ޕާކިސްތާނުގެ އިސްލާމްއާބާދުގައި ދިން ބަޑީގެ ހަމަލާއެއްގައި ހައްޤާނީ ވިއުގައިގެ އިސްފަރާތެއް ކަމަށްވާ ނާސިރުއްދީން ހައްޤާނީ އަވަހާރަކޮށްލައިފިއެވެ.
ނާސިރުއްދީން ހައްޤާނީ އަވަހާރަކޮށްލާފައިވާކަންވަނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ އޮފިޝަލެއްގެ އިތުރުން ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުންގެ ކޮމާންޑަރެއްވެސް ކަށަވަރު ކޮށްދީފައެވެ.
ނަމަވެސް މިދަނޑިވަޅުގައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ނާސިރުއްދީން ހައްޤާނީ ހުރުމަކީ ވޮޝިންޓަންއިން އިތުރު ސުވާލުތަކެއް އުފެދޭނެކަމެކެވެ.
އެމެރިކާގެ ޖާސޫސީ އިދާރާއިން އަބަދުވެސްދަނީ ހައްޤާނީ ވިއުގައިން ޕާކިސްތާނުގެ ޖާސޫސީ އިދާރާއަށް އެހީތެރިވެދޭ ކަމަށް ތުހުމަތު ކުރަމުންނެވެ. އެހެންނަމަވެސް މިހާތަނަށްވެސް އިސްލާމްއާބާދްއިން އައީ އެތުހުމަތުތައް ދޮގުކުރަމުންނެވެ.
ނާސިރުއްދީން ހައްޤާނީގެ މާރާއެކު ޕާކިސްތާނުގައި އެމެރިކާއާއި މެދު އިތުރު ސުވާލުތަކެއް އުފެދުމުގެ ޖާގަ އެބައޮތެވެ. އެހެނީ އޭނާއަކީ އެމެރިކާއިން ހައްޔަރުކުރަން ބޭނުންވާ މީހަކަށް ވުމާއި، އެމެރިކާއިން ޕާކިސްތާނުގައި ބޮޑު ޖާސޫސީ ވިއުގައެއް ހިންގާކަމަށް ޝައްކު ކުރެވިފައި އޮތުމުންނެވެ.
މިހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައި ނުވިޔަސް، ހައްޤާނީ ވިއުގައިގެ ހަނގުރާމަވެރިންނާއި ބައިވެރިންނަށް އަމާޒުކޮށްގެން ޕާކިސްތާނުގެ އުތުރު ވަޒަރިސްތާނުގައި އެމެރިކާއިން ދަނީ ޑްރޯން ހަމަލާތައް ދެމުންނެވެ.
ނާސިރުއްދީން ހައްޤާނީ ބައްޕަ ޖަލާލުއްދީން ހައްޤާނީ، ހައްޤާނީ ވިއުގައި އުފެއްދީ، ސޮވިއެޓުން 1979 ވަނަ އަހަރު އަފްޣާނިސްތާނަށް އަރާ އެޤައުމު އިސްތިއުމާރުމުން އެކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށެވެ. ހައްޤާނީ ވިއުގައަކީ ޑިމޮކްރަސީގެ ނަމުގައި އެމެރިކާއިން މުސްލިމް ޤައުމުތަކަށް އަރާ ކުރަމުންދާ ހަނގުރާމައިގައި އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ތެރެއިން އެމެރިކާއިން އެންމެ ޖެހިލުންވާ އެއް ޖަމާއަތެވެ. ނާސިރުއްދީން އަކީ މިޖަމާޢަތަށް ފައިސާގެ ގޮތުން އެހީވެދޭ ފަރާތެކެވެ. އަދި މިޖަމާޢަތުގެ މަންދޫބެއްވެސްމެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...