ޗައިނާގެ ޒިންޖިއަންގް ޕްރޮވިންސްގެ ސަރުކާރުގެ ކަމާބެހޭފަރާތްތަކުން އެސަރަޙައްދުގައި ދިރިއުޅެމުންގެންދާ މުސްލިމުން ރަމަޟާންމަހުގެ ފަރުޟު ރޯދާ ހިފުން މަނާކޮށްފިއެވެ.
ސަރުކާރުގެ ގިނަ ވެބްސައިޓުތަކުގައި އާންމުކޮށްފައިވާ އެންގުމެއްގައިވަނީ ކޮމިއުނިސްޓް ޕާޓީގެ ލީޑަރުންނަށް އެސަރަޙައްދުގެ މުސްލިމުން މިސްކިތަށް ދިއުމާއި އަދި ރޯދަހިފުން މަނާކުރުމަށް ގޮވާލާފައެވެ.
ޒިންގްޖިއަންގް ސަރަޙައްދުގައި އުއިގުރު ދަރިކޮޅުގެ 9 މިލިއަން މުސްލިމުން ދިރިއުޅެމުންދާކަމުގައި ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން މަޢުލޫމާތުދެއެވެ. މިސަރަޙައްދުގައި ދިރިއުޅެމުންގެންދާ މުސްލިމުންނަށް ޗައިނާ ސަރުކާރުން އެތަކެއް ފިއްތުންތަކާއި އަނިޔާތަކެއް ކުރިމަތިކުރުވި ނަމަވެސް ޗައިނާގެ ސަރުކާރުން ދަނީ މިކަމަށް އިންކާރުކުރަމުންނެވެ.
"ރަމަޟާންމަހުގައި އިޖްތިމާޢީ ހަމަޖެހުން ރައްކާތެރިކުރުމަށްޓަކައި އަވަށު ކޮމިޓީންވަނީ ސިޔާސަތުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ކޮމިއުނިސްޓް ޕާޓީގެ އެއްވެސް މެމްބަރަކަށް، މަދަނީ އޮފިޝަލަކަށް، އެއީ މަޤާމުން ރިޓަޔަރކޮށްފައިވާ މެމްބަރެއް ކަމުގައިވިއަސް އަދި ކިޔަވާ ކުދިން ރަމަޟާންމަހުގެ އެއްވެސް ދީނީ ހަރަކާތެއްގައި ބައިވެރިވުމީ އެއީ މަނާކަމެކެވެ،" ޒިންގްޖިއަންގްގެ ކަޝްގަރް އަވަށުގެ ޒޮންގްލޭންގ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.
ޒިންގްޖިއަންގްގެ ސަރުކާރުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ބަޔާނުގައިވަނީ ކޮމިއުނިސްޓް ޕާޓީގެ ލީޑަރުން އަވަށުގެ ބޮޑުންނަށް ކަބޯތަކެތި ހަދިޔާކޮށް އެންމެންވެސް ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ތިބެނީ ކައިގެންކަން ޔަޤީންކުރުމަށް ގޮވާލާފައެވެ. އަދި މިގޮތުން ވެންސޫގެ ތަޢުލީމާއި ބެހޭ މަރުކަޒުންވަނީ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުން މިސްކިތަށް ދިއުން މަނާކުރުމަށްވެސް ގޮވާލާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...