިބުންވެސް ގުޅިގެން އެއްރޫޙެއްގައި މަސައްކަތް ކޮށްދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އެދި ވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ މުދައްރިބުންގެ ގޮތުގައި ތިއްބެވީ ޤާބިލް، އަދި ހުނަރުހުރި، އެމަނިކުފާނުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އޮތް މުދައްރިބުން ކަމަށެވެ. އެހެންކަމުން މިބުރުގައި ތަމްރީނުވާ ފުލުހުންނަށް ފުލުހުންގެ މުއައްސަސާއިން ބޭނުންވާ ފެންވަރުގެ ތަމްރީނެއް ދިނުމުގެ ޤާބިލްކަން މުދައްރިބުންގެ ކިބައިގައި ހުރިިކަމާމެދު އެމަނިކުފާނު ޔަޤީން ކުރައްވާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު މިބައްދަލުވުމުގައި ވިދާޅުވިއެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 26 ވަނަ ބުރު މިމަހު ދ. ވާނީގައި ފެށުމަށް ހަމަޖެހިފައިވާއިރު، މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ފުލުހުންގެ ތަމްރީނުތައް ބައްޓަން ކުރެވިފައިވަނީ ފުލުހުންގެ ތަޞައްވުރާއި އަމާޒަށް ވާޞިލްވެ، 2014 ން 2018 އަށް އެކުލަވާލާފައިވާ ސްޓްރެޓިޖިކް ޕްލޭންގައިވާ ކަންކަން ޙާޞިލްކުރެވި، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ އަމާން މާޙައުލެއް މިޤައުމުގައި ޤާއިމް ކުރުމަށް ނުކުންނަ ބަޔަކު އުފެއްދޭނެ ގޮތަށް ކަމަށެވެ. އެހެންކަމުން މި ބުރުގައި ބައިވެރިވާ ފުލުހުންނަކީ ޒުވާން ލޭހިނގާ ޒުވާން ކުދިންކަމަށްވުމާއެކު އެކުދިންގެ ތަމްރީނަށްފަހު އެއީ ޤައުމުގެ ޒުވާނުންނަށް މަގުދައްކައިދޭނެ ރަނގަޅު މުވާޠިނުންނަށް ވެވޭވެނެގޮތަށް ފުލުހުން ތަމްރީނު ކުރަން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ. އަދި މިފުލުހުންނަކީ ދިވެހި ފުލުހުންގެ ޤާނޫނާއި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް އާއެއްގޮތަށް ރައްޔިތުންނަށާއި ފުލުހުންގެ މުއައްސަސާއަށް ޚިދުމަތް ކުރުމުގެ ޤާބިލްކަން ހުރިބަޔަކަށް ހެދުމަށް ތަމްރީނު ތަކުގައި މަސައްކަތްކޮށްދެއްވަން ޖެހޭ ކަމަށެވެ.
މިބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީގެ އިތުރުން އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓްޑީޒްގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުލްމައްނާން ޔޫސުފް އާއި ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ނަވާޒްގެ އިތުރުން އައިލްސްގެ އެކި ފެކަލްޓީތަކުގެ ވެރިންނާއި މުވައްޒަފުންނާއި މުދައްރިބުން ބައިވެރިވިއެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 26 ވަނަ ބުރުގެ މުދައްރިބުންނާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލު ކުރައްވައިފި
ކޮމެންޓް (0)
ލޯޑް ކުރަމުން...