"ބާޣީ" ގޮވާ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ އަބުރާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބެހުނުކަމަށް ބުނެ އެކަމުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 3،750،000ރ. ނަގައިދިނުމަށް ސީޕީ ރިޔާޒު ސިވިލް ކޯޓުގައި އެދިވަޑައިގެންފި އެވެ.
ސިވިލް ކޯޓުގައި އިއްޔެ އޮތް ޝަރީއަތުގެ އަޑުއެހުމުގައި ރިޔާޒުގެ ގާނޫނީ ވަކީލު އަރީފް އަހްމަދު ނަސީމް ވިދާޅުވީ ކޯނީގެ ރިޕޯޓު ނެރު ދުވަހާއި ޖެހިގެން އައި ދުވަހުގެ ރޭ (އޮގަސްޓު މަހުގެ 31) އުސްފަސްގަނޑުގައި ބޭއްވި އެއްވުމުގައި ރައީސް ނަޝީދު ރިޔާޒާއި ދިމާއަށް ”ބާޣީއޭ” ގޮވުމުގެ ސަބަބުން އޭނާގެ އަބުރާ އިއްޒަތް ގެއްލި ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.
ރިޔާޒުގެ ވަކީލު އިތުރަށް ވިދާޅުވީ ނަޝީދުގެ އެ ވާހަތަކުގެ ސަބަބުން ރިޔާޒުގެ އާއިލާއަށް ގެއްލުންދީފާނެ ކަމުގެ ބިރުހީވެގެން އޭނާގެ ގޭގެ ސެކިއުރިޓީ ވަރުގަދަކުރަން ވެސް ޖެހުނު ކަމަށެވެ.
އިއްޔެގެ ޝަރީއަތުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުންވަނީ ރިޔާޒަށް ލިބިވަޑައިގެންނެވި ގެއްލުމުގެ ތަފްސީލު ހުށަހެޅުމަށް އެދިފައެވެ.އަދި މި އަޑުއެހުން ނިންމާލާފައިވަނީ ދެން އޮންނަ އަޑުއެހުމެއްގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ލިޔުމުން ޖަވާބުދާރީވާން ފުރުސަތު ދިނުމަށްފަހުއެވެ.
"ބާޣީއަށް" ގޮވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު ވެސްވަނީރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...