ސީރިޔާގެ މައްސަލައަށް އޮތް ހަމައެކަނި ސިޔާސީ ޙައްލަކީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ފޭބުންކަމުގައި ފްރާންސްގެ ރައީސް ފްރަންސުއާ އޮލާންޑް އިއްޔެ ހާމަކޮށްފިއެވެ.
އދ.އިން ސީރިޔާއަށް އަލަށް ކަނޑައެޅި ސުލްހައިގެ މަންދޫބު ލަޚްދަރް ބްރަހިމީއާއި އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަމުން އޮލާންޑް ބުނެފައިވާގޮތުގައި ސީރިޔާގައި މިނިވަން، ޑިމޮކްރެޓިކް ސަރުކާރެއް ޤާއިމްކުރުމަށް އެހީވުމަށް ފްރާންސްގެ ސަރުކާރުން މަސައްކަތްކުރަމުންދަނީ ވަރަށް ސާބިތުކަމާއިއެކުކަމަށެވެ.
މިބައްދަލުވުމުގައި އދ.ގެ އައު މަންދޫބު ބްރަހިމީ ހާމަކުރިގޮތުގައި ފްރާންސަކީ ސީރިޔާގެ މައްސަލައަށް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ޤައުމުކަމަށާއި އަދި އެހެންކަމުން ފްރާންސަކީ މިމައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ވަރަށް މުހިއްމު ޤައުމެއްކަމަށެވެ.
ޖަޒާއިރުގެ ޑިޕްލެމޭޓެއްކަމަށްވާ ބްރަހްމީ އދ.ގެ ސުލްހައިގެ މަންދޫބުކަމަށް އިސްކޮށްފައިވަނީ ކުރީގެ މަންދޫބު ކޯފީ އަނާން މަޤާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. އަނާން އިސްތިއުފާ ދީފައިވަނީ ބައިނަލްއަޤްވާމީ މުޖްތަމަޢުއިން އޭނާގެ ސުލްހައިގެ މަސައްކަތަށް އެންމެ އެކަށީގެންވާވަރަށް އެއްބާރުލުން ނުދިނުމުގެ ސަބަބުންކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން މަޢުލޫމާތުދެއެވެ.
.

ކޮމެންޓް (0)
ލޯޑް ކުރަމުން...