މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފާޙިޝްކަންތައްތަކާއި މުންކަރާތްތައް އިންތިހާއަށް އިތުރުވެއްޖެއެވެ. މީގެ ކުރީގެ ޖީލުތަކުގެ މީހުން ދުވަހަކުވެސް ހުވަފެނުންވެސް ނުދެކޭ ހިސާބަކަށް އަޅުގަނޑުމެންގެ ދިވެހި ޤައުމު މިވަނީ ގޮސްފައެވެ. އަނދިރި ފުން ވަޅުގަނޑެއްގެ ތެރެއަށް ޣަރަޤުވަމުންދާ މިދިވެހި ދީބަށް އަލިކަމާއި ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެ ދުވަހެއްގެ، ނުވަތަ ގެންގޮސްދޭނެ ޞަލާޙުއްދީނަކަށް، މުޙައްމަދު ތަކުރުފާނަކަށް މި ދީބު ވަނީ ފެންބޮވައިގަނެފައެވެ.
މުޙައްމަދު ތަކުރުފާނާއި އެކަލޭގެފާނުގެ އެކުވެރިން ކުރެއްވި އަގުހުރި ޖިހާދަކީ ﷲ ގެ ރަޙްމަތަށްފަހު މި ދިވެހި އުއްމަތުގައި އިސްލާމްދީން ދެމިގެންދިޔަ ހަމައެކަނި ސަބަބޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެބޭކަލުންނާއި އެބޭކަލުންގެ ކުރީގައި ޝަހީދުވި އަލިރަސްގެފާނާއި، އުތީމު ޢަލިތަކުރުފާނުފަދަ ބޮޑެތި އިސްލާމީ ބަޠަލުން އެބޭކަލުންގެ ހުވަފެނުންވެސް މި ދިވެހި ދީބުގެ މި ފަސާދަ ދެކެވަޑައެއް ނުގަންނަވައެވެ.
މީހަކަށް 3 އަންހެންދަރިން ލިބި، އެތިން އަންހެންދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކޮށްފިނަމަ، އޭގެސަބަބުން އޭނާއާއި ނަރަކައާއި ދެމެދު ހުރަހެއްކަމުގައިވާނެކަމަށްވެސް ޞައްޙަ ޙަދީޘްގައި ސާބިތުވެފައިވެއެވެ. އަދި ހަމަ އެހެންމެ އެފަދަމީހާ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއެކު ސުވަރުގެއަށް ވަންނާނޭ ކަމަށާއި އެސުވަރުގޭގައި އެކަލޭގެފާނާއެކު ވާނެކަމަށްވެސް ރިވާޔަތްތަކުގައި ސާބިތުވެފައިވެއެވެ.
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَا يَكُونُ لِأَحَدٍ ثَلَاثُ بَنَاتٍ ، أَوْ ثَلَاثُ أَخَوَاتٍ ، أَوْ ابْنَتَانِ ، أَوْ أُخْتَانِ ، فَيَتَّقِي اللَّهَ فِيهِنَّ ، وَيُحْسِنُ إِلَيْهِنَّ إِلَّا دَخَلَ الْجَنَّةَ " رواه أحمد މާނައީ: މީހަކަށް ތިން އަންހެންދަރިން ނުވަތަ ތިން އުޚްތުން ނުވަތަ ދެއަންހެންދަރިން ނުވަތަ ދެއުޚްތުން ލިބި، އެމީހުންނާމެދު ﷲ އަށް ބިރުވެތިވެ، އެމީހުންނަށް ހެޔޮފޯރުކޯށްދީފި ނަމަ، އެފަދަ މީހާ ސުވަރުގެ ވަންނާނެ މީހަކު ކަމުގައި މެނުވީ ނުވެއެވެ.
ނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފަސާދައާއި ފާޙިޝްކަންތައް ބޮޑުވެފައިވާ މިންވަރުން މިއަދު މަންމައިން އަންހެންދަރިންނާމެދު ބިރުވެތިވުން ވާޖިބުވެގެންވެއެވެ. އެހެނީ މިއަދު އެދަރިންނަށް އެއްވެސް ހިސާބަކުން އަމާންކަމެއް ނެތެވެ. ބޮޑުބޭބެއިން ފެށިގެންގޮސް ކުޑަބެއާއި ހިސާބައަށެވެ. އަދި ކިއެއްތޯއެވެ! އަމިއްލަ ދަރިންގެ އަބުރާއި ޢިއްޒަތް ނަގާލާ ބައްޕައިން މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ގިނަވަމުންދާކަމީ ހިތާމަހުރި ކަމެކެވެ.
މިއަދު އަޅުގަނޑުމެން ހެވިލާފައިތިބެ، އެ ޚަބަރުތައް ޓީވީން ބެލި ކަމުގައި ވިޔަސް، މާދަމާ އަޅުގަނޑުމެންގެ ގާތް މީހަކަށް [ﷲ އެފަދަ ކަމެއް މެދުވެރި ނުކުރައްވާށި!] އެފަދަ ކަމެއް ދިމާވެއްޖެނަމަ، އަޅުގަނޑުމެންގެ ހިތުގައި އަޅާވޭނާއި ލިބޭނެ ކެކުޅުން އިޙްސާސް ކުރެވޭތޯ ބައްލަވާށެވެ!
ލޮބުވެތި މައިންނޭވެ! މިއަދު ތިޔަ މައިންގެ ދަރިންގެ މައްޗަކަށް މުޖުތަމަޢުގައި އެއްވެސް ރައްކަލެއް ނެތެވެ. އަމިއްލަ ގޭތެރޭގައި، އަމިއްލަ ޢާއިލާ ތެރޭގައި ނެތް ރައްކާތެރިކަމެއް މި ފަސާދަވެފައިވާ މުޖުތަމަޢުން ލިބޭނެ ކަމަށް އުއްމީދު ކުރަނީހެއްޔެވެ؟
ލޮބުވެތި މައިންނޭވެ! އަންހެންދަރިންނަކީ ނާޒުކު ބައެކެވެ. އެދަރިންނާމެދު އިހުމާލު ނުވާށެވެ! ދަންނަ މީހަކާއެކު ނުވަތަ ކޮންމެވެސް ހިސާބެއްގެ ގާތްމީހަކާއެކު އެދަރި ފޮނުވާލައިގެން ހިމޭނުން ނުހުންނާށެވެ! އަމިއްލަ ދަރީގެ އަބުރާއި ޢިއްޒަތް ސަލާމަތް ކުރާށެވެ! ދަރިންނަށް ކިޔައިދޭން ޖެހޭ ވާހަކަތައް ލަސްނުކޮށް ކިޔައިދޭށެވެ!
މި ފުރުޞަތުގައި ދިވެހި ޤައުމުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް މިގޮވާލަނީ، މިފަދަ ވިޔާނުދާ ޙައިވާނުންނަށްވުރެ ދަށްފެންވަރުގެ ޢަމަލު ހިންގާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށެވެ! އަދި އެބައިމީހުންނަށް ދެވޭ އަދަބަކީ މިފަދަ ޢަމަލެއް ހިންގާ، ނުވަތަ ހިންގުމަށް ހިތަށް އަރާ މީހާވެސް ބިރުން އެކަމުން ދުރުހެލިވާނެ ކަމެއްކަމުގައި ހައްދަވާށެވެ!
ރައްޔިތުންގެ ޤާނޫނު ހަދާ ބޭފުޅުންނޭވެ! އަމިއްލަ މަޞްލަޙަތު އެއްފަރާތުގައި ބާއްވާށެވެ! އަދި މިފަދަ އަޚްލާޤީ ބަލިމަޑުކަމަށް ޤާނޫނީ ބާރުން ފަރުވާ ކުރާށެވެ! އަދި މުސްލިމުންގެ ތިންވަނަ ޚަލީފާގެ މި ބަސް ހަނދުމަ ކުރާށެވެ. إن الله ينزع بالسلطان مالا ينزع بالقرآن
ހަމަކަށަވަރުން ﷲ ތަޢާލާ، ޤުރްއާނުގެ ވަޢުޡުން (ހިތަށް ބިރުވެރިކަން ވަދެ، ނުބައިކަމުން ދުރުހެލިނުވާމީހުން، އެބައިމީހުންގެ މައްޗަށް އިސްވެފައިވާ) ވެރިން މެދުވެރިކުރައްވައި (އެނުބައިކަމުން) ދުރުކުރައްވައެވެ.
ތިޔަބޭފުޅުންނަކީ މި އިސްލާމީ ދިވެހި ދީބުގެ މައްޗަށް ޤާނޫނު ހަދައި، ދީނާއި ޤައުމު ދިފާޢު ކުރަން ތިބި ބޭފުޅުންނެވެ. ޢިއްޒަތްތެރި މެންބަރުންނޭވެ! އާދޭހާއެކު މިދަންނަވަނީ ތިޔަބޭފުޅުންގެ ކޮނޑުގައި ﷲ އެޅުއްވި މަސްއޫލިއްޔަތު އަދާކުރައްވާށެވެ! އަދި ދިވެހި ޤައުމުން މިފަދަ ކަންތައް ނައްތާލުމަށް މަސައްކަތް ކުރައްވާށެވެ!
ދިވެހި ސިޔާސީ ޕާޓީތަކުގެ ވެރިންނޭވެ! މުޒާހަރާކުރާމީހުން މުޒާހަރާ ކުރުމަށް މިއީ އެންމެ މުހިއްމު ކަމެވެ. ތިޔަބޭފުޅުން އިސްލާމްދީނާއި ދިވެހި ޤައުމާމެދު ހިތްހެޔޮކަމެއް އޮތްނަމަ، ތިޔަބޭފުޅުންގެ އަންބިންނާއި އަންހެންދަރިންގެ ރައްކަލަށް އެދޭނަމަ، މިކަމުގައި އަޑު އުފުއްލަވާށެވެ!
އޭ ދިވެހި މަދަނީ ޖަމްޢިއްޔާތަކުގެ ވެރިންނޭވެ! މިކަމުގައި ވާހަކަ ދައްކަވާށެވެ! ޙަރަކާތްތެރިވާށެވެ! ތިޔަބޭފުޅުންނަކީ މަދަނީގޮތުން ބޮޑު ބާރެކެވެ.
އޭ ދިވެހިރާއްޖޭގެ ލޮބުވެރި ޢިއްޒަތްތެރި ޢިލްމުވެރިންނޭވެ! ތިޔަބޭކަލުންގެ މަސައްކަތުގައި ﷲ ބަރަކާތްލައްވާށިއެވެ! ތިޔަބޭކަލުންގެ އިޞްލާޙީ ތަޤްރީރުތަކާއި ދަރުސްތަކުގެ ތެރެއަށް މިމައްސަލަވެސް އިތުރުކުރައްވާށެވެ! އަދި މިމައްސަލައާމެދު މީސްތަކުން ހޭލުންތެރި ކުރައްވާށެވެ! ތިޔައީ އެބައެއްގެ ސަބަބުން މުޖުތަމަޢު އިޞްލާޙުވާނެ ބޭބޭކަލުންނެވެ.
އޭ މިފަދަ ނުބައި އާދަތަކުގެ ޝިކާރައަކަށް ވެފައިތިބި މީހުންނޭވެ! ﷲ އަށް ބިރުވެތިވުމުގެ ވަގުތު އަދިވެސް އައިސް ނުޖެހެނީހެއްޔެވެ!؟ މަރުވާނީ ކޮންއިރަކުން ކަމެއް ނޭނގޭހިދު، ޝައިޠާނާގެ ފިޔަވަޅުމަތީގައި އަދިވެސް ހިނގަނީހެއްޔެވެ! ދަންނާށެވެ! ތައުބާނުވެވެނީސް ކުއްލިގޮތަކަށް ތިބާ މަރުގެންނެވުމަށް ﷲ ކުޅަދުންވަންތައެވެ. އެއިރުން ވެވޭނެ ތައުބާއެއް ނޯންނާނެއެވެ.
އޭ މުޖުތަމަޢުގެ މުޞްލިޙުންނޭވެ! މިފަދަ ނުބައި މީހުންގެ ވަކިތަކުން މުޖުތަމަޢު ޙިމާޔަތް ކުރާށެވެ. އަދި ދަންނާށެވެ! މިފަދަ ނުބައި ޢަމަލުތައް ހިންގާ މީހުންނަކީ ޖަނަވާރުންތަކެއް ފަދަ ބައެކެވެ. ނުވަތަ އެއަށްވުރެވެސް ނުބައިކަން ބޮޑުވެގެންވާ ބަޔެކެވެ.
ﷲ އަޅަމެންނާއި އަޅަމެންގެ މުޅި އިސްލާމީ ދިވެހި މުޖްތަމަޢު މިފަދަ ފާޙިޝްކަންތަކުން ސަލާމަތްކުރައްވާށި! އާމީން
ނޯޓް: މިއީ ނޫރުލްއިސްލާމްގައި އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...