ސީރިޔާގައި ހިނގަމުން އަންނަ ހަމަނުޖެހުމަށް 16 މަސްވެފައިވާއިރު ބައްޝާރުލް އަސަދުގެ ސަރުކާރަށް މިހައިތަނަށް ދެވުނު އެންމެ ވަރުގަދަ ހަމަލާގައި އަސަދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރާއި އަސަދުގެ ގާތް އެތަށް ބަޔަކު މަރުވެއްޖެއެވެ.
ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި ނަޞާރާއެއްކަމުގައިވާ ޑިފެންސް މިނިސްޓަރ ދާވޫދު ރަޖްހާއާއި ޑެޕިއުޓީ ޑިފެންސް މިނިސްޓަރ އަސަދުގެ ޅިޔަނު އާސިފް ޝައުކަތު މަރުވީ ފްރީ ސީރިއަން އަރމީ (އެފްއެސްއޭ) އިން މިއަދު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ބޮޑީގާޑަކު ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މިހަމަލާ ދީފައިވަނީ ޤައުމީ ސަލާމަތާއި ބެހޭ މައިމަރުކަޒުގައި މިނިސްޓަރުންގެ ބައްދަލުވުމެއް ހިނގަމުންދަނިކޮށެވެ. މިހަމަލާގައި އަސަދުގެ ސަރުކާރުގެ އެންމެ މުހިއްމު ތަނބުކަމުގައިވާ ޑިފެންސް މިނިސްޓަރާއި އޭނާގެ ނާއިބު މަރުވެފައިވާއިރު އިންޓީރިއަރ މިނިސްޓަރު މުޙައްމަދު އިބްރާހީމް އައްޝާރު ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.
އަސަދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މަރުވުމާއި ގުޅިގެން ކުއްލި ބައްދަލުވުމެއް ބާއްވައި ސިފައިންގެ ޗީފް އޮފް ސްޓާފްގެ މަޤާމް ފުރަމުން ގެންދިޔަ ފަހަދް ޖާސިމްވަނީ މިނިސްޓަރުގެ މަޤާމަށް އިސްކޮށްފައެވެ.
މިހަމަލާއާއި ގުޅިގެން ރައީސް ބައްޝާރުލް އަސަދު އެއްވެސް ބަޔާނެއް ދީފައި ނުވާއިރު، ބައެއް ފަރާތްތަކުން ހާމަކުރާގޮތުގައި މިއަދު ދެވުނު މިވަރުގަދަ ހަމަލާގައި އޭނާވެސް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. ނަމަވެސް އެހެން ފަރާތްތަކުން ބުނާގޮތުގައި ޤައުމީ ސަލާމަތާއި ބެހޭ މައިމަރުކަޒުގައި މިއަދު އޮތް ބައްދަލުވުމުގައި އަސަދު ބައިވެރިވެފައެއް ނުވެއެވެ.
މިއަދު ދެވުނު ކާމިޔާބު ހަމަލާއަކީ ދިމިޝްޤު މިނިވަންކުރުމުގެ ނަމުގައި އެފްއެސްއޭއިން ސީރިޔާގެ ވެރިކަން ކުރާރަށުގައި އަސަދުގެ އަނިޔާވެރި ސިފައިންނާއި ދެކޮޅަށް ފަށާފައިވާ ކުރިމަތިލުންތަކުގެ ދަށުން ހިންގާފައިވާ ހަމަލާއެއްކަމުގައި އެފަރާތުން ހާމަކުރެއެވެ."މިއަދު މިގޮއްވާލީ އަޅުގަނޑުމެން ބުނަމުންގެންދިޔަ އަލިފާން ފަރުބަދަ،" އެފްއެސްއޭގެ ތަރުޖަމާނު ޤާސިމް ބުނެފައިވެއެވެ.
އަސަދުގެ ބޭބެ މާހިރު އިސްވެ ހަރަކާތްތެރިވަމުން އަންނަ ސިފައިންގެ 4 ވަނަ ޑިވިޝަންގެ ބޭސްއަކަށް މިއަދު ބޮމުގު ފަސް ހަމަލާދީފައިވާކަމަށް އެހިސާބުގައި ދިރިއުޅެމުންގެންދާ ބައެއް ރައްޔިތުން ނޫސްތަކަށް މަޢުލޫމާތު ދީފައިވެއެވެ. މިޑިވިޝަންއަކީ ހޮމްސްއާއި، ދިރާއަދި އިދްލީބްގައި ރައްޔިތުންނާއި ދެކޮޅަށް ހިންގާފައިވާ ޤަތުލުއާންމުތަކުގެ ފަހަތުގައިވާ ފަރާތެވެ.
އެފްއެސްއޭގެ ހަނގުރާމަވެރިން ޚަބަރުދޭގޮތުގައި އަސަދުގެ ސަރުކާރުގެ ނިމުން ގެނައުމަށް ފަށާފައިވާ މިކުރިމަތިލުންތަކުގައި ހަމަލާދޭން އެންމެ ފުރަތަމަ ފަށާފައިމިވަނީ ސީރިޔާގެ ދިފާޢީ މައިމަރުކަޒުތަކަށެވެ.
މިއަދު ދެވުނު ބޮމުގެ ހަމަލާއަށް ފަހު ސިފައިންވަނީ ހަމަލާދިން ހިސާބާއި ކައިރީގައި ހުންނަ ޝާމީ ހޮސްޕިޓަލް ވަށައިގެން ބެރިކޭޑް އަޅައި އެތަނަށް އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް ހަދާފައެވެ. ސިފައިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޤައުމުގެ ސަލާމަތާއި ދެކޮޅަށް މަސައްކަތް ކުރާ ކޮންމެ މީހެއްގެ އަތްތައް ބުރިކުރާނެކަމަށެވެ.
އަޕްޑޭޓް: މިއަދުގެ ހަމަލާގައި ސީރިޔާގެ އިންޓީރިޔާ މިނިސްޓަރުވެސް މަރުވެފައިވާކަމަށް ބައެއް ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ. އަދި ބައްޝާރުލް އަސަދާއި އޭނާގެ އާއިލާ ކުއްލި ގޮތަކަށް ރަޝީއާއަށް ފުރައިފިކަމުގެ އަޑުތައްވެސް ދަނީ ފެތުރެމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...