އެންމެ ފަހުވަގުތާއި ހަމައަށް ވެސް އަދާލަތު ޕާޓީން މަސައްކަތް ކުރާނީ މަޝްވަރާ ކޮށްގެން ސަރުކާރު ކޯލިޝަނުގެ ތެރެއިން ފުރުޞަތު ހޯދުމަށް ކަމަށާއި، އެންމެ ފަހު ވަގުތާއި ހަމައަށް ވެސް މަސައްކަތް ކޮށް ސަރުކާރު ކޯލިޝަނުން އެ ފުރުޞަތު ނުލިބިއްޖެ ނަމަ ގިނަ ދާއިރާ ތަކަކަށް ޢަދާލަތުން ވާދަކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މިކަމާއި ގުޅޭގޮތުން ބައެއް މީޑިޔާ ތަކަށް މަޢުލޫމާތު ދެއްވަމުން ޢަދާލަތު ޕާޓީގެ ތަރުޖަމާން އައްޝައިޚް ޢަލީ ޒާހިރު ވިދާޅުވީ، ޢަދާލަތު ޕާޓީން އަދިވެސް މަސައްކަތް ކުރަމުން ގެންދަނީ މަޝްވަރާގެ އުޞޫލުން ސަރުކާރު ކޯލިޝަނުގެ ތެރެއިން ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ހޯދުމަށް ކަމަށާއި، އެ ޕާޓީން ޤަބޫލު ކުރަނީ ވެސް ސަރުކާރު ކޯލިޝަނުން އެ ޕާޓީއަށް އެ ފުރުޞަތު ދޭނެ ކަމުގައި ކަމަށެވެ.
ޢަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރުމަށް ތިރީސް ފަސް ފަރާތަކުން މިހާރުވެސް ޝައުޤުވެރިކަން ފާޅުކޮށްފައި ވާއިރު، ކޯލިޝަނާއި އެކު ކުރެވޭ މަޝްވަރާ ތަކުގައި މި ޢަދަދަށް ފުރުޞަތު ހޯދުމަށް ނޭދޭނެ ކަމަށާއި މަޝްވަރާ ތަކުން އެ ޕާޓީއަށް ޖާގަ ލިބޭނަމަ އެ ޢަދަދު ވަރަށް ބޮޑަށް މަދުކުރުމަށް ވެސް އެ ޕާޓީން އެއްބަސްވާނެ ކަމަށެވެ.
އެހެން ނަމަވެސް މަޝްވަރާގެ އުޞޫލުން ފަހު ވަގުތާއި ހަމައަށް ކުރެވޭ މަސައްކަތުން ވެސް އެ ޕާޓީއަށް ސަރުކާރު ކޯލިޝަނުގެ ތެރެއިން ފުރުޞަތު ނުލިބިއްޖެ ނަމަ ކުރިން ވެސް އެ ޕާޓީން އިޢުލާނު ކޮށްފައިވާ ގޮތަށް އަދާލަތު ޕާޓީން ވަކިން މަޖިލިސް އިންތިޚާބަށް ނުކުންނާނެ ކަމަށާއި، އެގޮތަށް ނުކުމެއްޖެ ނަމަ މިހާރު ކުރިމަތި ލުމަށް އެކި ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ތިރީސް ފަސް ދާއިރާގެ އިތުރުން ވެސް އިތުރު ގިނަ ދާއިރާ ތަކަކަށް ޢަދާލަތު ޕާޓީން ނުކުންނާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް އަދިވެސް އެންމެ ފަހުވަގުތާއި ހަމައަށްވެސް މަޝްވަރާގެ މަތިން ކަންކަން ޙައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ޢަދާލަތު ޕާޓީން ވަނީ ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...