ކޮންމެ މީހަކީވެސް މިދުނިޔެ ދޫކޮށްފައި ދާން ޖެހޭނޭ މީހެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.
"ހިޖުރައިން ޢިބްރަތްތަކެއް ޙާޞިލްކުރަމާތޯ!" މިމަޢުޟޫގެ ދަށުން މިއަދު ކިޔާފައި މިވާ ޚުޠުބާގައި މީގެ އިތުރުން ގޮވާލާފައިވަނީ، މިދުނިޔޭގެ ޙަޔާތަށްފަހު އެނބުރި ދިއުންވަނީ ކޮންތާކަށްކަމާމެދު ވިސްނަންވާނެ ކަމަށާއި، އެތާނގައި ބާއްޖަވެރި ދިރިއުޅުމެއް ލިބޭނެ ގޮތަކީ ކޮބައިކަމާމެދު ވިސްނައި އެކަމަށް މަސައްކަތްކުރަންވާނެކަމަށެވެ.
އިންސާނާގެ ޙަޔާތުން ފާއިތުވެދާ ކޮންމެ ހިނދުކޮޅަކީވެސް އަނބުރާ ލިބޭނެ އެއްޗެއް ނޫންކަން ހަނދާންކޮށްދެމުން، ޚުޠުބާގައި ބުނެފައިވަނީ އެއިން ކޮންމެ ހިނދުކޮޅަކީ މިދުނިޔެއާ ދުރަށް އިންސާނާ ގެންގޮސް އާޚިރަތާ ގާތްކުރާ އެއްޗަކަށްވާތީ، އިންސާނާގެ ހަޔާތުން އަހަރެއް ފާއިތުވެ އައު އަހަރަކާ ކުރިމަތިލާއިރު ފުންކޮށް ވިސްނާ ޢިބްރަތްތަކެއް ލިބިގަންނަންޖެހޭ ކަމަށެވެ.
"ކަންމިހެން އޮތުމާއެކު، ބުއްދިވެރިންގެ ގޮތަކީ ޙަޔާތުން ފާއިތުވެދާ ކޮންމެ ދުވަހެއްގެ ހިސާބު އެދުވަހަކު ބަލައި، ކޮންމެ ދުވަހެއްގައިމެ ތިމާއަށް ކުރެވިފައިވާ ކަންކަމާމެދު ވިސްނައި ފިކުރުކޮށް ހެދުމެވެ. ﷲ ރުއްސަވާ ވޮޑިގެންނުވާ ގޮތެއްގައި، ތިމާގެ ޙަޔާތުން އެންމެ ހިނދުކޮޅެއްވެސް ހޭދަކުރެވިފައިވާނަމަ، އެކަމެއް މުރާޖަޢާކޮށް އެކަމާމެދު ހިތާމަކޮށް، ކުރިއަށް އޮތް ތާނގައި އެފަދަކަމަކަށް އަރައިނުގަތުމަށް ޢަޒުމް ކަނޑައެޅުމެވެ. އާދެ! ތިމާގެ ނަފްސު އިޞްލާޙުކުރުމަށް މަސައްކަތްކުރުމެވެ. ﷲ ރުއްސަވާ ވޮޑިގެންވާ ކަންކަމުގައި، ޙަޔާތުގެ ވަގުތުތައް ހޭދަކުރެވިފައިވާނަމަ އެކަމަށް ޝުކުރުކޮށް، އިތުރު ހިތްވަރަކާއެކު، ކުރިއަށް ދިއުމަށް މަސައްކަތް ކުރުމެވެ." ޚުޠުބާގައި ވެއެވެ.
މިއަދުގެ ޚުޠުބާގައިވަނީ ހިޖްރައިގެ މަތިވެރި ޙާދިޘާގެ ޒިކުރާ އައުކޮށްފައެވެ. އަދި އެއީ މަދީނާގައި އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެން ދިޔަ ޙާދިޘާކަމުގައި ފާހަގަކޮށްފައިވެއެވެ.
އަދި މުޙައްރަމް މަހުގެ 10 ވަނަ ދުވަސްކަމުގައިވާ ޢާޝޫރާ ދުވަހާއި، މުޙައްރަމް މަހުގެ 9 ވަނަ ދުވަސްކަމުގައިވާ ތާސޫޢާ ދުވަހު ރޯދަހިފުމީ ސުންނަތްކަމެއްކަން މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ. ޢާޝޫރާ ދުވަހުގެ ރޯދައަށް ހުރުމުގެ ސުންނަތް ޙާޞިލްކުރަން އެދޭ މީހާއަށް އޮތީ "މުހައްރަމްމަހުގެ 10 ވަނަ ދުވަހާއި އެދުވަހުގެ ކުރިން ނުވަތަ ފަހުން އެއްދުވަހު ރޯދަ ހިފުން" ކަމުގައި ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...