ވޮޝިންޓަން (ސެޕްޓެމްބަރު 24) – އިސްލާމްދީނަށާއި އެދީނުގެ ނަބިއްޔާއަށް ފުރައްސާރަކޮށް ހަދާފައިވާ ފިލްމު "އިނޮސެންސް އޮފް މުސްލިމްސް" އުފެއްދުމުގެ އަޑީގައި ހުރި ނަކޫލާ ބާސިލީ ނަކޫލާ މަރާލުމަށް ގޮވާލައްވަމުން އޭނާގެ ބޮލަށް ޕާކިސްތާނުގެ ވަޒީރަކު އެއްލައްކަ އެމެރިކާ ޑޮލަރު ހުށަހެޅުއްވުމުން އެމެރިކާ ސަރުކާރުން އިއްޔެ އެކަން ކުށްވެރިކޮށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ނަކޫލާގެ ބޮލަށް ބޮޑު އަގެއް ހުށަހަޅުއްވާފައި ވަނީ ޕާކިސްތާނުގެ ރޭލް ވޭ މިނިސްޓަރު ޤުލާމް އަޙުމަދު ބިލޫހް އެވެ. އޭނާ ވަނީ ނަކޫލާ މަރާލުމުގެ "މަތިވެރި ޢަމަލު" ގައި ބައިވެރިވުމަށް ގޮވާލައްވައި އަލްޤައިދާ އާއި ޠާލިބާނުންނަށް ވެސް މި ދަޢުވަތު ދެއްވައިފަ އެވެ.
ރަސޫލާ އަށް ފުރައްސާރަކޮށް ފިލްމު އުފެއްދި މައްސަލާގައި މިޞްރުގެ ދަރިކޮޅުން އައިސްފައިވާ ބާސިލީ ނަކޫލާ ހައްޔަރުކުރުމަށް މިޞްރު ސަރުކާރުން ވެސް ވަނީ އަމުރެއް ނެރެފައެވެ.
ޕާކިސްތާނުގެ ވަޒީރަކު އޭނާގެ ބޮލަށް އަގު ކިޔުއްވުމުން އެމެރިކާގެ ޚާރިޖިއްޔާ އިން ބުނެފައި ވަނީ "އިނޮސެންސް އޮފް މުސްލިމްސް" އަކީ މަލާމާތާއި ފުރައްސާރައިން ފޯވެފައިވާ ވީޑިއޯއެއް ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަން ވެސް ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެކަމަކީ ހަމަނުޖެހުންތަކަށް ފުރުޞަތު ދިނުމަށް އޮތް ކަމެއް ނޫންކަމަށެވެ.
ނަކޫލާގެ ބޮލަށް 100000 ޑޮލަރު ހުށަހެޅި ޕާކިސްތާނުގެ ވަޒީރަށް އެމެރިކާ ސަރުކާރުން ފާޑުކިޔާފައިވާއިރު، މީހުންގެ ބޮލަށް އަގުކިޔުމަކީ އެމެރިކާއަށްވެސް އާކަމެއް ނޫނެވެ. މިދިޔަ އަހަރު މޭމަހު އަވަހާރަކޮށްލެވުނު އަލްޤައިދާގެ ލީޑަރު އުސާމާ ބިން ލާދިންގެ ބޮލަށް އެމެރިކާއިން ވަނީ 50 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އަގެއް ހުށައަޅާފައެވެ. އަދި އަލްޤައިދާގެ މިހާރުގެ ލީޑަރު ޝެއިޚް އައިމަން އަލްޒަވާހިރީގެ ބޮލަށް މިހާރުވެސް ވަނީ 25 މިލިޔަން އެމެރިކާ ޑޮލަރު ހުށައަޅާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...