ޤައުމު އިޞްލާޙުވުން އޮތީ ނަފުސުތައް އިޞްލާޙުވެގެންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.
އެއްވެސް ޤައުމެއް، އަދި އެއްވެސް މުޖްތަމަޢެއް، އަދި އެއްވެސް ރަށެއް، އަދި އެއްވެސް އަވަށެއް އޭގެ ޒާތުން ގޯސްވެގެން ނުދާކަމަށާއި އެހެނެއްކަމަކު، ގޯސްވެގެން ދަނީ އެ ޤައުމަކަށް ނިސްބަތްވާ ނުވަތަ އެރަށެއްގައި އުޅޭ އިންސާނުން ކޮށްއުޅޭ ބައެއްކަހަލަ ޢަމަލުތައް ކަމަށްވެސް ހުކުރު ޚުޠުބާ ގައިވެއެވެ.
ޤައުމެއްގެ ސިފަ ޖެހިގެން އަންނަނީ އިންސާނުންގެ ޖަމާޢަތަކަށް ކަމަށާއި، ޤައުމެކޭ ކިޔައިއުޅެނީ އެއްކަހަލަ ސަޤާފަތެއްގެ ވެރި، އެއްކަހަލަ އާދަކާދަތަކަކަށް ހޭނިފައިތިބި އިންސާނީ ޖަމާޢަތްތަކަށް ކަމަށާއި، މިގޮތުން މި ޤައުމުގައި ވެސް އިޞްލާޙު ކުރުމަށް ހުރިކަންތައްތަކަކީ ކޮބައިކަން ދެނެގަންނަށް ޖެހޭކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލެއްވިއެވެ.
"ތިމާމެންގެ ވަށައިގެން ހިނގާކަން ކަމާއި ފެންނަމުންދާ މަންޒަރުތަކާމެދު ވިސްނައި ފިކުރު ހިންގާނުލައި ތިބެން ހެޔޮވެދާނެތޯއެވެ؟ އަޅުގަނޑުމެންގެ މުޖްތަމަޢުން ފާޅުވަމުން މިދާ ކަންކަމާއި ފެންނަމުންމިދާ މަންޒަރުތަކަކީ، އަޅުގަޑުމެންގެ ދީނާއި އެ ދީނުގެ ރީތި އާދަކާދަތަކާ ކިހާ އެއްގޮތްކަން ތައްތަކެއްތޯ ނުވަތަ ކިހާ އިދިކޮޅު ކަންތައްތަކެއްތޯ ބަލާނުލައި ތިބެން ހެޔޮވެދާނެތޯއެވެ؟ މުޖްތަމަޢުގައި ހިނގާ އެކި ބާވަތްބާވަތުގެ ނޭއްގާނީ ކަންކަމާއި، ވައްކަމާއި ފޭރުމާއި ޚިޔާނަތާއި، ބަދު އަޚްލާޤީ އެންމެހައި ފާޙިޝް ކަންކަމާއި، މަސްތުވެގަތުމަށް ކުރެވޭ ހަޑިހުތުރު ކަންކަމާއި، މާރާމާރީއާއި، މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމާއި، މީސްމީހުންގެ އަމިއްލަ ތަކެއްޗަށާއި މިލްކިއްޔާތަށާއި ދައުލަތުގެ ތަކެއްޗަށް ގެއްލުންދޭބަޔަކު ގެއްލުންދީ އުޅެނީ ކީއްވެތޯ ބަލައިނުލައި ތިބެން ހެޔޮވާނެތޯއެވެ؟ ހެދި ބޮޑުވަމުން އަންނަ ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުންގެ އަޚްލާޤާއި، ސުލޫކު ފާލުން ނެއްޓިގެންދަނީ ކީއްވެތޯއާއި މިކަންކަމުން މުޅި ޤައުމު ސަލާމަތްކުރުމަށް އޮތް މަގަކީ އަދި ޙައްލަކީ ކޮބައިތޯ ސުވާލުކޮށްނުލައި ތިބެން ހެޔޮވެދާނެހެއްޔެވެ" މިއަދުގެ ހުކުރު ޚުޠުބާގައިވެއެވެ.
މިދިވެހި ޤައުމު އުފެދިފައިވަނީ، ދިވެހީންގެ މައްޗަށް މި ޤައުމުގެ މީހުންގެ ހިތްތައް ހިދާޔަތުގެ ނޫރުން މާތް الله އަލިކޮށް ދެއްވީއްސުރެން މިތިބީ އެކަލާނގެ ރަޙުމަތްފުޅާއެކު އިސްލާމްދީން މަތީގައި، އޭރުއްސުރެ މިދިވެހި ޤައުމުގެ ފަރުދުން ތަބާވަމުން މިދަނީ އެއްދީނަކަށް، އެހެންކަމާއެކު، މި މާތް ދީނުގެ ހިޔަލުގައި ތިބެގެން ޤައުމު އިޞްލާޙު ކުރުމާމެދު ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި، މިގޮތުން މި ޤައުމުގައި އިޞްލާޙު ކުރުމަށް ހުރިކަންތައްތަކަކީ ކޮބައިކަން ދެނެގަންނަށް އެބަޖެހޭ" ހުކުރު ޚުޠުބާގައި ވެއެވެ.
ވަރަށް ފުރިހަމަކަމާއެކު އަދި ޠާހިރުކަމާއެކު ފިޠުރަތުގެ ސާފުކަންމަތީ ދުނިޔެއަށް އަންނަ އިންސާނާގެ ނަފްސު ތަޣައްޔަރުވެގެންދަނީ ކިހިނެއްކަމާއި އެތަޣައްޔަރު ވުމުން މިންޖުވުމުގެ މަގު ބަޔާންކޮށް ދެއްވަމުން ކީރިތި رسول الله ޙަދީޘްކުރައްވައިފައިވަނީ މިފަދައިންނެވެ. [أَلاَ إِنَّ فِي الْجَسَدِ مُضْغَة إِذاَ صَلُحَتْ صَلُحَ الْجَسَدُ كُلُّهُ، وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ، أَلاَ وَهِيَ الْقَلْبُ] () މާނައީ: "ދަންނާށެވެ! ހަމަކަށަވަރުން ކަށިނެތް ހެފޭ ޒާތުގެ ހަރު މަސްކޮޅެއް ހަށިގަނޑުގައިވެއެވެ. އެމަސްކޮޅު އިޞްލާޙު ވެއްޖެނަމަ، މުޅިހަށިގަނޑު އިޞްލާޙުވެދެއެވެ. އަދި އެ މަސްކޮޅު ފާސިދުވެއްޖެނަމަ، މުޅިހަށިގަނޑު ފާސިދުވެދެއެވެ. ދަންނާށެވެ! އެއީ ހިތެވެ." މިއަދުގެ ހުކުރު ޚުޠުބާގައި ވެއެވެ.
ޤައުމެއްގެ ޙާލަތު ބަދަލުކުރުމުގެ މައުޟޫޢާ ގުޅިގެން މާތް الله ގެ ވަޙީ ބަސްފުޅެއްގެ މާނަ ގެންނަވާ މިއަދުގެ ހުކުރު ޚުޠުބާ ވަނީ "ހަމަކަށަވަރުން ބަޔަކު މީހުންގެ ޙާލަތު އެބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާނދެން الله ، އެ ޙާލަތު ބަދަލެއް ނުކުރައްވަތެވެ."
އަދި މި އާޔަތުގައި ބަޔާން ވެގެންވަނީ، މި ދުނިޔެއާއި މި ދުނިޔެ އާރާސްތު ކުރުމަށް ދުނިޔޭގައި ލެއްވިހައި އިންސާނުން ހައްދަވާފައިވަނީ ވަރަށް ފުރިހަމަކަމާ އެކުގައިކަމަށާއި، މިދުނިޔޭގައި ލެއްވިގެންވާ ރަނގަޅު ކަންތައް ތަޣައްޔަރު ކުރީ އިންސާނުންގެ ޢަމަލުތަކުންކަމަށް ސާބިތުވާ ކަމަށްވެސް މިއަދުގެ ހުކުރު ޚުޠުބާގައި ހާމަކުރެއްވިއެވެ.
އިންސާނީ މުޖްތަމަޢުތައް އިޞްލާޙުކުރަންފެށޭ ހިސާބަކީ، ކޮންމެ އިންސާނެއްގެ އަމިއްލަ ނަފްސުކަމަށާއި، ޢާއިލާއާއި، މުޖްތަމަޢާއި، ޤައުމާއި، މުޅި ދުނިޔެ އިޞްލާޙުކުރުން ފެށޭހިސާބަކީވެސް އިންސާނާގެ އަމިއްލަ ނަފްސުކަމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.
މާތް الله އެބޭކަލަކަށް ރުއްސުންލެއްވި أنس بن مالك ގެ އަރިހުން އަލްއިމާމުއް ޠަބަރާނީ ރިވާކުރައްވައިފައިވާ ޙަދީޘެއް ގެންނަވާ މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެ، އިންސާނާ ހަލާކާ ދިމާއަށް، އަދި ކާމިޔާބީއާ ދިމާއަށް ގެންދާ ތިން ކަމެއްވެއެވެ. ފަހެ، ހަލާކާ ދިމާއަށް ގެންދާ ތިންކަމަކީ، ދުނިޔޭގެ އެދުންތަކަށް ގޮސްހުސްވެ ދިޔުމާއި، ހަވާނަފުސުގެ އެދުންތަކަށް އިޖާބަ ދިނުމާއި، އަމިއްލަ ނަފްސުގެ މޮޅުކަން އަމިއްލައަށް ފެނި ބޮޑާވެގަތުން ކަމަށެވެ.
އަދި ކާމިޔާބީއާ ދިމާއަށް ގެންދާ ތިންކަމަކީ، ސިއްރާއި ފާޅުގައި މާތް الله އަށް ބިރުވެތިވުމާއި، ރުޅިއައިސްގެންވާ ޙާލުގައިވިޔަސް ނުވަތަ ހިތްހަމަޖެހިގެންވާ ޙާލުގައިވިޔަސް އިންސާފުން ކަންކަންކުރުމާއި، ފަޤީރުކަމާއި ތަނަވަސްކަމުގެ ވަގުތުގައި ވެސް ބަލައިގެން ޚަރަދުކުރުން ކަމުގައި މިއަދުގެ ޚުޠުބާގައި ވެއެވެ.
އިންސާނީ ނަފްސު އިޞްލާޙު ކުރުމުގެ ޖިހާދެއް ފަށަންވެއްޖެކަމަށާއި، ނަފްސު އިޞްލާޙުކުރުމުގެ ޖިހާދަށްވުރެ މުހިންމު ޖިހާދެއް ނެތްކަމަށް ހާމަކުރައްވާ ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވާ މި ޙަދީޘް " (الْمُجَاهِدُ مَنْ جَاهَدَ نَفْسَهُ لِلَّهِ)"ވަނީ އޭގެ މާނަ ("ޙަޤީޤީ މުޖާހިދަކީ الله އަށްޓަކައި ތިމާގެ ހަވާނަފްސާ ދެކޮޅަށް ޖިހާދުކުރާ މީހާއެވެ.") އާއި އެކުގެންނަވާފައެވެ.
އަދި އެންމެ މުހިންމު ވެގެންވަނީ، ހަވާނަފުސުގެ މައްޗަށް ގަދަވެގަނެ ތިމާއަށް އަމުރުކުރާ ފަރާތަކީ ތިމާގެ ހަވާނަފުސުކަމުގައި ވިޔަނުދީ، ނަފްސާ އިދިކޮޅަށް ގަދައަޅާ މަސައްކަތްކުރުމުގައި ކާމިޔާބު ހޯދުމަށް ވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ވަރަށް ގަދައަޅާ ގޮވަލައްވާފައެވެ.
މިއަދުގެ ހުކުރު ޚުޠުބާ ލިޔުއްވާފައިވަނީ ދީނީ ރޮގުން ތަޢުލީމު ޙާސިލުކުރައްވާފައިވާ ބޭފުޅެއް ކަމުގައިވާ އައްޝައިޚް އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...