ރާއްޖޭގެ ޚަބަރު ވެރިކަމަށްވުރެ މުހިންމީ މި ރާއްޖޭގައި އިންސާފް ޤާއިމްކުރުން: ރައީސް ނަޝީދު

ވެރިކަމަށްވުރެ މުހިންމީ މި ރާއްޖޭގައި އިންސާފް ޤާއިމްކުރުން: ރައީސް ނަޝީދު

ވެރިކަމަށްވުރެ މުހިންމީ މި ރާއްޖޭގައި އިންސާފް ޤާއިމްކުރުން: ރައީސް ނަޝީދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފޮޓޯ: ޖޭޑް

ފޮޓޯ: ޖޭޑް


ވެރިކަމަށް ވުރެން މުހިންމީ މި ރާއްޖޭގައި އިންސާފް ޤާއިމްކުރުން ކަމަށާއި އަދި މި ރާއްޖޭގެ ޝަރުޢީ ނިޒާމް ހަމަ މަގަށް އެޅުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، ފަނޑިޔާރުން އަލުން އައްޔަން ކުރެވެންދެން އިޚްތިޖާޖް ކުރައްވާނޭކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީ އިން ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ތާރީޚަށް ބަލައިލިކަމުގައި ވިޔަސް، ޝަރުޢީ ދާއިރާ ހަމައިން ނައްޓައިގެންދާ ކޮންމެ ފަހަރަކު ވެސް، އެ ދާއިރާ ހަމަ މަގަށް އަޅުވާފައިވަނީ ރައްޔިތުން ނުކުމެގެން ކަމަށެވެ.

ދިވެހިރައްޔިތުން ސިހޭ ފަދަ އެތައްކަމެއް ސުޕްރީމް ކޯޓުން ކޮށްފައިވާ ކަމަށާއި އެންމެހާ ބާރުތައް ހުއްޓެނީ ރައްޔިތުންގެ ކިބައިގައި ކަމުން، ރައްޔިތުން ނުކުމެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމް ބަދަލުކުރަން ޖެހޭކަމަށް ވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"އަޅުގަނޑު ހަނދާންވާގޮތުގައި މި [ސުޕްރީމް] ކޯޓުން އަޅުގަނޑުމެން އެންމެން ސިހޭ ބާވަތުގެ ވަރަށް ގިނަ ކަންތައްކޮށްފި. އެންމެ ފުރަތަމަ ކަމަކަށް އެބޭފުޅުން ނިންމެވީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ 8 މެމްބަރުންގެ މައްސަލަ. އެބޭފުޅުން ބަދަލު ނުކުރެވޭނޭ ކަމަށް ކަނޑައެޅުން. ދެ ވަނަކަމަކަށް، އިންތިޤާލީ ބާބުގައި ކަނޑައަޅާފައި އޮތް މުއްދަތައް ރައްޔިތުންގެ މަޖިލިސް އިންތިޚާބް ނުކުރެވުމުން، މަޖިލިސްގެ ސައްޙަކަމާއި މެދުގައި ސުޕްރީމް ކޯޓުން ސުވާލު އުފެއްދައި އެކަމާއި ވެސް އެބޭފުޅުންގެ ނިންމެވުމެއް އޭރު ނިންމެވި. އަނެއްކަމަކީ ޖޭއެސްސީގެ ދަށުގައިވާ ކިތަންމެ ބާރެއް އަމިއްލައަށް އެ ކޯޓަށް ނަންގަވައި، އެބޭފުޅުހުން މިހާރު އެގެންދަވަނީ ބޭނުން ކުރައްވަމުން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޤައުމީ މަޖިލީހުގެ ޖަލްސާގައިވަނީ، ރައްޔިތުންގެ މަޖިލީހަށް ޚާއްސަވެގެންވާ ބާރުތަކަށް ސުޕްރީމް ކޯޓުން އަރައިގަނެ، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތުން ނިންމާފައިވާ ކަންތައް ބާތިލްކޮށް، ސުޕްރީމްކޯޓުން ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިންބާރުގެ ތެރެއިން ހިމެނިގެންނުވާ ތަނެއްކަމުގައި ހަދާފައިކަމަށް ބުނެ އެކަމާއި އެއްމެ ފުޅާ ދާއިރާއެއްގައި އިޖްތިހާދު ކޮށް އަލުން އަނބުރާ ރައްޔިތުންގެ ބާރުވެރިކަން ހޯދުމަށް މަސައްކަތް ކުރުމަށް ޤައުމީ މަޖިލީހައް ހާޒިރުވި މެމްބަރުންގެ އިއްތިފާގުން ޤަރާރެއް ފާސްކޮށްފައެވެ. ޤައުމީ މަޖިލީހުގެ މެމްބަރު، އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި މި ޤަރާރަށް ތާއީދު ކުރެއްވީ އެ މަޖިލީހުގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.