ރާއްޖޭގެ ޚަބަރު އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް ޢަމަލުތަށް ބަހައްޓައިފިނަމަ އަންހެނުންގެ ޙައްޤުތައް ގެއްލިގެން ނުދާނެ: ހުކުރު ޚުޠުބާ

އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް ޢަމަލުތަށް ބަހައްޓައިފިނަމަ އަންހެނުންގެ ޙައްޤުތައް ގެއްލިގެން ނުދާނެ: ހުކުރު ޚުޠުބާ

އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް ޢަމަލުތަށް ބަހައްޓައިފިނަމަ އަންހެނުންގެ ޙައްޤުތައް ގެއްލިގެން ނުދާނެ: ހުކުރު ޚުޠުބާ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް
ދިއިސްލާމް ފައިލްފޮޓޯ

ދިއިސްލާމް ފައިލްފޮޓޯ

އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް ޢަމަލުތައް ބަހައްޓައިފިނަމަ އަންހެނުންގެ ޙައްޤުތައް ގެއްލިގެން ނުދާނެކަމަށާއި މިކަންކަން އެންމެ ފުރިހަމައަށް އައިސްފައިވަނީ އިސްލާމްދީނުގައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

ޚުޠުބާގައި ވިދާޅުވީ، ޖާހިލިއްޔަ ޒަމާނުގައި އަންހެން ކުދިން ގެންދިޔައީ ދިރިތިއްބާ މަރާ ވަޅުލަމުންކަމަށާއި، އަންހެން ކުއްޖަކު ލިބިއްޖެނަމަ ހިތާމައާއި ހިތްދަތިކަމާ ކުރިމަތި ލާންޖެހޭކަމަށް ގަބޫލުކުރެވުނު ކަމަށެވެ. އަދި އެކުއްޖާއަށް ހަރަދު ނުކުރެވޭނެ ކަމުގެ ބިރު އެބައޮތް ކަމަށް ބަލައި އެކުދިން ގެންދިޔައީމަރަމުން ކަމަށެވެ. ނަމަވެސް އިސްލާމް ދީނުގައި ވަނީ މި ހުރިހާ ކަމެއް ނަހީ ކުރައްވައިފައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ.

ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގައި އަންހެނުންނާއި ފިރިހެނުން ތަފާތު ނުކުރާ ކަމަށް ބަޔާންކުރައްވާ ޚުތުބާގައި ވަނީ "އިސްލާމްދީނުގެ ރަނގަޅު ތަރުބިއްޔަތު ދިނުމާއި އޯގާތެރިވުމުގައި އަންހެނެއް ފިރިހެނެއް ތަފާތެއް ނުކުރެއެވެ. ފިރިހެން ދަރިންނަށް އޯގާތެރިވާ ފަދައިން އަންހެން ދަރިންނަށްވެސް އޯގާތެރިވާން ޖެހެއެވެ. ތަޢުލީމާއި ތަރުބިއްޔަތު ދޭން ޖެހެއެވެ. އަޅައިލަން ޖެހެއެވެ."

އަންހެން ކުދިން ރަނގަޅު ގޮތުގައި ތަޢުލީމު ދީ ތަރުބިއްޔަތު ކުރުމުގެ ސަވާބާއި ދަރުމަ ބަޔާންކުރައްވާ މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ދެއްވާފައިވާ އިރުޝާދުތަކުގެ މާނަވެސް ޚުތުބާގައި ގެންނަވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "އަންހެން ދަރީން ލިބި، އެ ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތު ކޮށްފި މީހަކަށް، ނަރައިން ރައްކާތެރިވުމެއް ކަމުގައި އެދަރީން ވެއެވެ." އަންހެން ދަރީންނަށް ތަޢުލީމު ދިނުމާމެދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމް ހަދީޘްފުޅު ކުރައްވާފައިވެއެވެ. "އަންހެން ދަރިޔަކު ލިބި، އެދަރިފުޅަށް ޢިލްމު އުނގަންނައިދީ، ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށްފި މީހަކަށް ދެ ހެޔޮކަން ލިބިގެންވެއެވެ."

ޢިލްމީ ގޮތުންނާއި ދަރަޖައިގެ ގޮތުން އިސްލާމްދީނުގައި އަންހެނުންނަށް ބާރުއަޅާ މިންވަރާއި އަންހެނުންނަށް ލިބިފައިވާ މަތިވެރިކަން ފާހަގަކުރައްވަމުން މިއަދުގެ ޚުތުބާގައިވަނީ އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ މިސާލު ޖައްސަވާފައެވެ. އެގޮތުން، އެކަމަނާ ޙަދީޘް ރިވާކުރައްވައި، ދީނީ ނަސޭޙަތްދެއްވިކަން ޚުޠުބާގައި ފާހަގަކުރެއްވި އެވެ.

އަންހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ މުހިއްމު އެއް ކަމަކީ އޭނާގެ ކައިވެނި ކަމަށާއި، އެކަމުގައިވެސް އިސްލާމްދީން ވަނީ އަންހެނާއަށް ޙައްޤުތަކެއް ކަށަވަރުކޮށްދެއްވާފައި ކަމުގައި ޚުތުބާގައި ބަޔާންކުރައްވާފައިވެއެވެ. އެގޮތުން، އަންހެނާ ރުހޭ މީހަކާ ކައިވެނި ކުރުމުގެ ޙައްޤު އޭނައަށް ދީފައިވާކަމަށާއި ނުރުހޭ މީހަކާ މަޖުބޫރުން ކައިވެނި ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމުގައި ބަޔާންކުރައްވާފައިވެއެވެ. އަދި ކުޅޭ ކުރިވަރަކަށް އިނދެ ވަރިކުރުން މަނާކުރެއްވިކަމަށާއި، އަނބިމީހާއަށް އަނިޔާކުރުން ފިރިންނަށް ނަހީކުރެއްވިކަމަށާއި، ހެޔޮ ގޮތުގައި އެކަނބަލުންނާއެކު އުޅެވެން ނެތްނަމަ ހެޔޮގޮތުގައި އެކަނބަލުން ދޫކޮށްލެއްވުމަށް އަމުރުކުރައްވާ ކަމަށް ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގައި އަލީގައި ބަޔާންކުރައްވާފައި ވެއެވެ.

އަންހެނުންނަށް އިތުރަށް އިސްލާމްދީނުގައި ދެއްވާފައިވާ ޙައްޤުތަކުގެ ތެރޭގައި އޭނަގެ މުދަލަކީ ރައްކާތެރި އެއްޗެއް ކަމުގައި ވަނީ ލައްވާފައެވެ. އަނބިމީހާގެ ހުއްދަނެތި އޭނަގެ މުދާ ފިރިމީހާ ބޭނުން ކުރުންވަނީ ނަހީކުރައްވާފައި ކަމަށް ކީރިތި ޤުރުއާނުގެ އާޔަތުން ދަލީލު ދައްކަވަމުން ޚުތުބާގައި ބަޔާންކުރައްވާފައިވެއެވެ.
ފިރިހެނުންނަށް މުދާ މިލްކުކުރެވޭ ފަދައިން އަންހެނުންނަށްވެސް މުދާ މިލްކުކުރުމުގެ ޙައްޤުވަނީ އިސްލާމްދީނުގައި ދެއްވާފައިކަމަށްވެސް މިއަދުގެ ޚުތުބާގައިވެއެވެ. އަދި ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަށް ވާރުތަ މުދަލުން އެއްވެސް އެއްޗެއް ނުލިބޭ ކަމަށާއި ނަމަވެސް އިސްލާމްދީން އައުމަށްފަހު ވާރުތަ މުދަލުންވެސް އެކަނބަލުންނަށް އެކަނބަލުންގެ ޙައްޤު ރައްކާތެރިކޮށްދީފައިވާ ކަމަށް މިއަދުގެ ޚުތުބާގައި ވަނީ ހާމަކުރައްވާފައެވެ.

އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމް ވަނީ ވަޞިއްޔަތް ކުރައްވާފައި ކަމަށާއި، މި ވަޞިއްޔަތް ޙައްޖަތުލް ވަދާޢުގައި ތަކުރާރު ކުރެއްވި ކަމަށާއި، ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އެމީހާގެ އަނބިމީހާއަށް އެންމެ ހެޔޮ މީހާ ކަމުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައިވާ ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވެއެވެ.

އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް ޢަމަލުތައް ބަހައްޓައިފިނަމަ، އަންހެނުންގެ ޙައްޤުތައް ގެއްލިގެން ނުދާނެކަމަށާއި، މިކަންކަން އެންމެ ފުރިހަމަ ގޮތުގައި އައިސްފައިވަނީ އިސްލާމްދީނުގައި ކަމަށާއި، އަދި އެ ޙައްޤުތައް އެންމެ ފުރިހަމައަށް ކަށަވަރުކޮށްދީފައި ވެސް ވަނީ އިސްލާމްދީނުގައި ކަމަށެވެ. އަދި އެކަންތައް އެގޮތުގައި ކުރިއަށް ގެންދިއުމުން ރަނގަޅު މުޖުތަމަޢެއް ބިނާކުރެވޭނެ ކަމަށާއި، އަންހެނުންނަށް ލިބޭ ގެވެށި އަނިޔާތައްވެސް އެކަމުގެ ސަބަބުން ހުއްޓޭނެ ކަމަށާއި، އަންހެނުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބިދާނެ ހުރިހައި ގެއްލުމަކުން ރައްކާތެރިކުރުމަށް އެޅޭނެ ހުރިހައި ފިޔަވަޅެއް ވަނީ އިސްލާމްދީނުގައި އަޅުއްވާފައި ކަމުގައި މިއަދުގެ ޚުތުބާގައި ބަޔާންކުރައްވާފައި ވެއެވެ.

މީގެ އިތުރުން މިއަދުގެ ޚުޠުބާގައި ވަނީ، އިސްލާމްދީނުގައި މިނިވަންކަން ވަނީ ވަކި ޙައްދެއްގެ ތެރޭގައި ޤައިދު ކުރައްވާފައި ކަމަށާއި، އަންހެނުންނާއި ފިރިހެނުން ގައިގޯޅިކޮށް އުޅުމާއި، ސްޓޭޖުތަކުގައި ނަށާ ހެދުމާއި، ވަނާތައް ފާޅުވާވަރަށް ހެދުން އެޅުމަކީ މިއީ ތިމާމެންގެ މިނިވަން ކަމޭބުނެ ދޫކޮށްލެވެން ނެތް ކަމަށެވެ. އަދި މިކަންކަމަކީ ދޫކޮށްލެވިއްޖެނަމަ، މުޖުތަމަޢު ފަސާދަވެ އިޖުތިމާޢީ ބަލިތައް ފެތުރުމަށް މަގުފަހިވާ ކަންކަމަށެވެ. އަދި މިކަންކަމުން ދުރުވެ ތިބުމަށް ނަޞޭހަތްތެރިވެ ވަޞިއްޔަތް ކުރައްވާފައިވެއެވެ.

މިއަދުގެ ހުކުރު ޚުޠުބާ ލިޔުއްވާފައިވަނީ ދީނީ ރޮގުން ތަޢުލީމު ޙާސިލުކުރައްވާފައިވާ އަންހެން ބޭކަނބަލެއް ކަމުގައިވާ އަލްއުސްތާޛާ މަރިޔަމް ޝަބާނާއާއި އައްޝެއިޚް މޫސާ އަންވަރު އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.