ބަރުމާގެ މުސްލިމުންނާއި ދެކޮޅަށް ހިންގާފައިވާފައިވާ ޤަތުލުއާންމާއި އަދި ލާއިންސާނީ ޢަމަލުތަކުގެ ފަހަތުގައިވަނީ އެޤައުމުގެ ސަލާމަތީ ބާރުތަކާއި އަދި ބުދިސްޓުންގެ އާންމުންކަމަށް އިންސާނީ ހައްޤުތަކަށް ގޮވާލާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްކަމުގައިވާ އެމްނެސްޓީ އިންޓަރނޭޝަނަލްއިން ތުހުމަތުކޮށްފިއެވެ.
މިވޭތުވެދިޔަ ހަހަފްތާގެ ތެރޭގައި ބަރުމާގެ މުސްލިމުންގެ މައިނޯރިޓީވަނީ އެޤައުމުގެ ސިފައިންނާއި އަދި ބުދިސްޓުންގެ އާންމުންގެ އެކިކަހަލަ ލާއިންސާނީ ޖަރީމާތަކުގެ ޝިކާރައަކަށްވެފައިކަމަށް އެމްނެސްޓީގެ މުޙައްލިލެއްކަމުގައިވާ ބެންޖަމިން ޒަވަކީ ހާމަކޮށްފައިވެއެވެ.
"މިޢަމަލްތައް ހިންގާފައިވަނީ ސިފައިންނާއި ފުލުހުންނާއި އަދި ބުދިސްޓުން ދެބައިމީހުން އެކުވެގެން. ބަރުމާގެ މުސްލިމުންގެ މައިނޯރިޓީ ކަތިލަމުންދާއިރު ސިފައިންނާއި ފުލުހުންނަށް އެކަން ފެނުނަސް އެއީ ނުވާކަމަކަށް ހަދަނީ. އަނެއްބައިފަހަރު ސިފައިންނާއި ފުލުހުންވެސް އެޤައުމުގެ މުސްލިމު ރައްޔިތުން މެރުމުގައި ޢަމަލީގޮތުންވަނީ ބައިވެރިވެފަ،" އޭނާ ބުނެފައިވެއެވެ.
މިއަހަރުގެ މޭމަހުގެ ފަހު ކޮޅު ފެށުނު މިޖަރީމާތައް އެންމެ ފަހުން ބަރުމާގެ އެކި ސަރަހައްދުތަކަށް ފެތުރިގެންދިޔަކަމަށް އޭނާ ހާމަކުރިއެވެ. އަދި ޖޫން މަހު ބޮޑެތި ޤަތުލުއާންމުތައް މުސްލިމުންނާއި ދެކޮޅަށް ހިންގާފައިވެއެވެ. އަދި އެގޮތުން ހަމަނުޖެހުން ބޮޑެވެގެންގޮސް ސަރުކާރުން ޖޫން މަހުގެ 10 ވަނަ ދުވަހު ކަރފިއު ހިންގައި ޤައުމުގެ އިމަރޖެންސީ ހާލަތަކަށް ގެނުވިއެވެ.
މުސްލިމުންގެ އެތަކެއް ހާސްބަޔަކު މަރާލާފައިވާއިރު މުސްލިމުން ދިރިއުޅެމުންދާގެތަކާއި އަދި މިސްކިތްތައް ވަނީ ބިމާހަމަކޮށްފައެވެ. ބަރުމާގެ ރައީސް ތޭން ސޭން މިމަހު ކުރީކޮޅު ހާމަކުރިގޮތުގައި މިހަމަނުޖެހުންތަކަށް އޮތް ހަމައެކަނި ޙައްލަކީ މުސްލިމުން އެޤައުމުދޫކޮށް ކޮންމެވެސް އެހެން ޤައުމަކަށް ހިޖުރަކުރުން ނުވަތަ އދ.ގެ ރެފިއުޖީ ކޭމްޕްތަކަށް ދިއުންކަމަށެވެ.
ބުދިސްޓުންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ބަރުމާގެ ގިނަ މުސްލިމުންތަކެއްދަނީ ބަންގްލަދޭޝްއަށް ކަނޑުމަގުން ދަތުރުކުރަމުންނެވެ. ނަމަވެސް ބަންގްލަދޭޝް ސަރުކާރުންދަނީ ބަރުމާގެ މުސްލިމު ރެފިއުޖީން އެޤައުމަށް ނޭރުވުމަށް އެކިހުރަސްތަ ކުރިމަތިކުރުވަމުންނެވެ.
ބަރުމާގެ ރޮހިންގްޔާ މުސްލިމުންނަކީ ބަރުމާގެ ރައްޔިތުންކަމަށް އެޤައުމުގެ ސަރުކާރުން ޤަބޫލުކުރުމަށް އެމްނެސްޓީއިންވަނީ ގޮވާލާފައެވެ. ނަމަވެސް ސަރުކާރުން ބުނާގޮތުގައި ރޮހިންގްޔާގެ މުސްލިމުންނަކީ އެޤައުމުގެ އަސްލު ދަރިފަސްކޮޅާއި ބީރައްޓެހި ބައެއްކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...