އިޒްރޭލުން އެމެރިކާގެ ބަސް ނޭހުމުން އެމެރިކާ ގޮތް ހުސްވެފައިކަމަށް މުރާސިލުން ބުނަން ފަށައިފިއެވެ.
އިޒްރޭލާއި ފަލަސްތީނާއި ދެމެދު ސުލްހަ ޤާއިމު ކުރުމަށްޓަކައި މެދުވެރިއެއްގެ ރޯލް އަދާކުރަމުންދާ އެމެރިކާގެ އެންގުންތަކަށްވެސް އިޒްރޭލުން ބޯނުލަނބާތީ އެމެރިކާއަށް ދަނީ ތަފާތު ފާޑުކިޔުންތައް އަމާޒުވަމުންނެވެ. ސުލްހައިގެ ވާހަކަތައް ފަށާ ކޮންމެ ފަހަރަކު އިޒްރޭލުގެ ސަބަބުން ކޮންމެ ފަހަރަކުވެސް ވާހަކަތައް ހުއްޓާލަން ޖެހޭއިރު އިޒްރޭލުން އެއްވެސް އެއްބަސްވުމަކަށް އިހްތިރާމް ކުރާތަނެއް ނުފެނެއެވެ. އެމެރިކާ މެދުވެރިވެ އިޒްރޭލާއި ފަލަސްތީނުގެ ވާހަކަތައް އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވާއިރު ވާހަކަތައް ހުއްޓާލާފައިވަނީ އިޒްރޭލުން ޔަހޫދީ ބިންތައް އާބާދުކުރަމުންދާތީއެވެ. އެމެރިކާއިން އިޒްރޭލުގެ ކިބައިން އެތައް ފަހަރަކު ޔަހޫދީން އާބާދު ކުރުން ހުއްޓާލުމަށް އެދިފައިވާއިރު އެކަން ކުރަން އިޒްރޭލުން ފާޅުގައި ދެކޮޅު ހެދިއެވެ. އެހެންކަމުން އެމެރިކާއިން ވަނީ ޔަހޫދީން އާބާދުކުރުން 'ވަގުތީ ގޮތުން' ހުއްޓާލުމަށްވެސް އެދިފައެވެ. މިއެދުމަށްވެސް އިޒްރޭލުން ދިނީ ބީރު ކަންފަތެކެވެ.
އިޒްރޭލުން ފާޅުގައި މިފަދަ އަމަލުތައް ހިންގާއިރު އެމެރިކާއިން އެކަމަށް މާބޮޑު ކަމެއް ނުކުރެވެއެވެ. އެހެންކަމުން ގިނަ ބަޔަކު ބުނާގޮތުގައި އެމެރިކާ އަކީ އިޒްރޭލުގެ 'ޕަޕެޓެކެވެ.'

ކޮމެންޓް (0)
ލޯޑް ކުރަމުން...