ރާއްޖޭގެ ޚަބަރު ވީހާވެސް ގިނަ ޤައުމުތަކުން، ގިނަ ބަޔަކު އަޤްސާއަށް ޒިޔާރަތްކުރަންޖެހޭ: ޑރ.މަޙްމޫދު އަލްހައްބާޝް

ވީހާވެސް ގިނަ ޤައުމުތަކުން، ގިނަ ބަޔަކު އަޤްސާއަށް ޒިޔާރަތްކުރަންޖެހޭ: ޑރ.މަޙްމޫދު އަލްހައްބާޝް

ވީހާވެސް ގިނަ ޤައުމުތަކުން، ގިނަ ބަޔަކު އަޤްސާއަށް ޒިޔާރަތްކުރަންޖެހޭ: ޑރ.މަޙްމޫދު އަލްހައްބާޝް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނާއި އަޤްސާއާއި މެދު ދެކެވެމުންދާ ދޮގު ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ވީހާވެސް ގިނަ ޤައުމުތަކުން، ވީހާވެސް ގިނަ ބަޔަކު މަސްޖިދުލް އަޤްޞާއަށް ޒިޔާރަތް ކުރުމަށް ފަލަސްތީނުގެ ވުޒާރަތުލް އަވްޤާފު ވައްދީނިއްޔާގެ މިނިސްޓަރ ޑރ. މަޙްމޫދު އަލްހައްބާޝް ގޮވާލައްވާއިފިއެވެ.

ޑރ.މަޙްމޫދު އަލްހައްބާޝް މިކަމަށް ގޮވާލައްވާފައިވަނީ މިއަދު ޓްރޭޑާސް ހޮޓަލުގައި މޯލްޑިވްސް ފެލަސްޓައިން ބުރަދަރހުޑް އެސީސިއޭޝަން (އެމްޕީބީއޭ) ގެ ފަރާތުން ޑރ. މަޙްމޫދު އަލްހައްބާޝް އަށް އެރުއްވި ޚާއްޞަ ފަރިއްކޮޅެއްގައި ވާހަކަދައްކަވަމުންނެވެ.

މި ފަރިއްކޮޅުގައި ވާހަކަދައްކަވަމުން، ދުނިޔޭގެ އެކި ޤައުމުތަކުގެ މީހުންގެ މެދުގައި ފަލަޞްޠީނާއި މަސްޖިދުލް އަޤްޞާއާއި ބެހޭގޮތުން އަރާފައިވާ އޮޅުންތަކުގެ ވާހަކަވެސް އަލްހައްބާޝް ވަނީ ދައްކަވާފައެވެ. އެގޮތުން ޔަހޫދީން ކުރަމުންދާ ކަންތައްތަކުގެ ތެރޭގައި ދާދި ފަހުން މަސްޖިދުލް އަޤްޞާ ދެބައި ކުރުމަށް ކުރަން ފެށި މަސައްކަތަށް އަލިއަޅުއްވާލައްވާ އެކަން ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން މަސްޖިދުލް އަޤްޞާއަށް ގިނަ ގިނައިން ޒިޔާރަތް ކުރުމަށް ގޮވާލައްވާ ޑރ. އަލްހައްބާޝް ވިދާޅުވީ ގިނަ މުސްލިމުން މަސްޖިދުލް އަޤްޞާ އާް ޒިޔާރަތް ކުރަން ފެށުމުން، ޔަހޫދީންނަށް މިހާރު އެމީހުން އެ ކުރިޔަށް ގެންދާ ހަރަކާތްތައް ހުއްޓުމަށް ބާރަކަށް ވެގެން ދާނެކަމަށް ދެކެލައްވާކަމުގައެވެ. މަސްޖިދުލް އަޤްޞާގައި ނަމާދު ކުރުމަށް ހުރަސް އަޅައިފިނަމަ ބައިނަލް އަޤްވާމީ ކޯޓުތަކުގައި މައްސަލަ ޖެއްސުމުގެ ބާރާއި އިޚްތިޔާރު ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާކަމަށް އަލްހައްބާޝް ގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

އަލްހައްބާޝް ވަނީ މިއަހަރުގެ ޖޫންމަހު ރާމައްﷲ ގައި ބާއްވާ ކޮންފަރެންސެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ދައުވަތު ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މީގެ އިތުރުން މޯލްޑިވްސް ޕަލަސްޓައިން ބުރަދަރހުޑް އެސީސިއޭޝަން (އެމްޕީބީއޭ) އަށްވެސް މި ފުރުސަތު ލިބިގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. މަޙްމޫދު އަލްހައްބާޝް ވަނީ އެމްޕީބީއޭ އިން ކޮއްފައިވާ އަދި ކުރަމުން ގެންދަވާ ކަންތައްތަކުގެ އަގު ވަޒަން ކުރައްވާ، އަދިވެސް އިތުރަށް މަސައްކަތް ކުރެއްވުމަމަށް އެދި ވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ފަލަޞްޠީން ސަރުކާރުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަންވަރުލްޣާ ވަނީ ދިވެހި ރާއްޖެއިން ފަލަޞްޠީނުގެ ރައްޔިތުންގެ ޙައްޤު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތަށް ތަޢުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އަދި މިނިސްޓަރގެ ވާހަކަފުޅުގައި ފަލަޞްޠީނުގެ މައްސަލަ ފެށިގެން އައިގޮތާއި އަދި މިއަދާ ހަމަޔަށް އައިއިރު ގުދުސްގެ ހާލަތު އޮތް ގޮތާއި ބެހޭ ގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ޑރ. މަޙްމޫދު އަލްހައްބާޝް ރާއްޖެއަށް ކުރެއްވި މި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.