ސިރިޔާގެ އެންމެ ބޮޑު ސިޓީ އަލިއްޕޯ މިނިވަންކުރުމަށް ފްރީ ސީރިޔަން އަރމީ (އެފްއެސްއޭ) އިން ބައްޝާރުލް އަސަދުގެ އަނިޔާވެރި ސިފައިންނާއި ދެކޮޅަށް އިއްޔެ ހަނގުރާމަ ފަށައިފިއެވެ.
ސީރިޔާގެ ޙާލަތު ދިރާސާކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި ބައްޝާރުލް އަސަދަށް ތާޢީދުކުރާ ގިނަ ނުޞައިރީން އުޅޭ އަލިއްޕޯއަށް އިދިކޮޅު ފަރާތްތަކުން ހަމަލާދޭން ފެށުމަކީ އެއީ އިދިކޮޅުފަރާތްތަކުގެ ބާރު ގަދަވަމުންދާކަމުގެ އަލިގަދަ ހެއްކެކެވެ.
"ބައްޝާރުލް އަސަދުގެ ސަރުކާރުގެ އެތެރެކޮއިލުގައި ރެނދުއެޅުމުގެ ސަބަބުން އަސަދު މިހާރު ވަނީ ހަމައިން ނައްޓާފައި،" ތުރުކީގައި އޮތް ބައްދަލުވުމެއްގައި އެފްއެސްއޭ ގެ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްކަރީމް އަލްއަޙްމަދު ހާމަކުރެއްވިއެވެ. "މިހަނގުރާމަ މިހާރު ކުރެވެމުން މިދަނީ ސީރިޔާގެ ވެރިކަން ކުރާ ދިމިޝްގުގައި،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ބައްޝާރުލް އަސަދުގެ ސަރުކާރުގެ އެންމެ ބާރުގަދަ ފަރާތްތައް މަރާލެވުމާއި، ސަރުކާރުގެ ގިނަ އިސްވެރިންތަކެއް އިދިކޮޅު ފަރާތްތަކާއި ގުޅުމާއި، އަދި ސީރިޔާއިން ޢިރާޤާއި ތުރުކީއާއި ދެމެދު ޚިއްޞާކުރާ ސަރަހައްދީ ރޮނގުގެ މަޤާމްތައް އެފްއެސްއޭއިން ހިފުމާއިގުޅިގެން އިދިކޮޅު ފަރާތްތަކަށް އިތުރު ޖޯޝެއް އައިސްފައިވާކަމަށް މުޙައްލިލުން ބުނެއެވެ. މީގެ ސަބަބުން ބައްޝާރުލް އަސަދުގެ ސަރުކާރު ވަނީ އެލާޓަށް އައިސްފައެވެ.
އެފްއެސްއޭގެ ހަމަލާތަށް ވަރުގަދަވުމާއި ގުޅިގެން ލުބުނާނުގައި ހަރަކާތްތެރިވަމުން އަންނަ ޓެރަރިސްޓް ޖަމާޢަތެއްކަމުގައިވާ ހިޒްބުއްލާތުގެ ގިނަ ބަޔަކު ބައްޝާރުލް އަސަދުގެ ސަރުކާރު ސިފައިންނާއި ގުޅެމުންދާކަމަށްވެސް ގިނަފަރާތްތަކުން ހާމަކުރެއެވެ. ބައްޝާރުލް އަސަދުގެ އަނިޔާވެރި ސަރުކާރު ދެމެހެއްޓުމަށް ރަޝިއާއާއި ޗައިނާގެ އިތުރުން އީރާނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...