ރާއްޖޭގެ ޚަބަރު ޢަދާލަތު ޕާޓީން މަޝްވަރާ ކުރުމަށް އެދި ފޮނުވި ދެ ސިޓީއަށް ކޯލިޝަނުން ޖަވާބު ނުދޭ

ޢަދާލަތު ޕާޓީން މަޝްވަރާ ކުރުމަށް އެދި ފޮނުވި ދެ ސިޓީއަށް ކޯލިޝަނުން ޖަވާބު ނުދޭ

ޢަދާލަތު ޕާޓީން މަޝްވަރާ ކުރުމަށް އެދި ފޮނުވި ދެ ސިޓީއަށް ކޯލިޝަނުން ޖަވާބު ނުދޭ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ގުޅޭގޮތުން ސަރުކާރު ކޯލިޝަނުގައި މަޝްވަރާ ކޮށް ގޮތެއް ނިންމުމަށް އެދި އަދާލަތު ޕާޓީގެ ފަރާތުން ދެފަހަރަކު ކޯލިޝަނަށް ސިޓީ ފޮނުވާފައި ވާނެ ކަމަށާއި، އެހެން ނަމަވެސް އެއިން އެއްވެސް ސިޓީ އަކަށް މިހާތަނަށް ޖަވާބެއް ލިބިފައި ނުވާ ކަމަށް ޢަދާލަތު ޕާޓީން ބުނެފިއެވެ.

ޢަދާލަތު ޕާޓީން އިއްޔެ އެޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވީ،
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީގެ އިންތިޚާބަށް ސަރުކާރުގެ ކޯލިޝަނުން އެއް ކެންޑިޑޭޓުން ނެރުމާ މެދު ނުރަސްމީ މަޝްވަރާ ތަކެއް ކުރިއަށްދިޔަ ނަމަވެސް، ރަސްމީކޮށް މިހާތަނަށް ސަރުކާރު ކޯލިޝަނާއި އެކު އެއްވެސް މަޝްވަރާއެއް މިހާތަނަށް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ.

އަދާލަތު ޕާޓީން ބުނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސަރުކާރު ކޯލިޝަނުން ދާއިރާ ތަކަށް އެއް ކެނޑިޑޭޓަކު ނެރުމާމެދު، އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ގޮތެއް ކަނޑަ ނާޅައިފި ނަމަ، އަދާލަތު ޕާޓީން އިންތިޚާބުގައި ވާދަކުރުމާއި ގުޅޭގޮތުން ނިންމާ އެންމެ ފަހުގެ ނިންމުން އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ނިންމާނެ ކަމަށާއި، އެއަށް ފަހު އެކަން އިޢުލާނު ކުރާނެ ކަމަށެވެ.

އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އައްޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ، އަދާލަތު ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ތިރީސް ފަސް ބޭފުޅަކު ކުރިމަތިލުމަށް މިހާތަނަށް ޝައުގު ވެރިކަން ފާޅުކުރައްވާފައި ވާކަމަށާއި، އެހެން ނަމަވެސް އެކަމާ މެދު ގޮތެއް ކަނޑައަޅާފައި ނުވަނީ، ކޯލިޝަނުގެ ތެރެއިން މަޝްވަރާ ކޮށްގެން ކެނޑިޑޭޓުން ނެރުމުގެ ވިސްނުން ގެންގުޅޭތީ ކަމަށެވެ.
ޢަދާލަތު ޕާޓީން ބުނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީ ވަކިން އިންތިޚާބަށް ނުކުންނާނީ، ސަރުކާރު ކޯލިޝަން ތެރެއިން ޢަދާލަތު ޕާޓީއަށް ފުރުސަތު ނުލިބޭނ ެކަން ޔަގީންވުމުން ކަމަށާއި، އަދާލަތު ޕާޓީއަކީ އަބަދުވެސް މަޝްވަރާގެ މަތިން ކަންކަން ކުރާ ޕާޓީއެއްކަމުން، އެންމެ ފަހުވަގުތާ ހަމަ އަށްްވެސް ސަރުކާރު ކޯލިޝަނުގެ މަޝްވަރާއަށް އިންތިޒާރު ކުރަމުން ގެންދާނެ ކަމަށެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޢަދާލަތު ޕާޓީގެ ޓިކެޓު ހޯދުމުގެ ޝައުޤުވެރިކަން މިހާރުވެސް ތިރީސް ފަހަކަށްވުރެ ގިނަ ފަރާތްތަކުން ފާޅުކޮށްފައި ވާއިރު، މީގެ ތެރޭގައި ގިނައީ ޕީއެޗްޑީ އާއި މާސްޓާޒް އަދި ޑިގްރީ ފެންވަރަށް ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ތަޢުލީމީ ޤާބިލު ބޭފުޅުން ކަމަށް ޢަދާލަތު ޕާޓީން ކުރިން ވަނީ ބުނެފައެވެ.
އެެހެން ނަމަވެސް މި ހުރިހާ ބޭފުޅުންނަށް ސަރުކާރު ކޯލިޝަނުގެ ތެރެއިން ޢަދާލަތަށް ލިބޭ ފުރުޞަތެއްގެ ތެރެއިން ވާދަކުރެވިދާނެތޯ ނޫސްވެރިން ސުވާލު ކުރުމުން ޢަދާލަތު ޕާޓީގެ ރައީސް ވިދާޅުވީ، އެ ހުރިހާ ބޭފުޅުންނަށް ފުރުޞަތު ދެއްވުމަށް ޑިމާންޑް ނުކުރައްވާނެ ކަމަށާއި، އެ ޕާޓީން ކެންޑިޑޭޓުން ނެރޭނީ ސަރުކާރު ކޯލިޝަނުގައި މަޝްވަރާ ކޮށް މަޤްބޫލު ޢަދަދަކަށް އެ ޕާޓީއަށް ފުރުޞަތު ދޭން އެއްބަސްވާ ނަމަ އެ ޢަދަދަށް ކަމަށެވެ.
އެހެން ނަމަވެސް އެކަން ކަނޑައަޅާނީ ސަރުކާރު ކޯލިޝަނުގެ މަޝްވަރާގެ މޭޒުން ކަމަށް ޢަދާލަތު ޕާޓީން ވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.