ބަރުމާގެ ބުދިސްޓުންގެ އަނިޔާވެރިކަމުގެ ސަބަބުން ބަރުމާއިން ބަންގްލަދޭޝްއަށް ހިޖުރަކުރަމުން އަންނަ ރޮހިންގްޔާ މުސްލިމު ރެފިއުޖީންނަށް ބަންގްލަދޭޝުން އެހީވެދެވޭކަށް ނެތްކަމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ޝައިޚް ޙަސީނާ ހާމަކުރެއްވިގޮތުގައި ބަރުމާގެ މުސްލިމު ރެފިއުޖީން ބަންގްލަދޭޝްއިން ބަލައިގަތުމަށް ބަންގްލަދޭޝްގެ އިޤްތިސާދު ތަންނުދޭކަމަށެވެ. ބޮޑުވަޒީރު ޝައިޚް ޙަޞީނާ މިހެން ހާމަކުރައްވާފައިވަނީ ބަންގްލަދޭޝްއިން ރޮހިންގްޔާ މުސްލިމުން އެޤައުމަށް އެރުން މަނާކުރަމުންދާތީ އެކަމާއި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
ޝައިޚް ޙަސީނާ ވިދާޅުވިގޮތުގައި ބަންގްލަދޭޝްއަކީ އާބާދީ ބޮޑު ޤައުމެއްކަމަށާއި އަދި މިހާރުވެސް 300000 ރެފިއުޖީން އެޤައުމުގައި ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅެމުން އަންނަ ކަމަށެވެ. އަދި ބަރުމާގެ ހުރިހާ ރެފިއުޖީންނަށް އެހީވުމަކީ ވާނޭކަމެއް ނޫންކަމަށާއި އަދި އެއީ ބަންގްލަދޭޝްގެ ޒިންމާއެއް ނޫންކަމުގައި ބޮޑުވަޒީރު ޝައިޚް ޙަސީނާ އިތުރަށް ހާމަކުރެއްވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...