ދަރުސް ޚަބަރު އަޅުގަނޑުމެން ލޯބިވާ ފަރާތްތަކާއި، ލޯބިވާ ކަންކަމަށްޓަކާ އާޚިރަތް ބަރުބާދުކޮށްގެން ނުވާނެ: ޝެއިޚް ޝަމީމް

އަޅުގަނޑުމެން ލޯބިވާ ފަރާތްތަކާއި، ލޯބިވާ ކަންކަމަށްޓަކާ އާޚިރަތް ބަރުބާދުކޮށްގެން ނުވާނެ: ޝެއިޚް ޝަމީމް

އަޅުގަނޑުމެން ލޯބިވާ ފަރާތްތަކާއި، ލޯބިވާ ކަންކަމަށްޓަކާ އާޚިރަތް ބަރުބާދުކޮށްގެން ނުވާނެ: ޝެއިޚް ޝަމީމް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 އަޅުގަނޑުމެން ލޯބިވާ ފަރާތްތަކާއި، ލޯބިވާ އެއްޗެއްސާއި ލޯބިވާ ކަންކަމަށްޓަކާ އާޚިރަތް ބަރުބާދުކޮށްނުލުމަށް ފަޟީލަތުއްޝައިޚް އާދަމް ޝަމީމް އިބްރާހީމް ނަޞޭޙަތްތެރިވެވަޑައިގެންފިއެވެ. ޝެއިޚް މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ، "ﷲގެ ޙަޟްރަތަށް އަވަސްވޭ!"ގެ މަޢުޟޫގެ ދަށުން ބޭއްވި ދަރުސްގައި ވާހަކަދައްކަވަމުންނެވެ.

ﷲގެ ޙަޟްރަތަށް ހިނގާފަދާކަށް ނުވަތަ ފިރުކިފަ ދާކަށް ނުވަތަ ކަންނެތްކަމާއެކު ދާކަށް އެކަލާނގެ ގޮވާނުލައްވާކަމަށާއި، ﷲގެ ޙަޟްރަތަށް ދާންވާނީ މީހަކަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކާތެރިކަމުން ސަލާމަތްތެރިވުމަށްޓަކާ އެމަޖެންސީ ޙާލަތުގައި ސަލާމަތުގެ މަގު އިޚްތިޔާރުކުރާ ފަދައިންކަމަށް ޝެއިޚް ވިދާޅުވިއެވެ. އަދި އެކަލާނގެ ޙަޟްރަތަށް ދިޔުމަށްޓަކާ އެކަލާނގެ ހަމައެކަނި ގޮވާލެއްވީ ނޫންކަމަށާއި، އެކަލާނގެ ޙަޟްރަތަށް ދާންވީ މަގު ހޯދާންވީ ގޮތްވެސް ބަޔާންކޮށްދެއްވިކަމަށް ވިދާޅުވިއެވެ.

ފޮޓޯއިން: ޝައިޚް އާދަމް ޝަމީމްގެ ދަރުސް “ﷲ ގެ ޙަޟްރަތަށް އަވަސްވޭ”

"...އަދި އެކަލާނގެ ޙަޟްރަތަށް ދިޔުމަށްޓަކާ އަޅުގަނޑުމެންގެ އަމިއްލަ ޙަވާ، އަޅުގަނޑުމެންގެ އަމިއްލަ އާދަކާދަ، ނުވަތަ އަޅުގަނޑުމެން އަމިއްލައަށް އުފައްދައިގެން އުޅޭ ވިސްނުމެއް ފިކުރެއް، ނުވަތަ އަޅުގަނޑުމެންގެ އަތުގައި އޮތްހާ ނިޒާމެއް، ބޭނުންހާ ނިޒާމެއް ބޭނުންކޮށްގެން އެކަލާނގެ ޙަޟްރަތަށް ނުދެވޭ. އެކަލާނގެ ޙަޟްރަތަށް ދެވެނީ އެކަލާނގެ ބާވާލެއްވި މަގު، އެކަލާނގެ ދެއްކެވި މަގު، އެކަލާނގެ ދެއްކެވި ހިދާޔަތާ އެކީގައި..." ޝެއިޚް ވިދާޅުވިއެވެ.

އެކަލާނގެ ދެކެ ޙަޤީޤީ ލޯބިވާ ނަމަ، އެކަލާނގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އަމުރުތަކަށް ކިޔަމަންނުވާ އިދިކޮޅު ޤައުމުތަކާއި ޤަބީލާތަކާ  ދުރުވާން ޖެހޭނެކަމަށް ޝެއިޚް ވިދާޅުވިއެވެ.

"ކިހިނެއްތޯ އެއް ހިތެއްގައި މާތްﷲގެ ލޯއްބާއި، އެކަލާނގެ ޢަދާވާތްތެރިންގެ ލޯބި ޖަމާކުރާނީ؟ އެއީ ނުވާނެކަމެއް. އެއްހިތެއްގައި ތިބާގެ ލޯބިވެރިޔާއާއި ލޯބިވެރިޔާގެ ޢަދާވަތްތެރިޔާގެ ލޯބި ކިހިނެއްތޯ ޖަމާކުރާނީ؟ އެއީ ނުވާނެ ކަމެއް."

ﷲގެ އަޅުތަކުން މަގުފުރެއްދުމަށް މަސައްކަތްކުރަނީ ހަމައެކަނި ޝައިޠާނާ ނޫންކަމަށް ޝެއިޚް ވިދާޅުވިއެވެ.
"ޝައިޠާނާ، އިބިލީސް އޭނަ އެކަންޏެއް ނޫން އަޅުގަނޑުމެން މަގުފުރެއްދުމަށްޓަކާ މަސައްކަތްކުރަނީ. އޭނައާ އެކުގަ އޭނަގެ ޙިޒްބެއްވޭ، އޭނާގެ ޕާރޓީއެއްވޭ، އޭނާގެ ޖަމާޢަތެއްވޭ. އެޖަމާޢަތުގެ މީހުން، އެޕާރޓީގެ މީހުން އެހުރިހާ އެންމެން ރެއާ ދުވާލު ﷲގެ އަޅުތަކުން މަގުފުރެއްދުމަށް މަސައްކަތްކުރޭ."

އިންސާނުންގެ ބަލިފައިތައްވާކަމަށާއި، އެކި އިންސާނުންގެ ހުންނަ އެކި އެދުންތައް ދައްކައިގެން އެމީހެއްގެ ދުވަސްދުއްވާލުމަށް ޝައިޠާނާއާއި އޭނާގެ ޖަމާޢަތުން މަސައްކަތްކުރާ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

ނަމަވެސް މުއުމިނެއް ވެއްޖެނަމަ، ހަނދުމަކޮށްދިނުމުން ފައިދާކުރާނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ. އަދި ހަނދުމަކޮށްދިނުމުން ފައިދާނުކުރަނީ ހިތުގައި އީމާންކަމެއް ނެތް މީހުންކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ. އަދި ދެވޭ ކޮންމެ ދީނީ ނަޞޭޙަތަކަށް ރައްދު ދޭ ބަޔަކު ވާކަމަށާއި، އޭނާ އެއިދިކޮޅު ހަދަނީ ﷲގެ ބަސްފުޅުތަކަށްކަމަށް ޝެއިޚް ސިފަކުރެއްވިއެވެ.

"ޤުރުއާނާއި ސުންނަތަށް އިޙްތިރާމްކުރަންޖެހޭ. ޤުރުއާނާއި ސުންނަތުގެ އަހުލުވެރިންނަށް އިޙްތިރާމްކުރަން ޖެހޭ. އެއަށް ގޮވާ ކޮންމެ ދާޢީއަކަށް ކޮންމެ ފަރުދަކަށް އިޙްތިރާމްކުރަން ޖެހޭ. އެލޯބި ތިބާގެ ހިތުގައި ނެތިއްޖެއްޔާ، ތިބާ ﷲ ސުބުޙާނަހޫ ވަތަޢާލާދެކެ ލޯބިވާކަމުގައި ކުރާ ދަޢުވާ އެހާ ތެދުވެރިއެއް ނޫން. އޭގައި އެބައުޅޭ މައްސަލައެއް." ޝެއިޚް ވިދާޅުވިއެވެ.

3 ޓީވީ ޗެނަލަކުން ލައިވްކޮށްވެސް ދުރަށްދައްކާފައިވާ މިދަރުސްއަކީ  ޔޫތު އެމްޕަވަރ މޫވްމަންޓްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި ދަރުސެކެވެ. މިދަރުސް އަޑުއެހުމަށް ގިނަ ޢަދަދެއްގެ ބަޔަކު ދަރުބާރުގެއަށް ޙާޟިރުވެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.