މާވަށުދާއިރާގެ އިއްޒަތްތެރި މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު، ވަޒީފާއާބެހޭ ޤާނޫނަށް ހުށައެޅުއްވި އިސްލާހު ވަގުތުން ނެންގެވުމަށް ޓީޗާރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އިން ގޮވާލައިފިއެވެ.
އެ އެސޯސިއޭޝަނުން މިއަދު ނެރުއްވާފައިވާ ނޫސްބަޔާނުގައި ވަނީ އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ހުށައަޅުއްވައިފައިވާ އިސްލާހު އަނބުރާ ނުނަންގަވާ، އިތުރަށް ހިނގާ ކޮންމެ ދުވަހަކީ ރާއްޖޭގެ މަސައްކަތްތެރިން މި އިސްލާހާ ދެކޮޅަށް ނުރުހުން ފާޅުކުރުން އިތުރުވެ، އިޙްތިޖާޖު ކުރުމަށް ހުޅުވައިލެވޭ ދޮރެއްކަމަށެވެ.
ޓީޗަރސް އެސޯސިއޭޝަންގެ ރައީސް ޢާޠިފް ޢަބްދުލްޙަކީމް ސޮއިކުރައްވާ މިއަދު ނެރުއްވައިފައިވާ ނޫސްބަޔާނުގައި ވަޒީފާއާބެހޭ ޤާނޫނުގައި މުވައްޒަފުންނަށް ޙައްޤުތަކެއް ލިބިފައިވީނަމަވެސް، އެޙައްޤުތައް ތަންފީޒު ކުރެވެމުންނުދާ ހިނދު، މިފަދަ އިސްލާޙު މަޖިލީހަށް ހުށައަޅުއްވައިގެން، މުވައްޒަފުން ނިކަމެތިކޮށް އިތުރަށް ނުތަނަވަސް ކުރުވަން މަސައްކަތް ނުކުރުމަށް ގޮވާލައިފައިވެއެވެ.
ހަމަމިއާއެކު މަސައްކަތްތެރިންގެ ޙައްޤުތަކަށް އުނިކަން ގެންނައުމަށް ހިންގޭ މިފަދަ ބޮޑެތި ޖަރީމާތަކާމެދު މިހާރަށްވުރެން ބޮޑަށް، މަސައްކަތްތެރިން ހޭލައި ތިބުމާއެކު ފަރުދީ ހައިސިއްޔަތުން ކުރެވެންހުރި ކަންތައްތައް ކުރުމަށް މި ނޫސްބަޔާނުގައި އިލްތިމާސް ކުރައްވާފައިވެއެވެ.
މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރު ހުށައަޅުއްވާފައިވާ އިސްލާހުގައިވަނީ އަހަރީ ޗުއްޓީ 20 ދުވަހަށް ކުޑަކުރުމަށާއި ސެޓްފިކެޓް ނެތި ސަލާމް ބުނެވޭނެ ދުވަހުގެ އަދަދު 15 އަށް ކުޑަކުރުމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...