ޔަމަނުގެ އުތުރުގެ ސަރަހައްދުގައި ވަކި ދައުލަތެއް ޤާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ހައްދުފަހަނައަޅާފައިވާ ޝީޢީ ޖަމާޢަތެއްކަމުގައިވާ ޙޫޘީ ޖަމާޢަތުން ރޯދަމަހުގެ ފުރަތަމަ ދުވަހުގެ ރޭ ސުންނީންގެ އާއިލާއަކަށް ހަމަލާދީ ދަރިފުޅު މަރާލައި ބައްޕަވަގަށް ގެންގޮސްޕިއެވެ.
ޝަބަކަތުލް އަލްޢުލޫމްއިން ހާމަކޮށްފައިވާގޮތުގައި ތަލަޙްގެ އާލްމަޒްރޫޢުގައި ހުންނަ ހުސައިން ބިން ރާޝިދު އަލްޢުވައިރީގެ ގެއަށް ޙޫޘީން ބޮމުގެ ހަމަލާދިނުމުގެ ކުރީން އެގެއިން އޭނާގެ އާއިލާ ނެރެލައި އާއިލާގެ ކުރިމަތީގައިވަނީ ހުސައިންގެ ދަރިފުޅު ރަޝީދު ބިން ހުސައިން އަލްޢުވައިރީ މަރާލާފައެވެ.
ހުސައިންގެ ދަރިފުޅު މަރާލުމަށްފަހު ހޫޘީންވަނީ ހުސައިންގެ ގެއަށް ބޮމުން ހަމަލާދީ އެގެއެކީ ގޮއްވާލާފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ހޫޘީން މިޓެރަރިސްޓް ހަމަލާދިނުމަށްފަހުވަނީ ހުސައިން ހައްޔަރުކޮށްގެން ގެންގޮސްފައެވެ.
ދާރުލްހަދީޘް ދައްމާޖުގެ އިސް ދަރިވަރެއްކަމުގައިވާ ޝައިޚް އަބީ ހަމްޒާ މުޙައްމަދު އައްސިވަރީ ހާމަކުރިގޮތުގައި ހޫޘީންގެ މި ޓެރަރިސްޓް ހަމަލާ ހުސައިން އަށް އަމާޒުވީ އެއީ ހުސައިންއަކީ ޙޫޘީންގެ އަނިޔާވެރިކަމާއި ދެކޮޅަށް އަޑު އުފުލައި އެކަމާއި ދެކޮޅަށް ހަނގުރާމަކޮށްފައިވާ މީހަކަށްވާތީއެވެ. އަދި އެއީ ހުސައިންއަކީ ސުންނަތުގެ އަހުލުވެރިންނަށް ނުހަނު ޤަދަރާއި އިޙްތިރާމްއަދި ލޯބިވާ މީހަކަށް ވާތީކަމަށްވެސް އޭނާ ހާމަކުރިއެވެ.
ޔަމަނުގެ ސުންނީންނަށް ޙޫޘީން މިފަދަ ޓެރަރިސްޓް ހަމަލާދީ އެތަކަށް އަޚުންނާއި އުޚްތުން މިހައިތަނަށް މަރާލާފައިވާއިރު އެމެރިކާއިން ބުނެފައިވާގޮތުގައި ޙޫޘީ ޖަމާޢަތަކީ އެއީ ޓެރަރިސްޓް ޖަމާޢަތެކޭ ބުނެވޭނެ އެއްވެސް ގޮތެއް ނެތްކަމަށެވެ. އަދި އެމެރިކާއިން ބުނާގޮތުގައި ހޫޘީ ޖަމާޢަތަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް އެމެރިކާއިން އަދި އދ. އިންވެސް ޤަބޫލުނުކުރާ ކަމަށެވެ.
ދާދި ފަހުން ޔަމަނުގައި ހަރަކާތްތެރިވަމުން ދިޔަ އީރާނުގެ ޖާސޫސީ ވިއުގައެއް ވަނީ ފަޅާއަރާފައެވެ. މިވީ 7 އަހަރު ޔަމަނުގެ އެކި ސިއްރުތައް މި ގުރޫޕުން އީރާނާއި ހިއްސާކޮށްފައިވާއިރު މި ގުރޫޕުން ޙޫޘީ ޖަމާޢަތަށް ފައިސާއާއި ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބެލެވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...