މަސްޖިދުލް ޙަރާމްގެ ޖާގަ ބޮޑުކުރެވިފައިވާކަމަށާއި މިހާރު މަސްޖިދުލް ޙަރާމްގައި އިތުރު 200000 މީހުންނަށް ނަމާދުކުރެވޭނެކަމަށް ދެޙަރަމުގެ ކަންތައްތައް ބަލަހައްޓާ މުއައްސަސާ، ރިޔާސަތުލް ޢާއްމާ ލި ޝުއޫނިލް މަސްޖިދިލްޙަރާމް ވަލް މަސްޖިދިއްނަބަވީ، (ޕްރެސިޑެންސީ އޮފް އަލްމަސްޖިދުލްޙަރާމް އެންޑް އަލްމަސްޖިދުއްނަބަވީ) ގެ ރައީސް ޝައިޚް ޢަބްދުއްރަޙްމާން އައްސުދައިސް ވިދާޅުވެއްޖެއެވެ.
ރަމަޟާން މަހާއި ގުޅިގެން ޝައިޚް ސުދައިސްގެ އިރްޝާދުގެ މަތިން ވަނީ ދެޙަރަމުގެ ޚާދިމް ޢަބްދުﷲ ރަސްގެފާނުގެ މިސްކިތުގެ ޖާގަ ބޮޑު ކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ބޮޑު ކުރެވިފައިވާ ބައިގެ އެއްބައި އާންމުކޮށް ހުޅުވާފައެވެ. ޝައިޚް ސުދައިސް ހާމަކުރެއްވިގޮތުގައި ބޮޑު ކުރެވިފައިވާ ބައިގައި ނަމާދުކުރުމުގެ ފުރުސަތު މި ރަމަޟާން މަހު ފުރަތަމަ ފަހަރަށް އުމްރާވެރިންނަށް ލިބިގެންދާނެއެވެ.
"މިޕްރޮޖެކްޓުގެ ދަށުން 12500 މުޅިން އާފާޚާނާތައް ވެސް އެޅޭނެ،" ޝައިޚް ސުދައިސް އިތުރަށް މަޢުލޫމާތުދެއްވިއެވެ.
އަލްމަދީނާ ނޫހަށް މިކަމާއި ގުޅިގެން ޝައިޚް ސުދައިސް ދެއްވި ބަސްދީގަތުމެއްގައި ޝައިޚް ވިދާޅުވިގޮތުގައި މިސްކިތުގެ ޓެރަސް، ފާލަންތަކާއި އަދި އެހެނިހެން ޚިދުމަތްތަކުގެ މަސައްކަތް މިހާރުވަނީ ނިމުމާއި ގާތްވެފައެވެ. އަދި ޕްރޮޖެކްޓުގައި ޒަމާނީ ފެންވަރުގެ ކަރަންޓް ސިސްޓަމާއި އަދި މެކޭނިކަލް ސިސްޓަމް ބޭނުންކުރެވެމުންދާކަމަށް ޝައިޚް ހާމަކުރެއްވިއެވެ. މިސްކިތުގެ ހަރިއްމަ ބޮޑުކުރެވުނު ކަމުގައިވިޔަސް މިސްކިތުގެ އެއްވެސް ބައެއްގައި ގަނެވިއްކުމާއި، ސަލާންޖެހުމާއި ދުންފަތުގެ އިސްތިޢުމާލްކުރުން މުޅިން މަނާކަމުގައިވެސް ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ސުދައިސް ހާމަކުރެއްވިގޮތުގައި މިސްކިތުގެ ބިންގަރާހުގެ އެއްބައިގައި މިހާރު އެއަރކޯން ހަރުކުރެވިފައިވާކަމަށެވެ. އަދި ހަރިއްމަތެރޭގައި 25 ފެންބުރުވާ ފަންކާ ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމުގައި ޝައިޚް ވިދާޅުވިއެވެ.
ރަމަޟާން މަހުގައި އަޅުވެރިންގެ ކަންތައްތައް ބެލެހެއްޓުމަށް ޝައިޚް ސުދައިސްގެ ރިޔާސަތުގެ ދަށުން 8000 މުވައްޒަފުން ދަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...