މި މަހުގެ އަށާރަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށި ތަކުން އިތުރު ނުވަ ވޯޓު ފޮއްޓެއް ކަނޑައިގެން ނަތީޖާ ޝީޓް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މިކަން ކަށަވަރު ކޮށްދެމުން އިލެކްޝަންސް ކޮމިޝަނުން ބުނީ މި ފޮށިތައް ކަނޑަން ނިންމާފައި ވަނީ މި ނުވަ ފޮށީގެ ނަތީޖާ ޝީޓް ތަކެއް އެ ކޮމިޝަނަށް ލިބިފައި ނުވާތީ ކަމަށެވެ.
އެގޮތުން މި ވޯޓު ފޮށިތަކާއި އެތެރޭގައިވާ ސެކިއުރިޓީ އުރަތަށް ކެނޑުމަށް ނިންމީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤަވާއިދުގެ ސާޅީސް ފަސް ވަނަ މާއްދާގެ ހ ގެ އެއްވަނަ މާއްދާ އާއި ހަތަރުވަނަ މާއްދާގައި ވާގޮތުގެ މަތިން އެދާއިރާތަކަށް ކުރިމަތިލީ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ނުވަ ފޮށި ކަނޑައިގެން ބަލާއިރު ވެސް ނަތީޖާ ޝީޓް ވޯޓުފޮށި ތެރެއިން ނުފެނިއްޖެ ނަމަ މި ފޮށިތަކުގައި ހުރި ވޯޓު ކަރުދާސް އަލުން ގުނަން ނިންމާފައި ވާކަމަށެވެ.
އެހެން ނަމަވެސް މި ފޮށިތައް ކަނޑާނެ ވަކި ވަގުތެއް އެ ކޮމިޝަނުން ޢާއްމު ކޮށް ހާމަކޮށްފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވެސް ވަނީ ނަތީޖާ ޝީޓް ނުފެނިގެން ބައެއް ވޯޓު ފޮށިތައް ހުޅުވައިގެން ބަލާފައެވެ.
އެ ކޮމިޝަނުން ބުނީ ނަތީޖާ ޝީޓް ތައް ލިބުމުގައި މައްސަލަ ތަކާއި ކުރިމަތި ވެފައި ވަނީ އެއްފަހަރާ ސަތާރަ ސަތޭކަ އަށް ވުރެ ގިނަ ނަތީޖާ ޝީޓް ފޮނުވުމުން އެ ތަކެތި ރިސީވް ކުރުމުގައި މައްސަލަ ތަކާއި ކުރިމަތި ވެގެން ކަމަށެވެ.
އިތުރު ނުވަ ވޯޓު ފޮއްޓެއް ކަނޑައިގެން ނަތީޖާ ޝީޓް ހޯދާ ނުފެނިއްޖެ ނަމަ އަލުން ވޯޓު ގުނަން ނިންމައިފި
ކޮމެންޓް (0)
ލޯޑް ކުރަމުން...