ސީރިޔާގެ ވެރިކަންކުރާރަށް ދިމިޝްޤް ބައްޝާރުލްއަސަދުގެ އަނިޔާވެރި ސަރުކާރުގެ ވަކިތަކުން މިނިވަންކުރުމަށް އެޤައުމުގައި ހަރަކާތްތެރިވަމުންދާ މުޖާހިދުން އިއްޔެ ހަނގުރާމަ އިޢުލާންކުރައްވާފިއެވެ.
ފްރީ ސީރިއަން އަރމީ (އެފްއެސްއޭ) އިން ހާމަކުރައްވާފައިވާގޮތުގައި އިއްޔެ ބައްޝާރުގެ ސިފައިންނާއި ދެކޮޅަށް ހިންގި ވަރުގަދަ ކުރިމަތިލުމެއްގައި ސަރުކާރު ސިފައިންގެ ހެލިކޮޕްޓަރެއް ވައްޓާލާފައިވާކަމަށެވެ.
މިދިޔަ އަހަރު މާޗްމަހު ބައްޝާރުގެ ސަރުކާރާއި ދެކޮޅަށް ފެށުނު މުޒާހަރާތަކާއި ގުޅިގެން އެކަމާއި އިދިކޮޅަށް ބައްޝާރުގެ ސަރުކާރުން އާންމުކޮށް މުޒާހަރާތައް ބާއްވަމުން އަންނަ ތަންކަމުގައިވާ ދިމިޝްގެ ސަބާ ބަހްރަތު މައިދާނުގައި ބަޑީގެ ހަމަލާތައް ބަދަލުވެފައިވާކަމަށް ޚަބަރުލިބިފައިވެއެވެ.
ދިމިޝްގެ ސަބާ ބަހުރަތު މައިދާނާއި، އަލްމައިދާންއާއި އަލްހަޖަރުލް އަސްވަދުގައި ހިނގި ކުރިމަތިލުންތަކުގައި އިއްޔެ މަދުވެގެން 8 މީހުން މަރުވެފައިވާކަމަށް ސީރިޔާގެ އިންސާނީ ޙައްޤުތަކާއި ބެހޭ އޮބްޒަރވޭޓަރީން ހާމަކުރެއެވެ.
ނަޞްރު ވަރަށް ގާތްވެއްޖެކަމަށާއި އަދި ދިމިޝްގް މިނިވަންވަންދެން ހަނގުރާމަކުރައްވާނެކަމަށް އެފްއެސްއޭގެ ތަރުޖަމާނު ކާނަލް ޤާސިމް އިއްޔެ ދިމިޝްޤް މިނިވަން ކުރުމަށް ފެށުނު ހަނގުރާމައާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
"މުޅި ދިމިޝްގް ކޮންޓްރޯލްގެ ދަށަށް ގެނައުމަށް އަޅުގަނޑުމެން މިހަނގުރާމަ ކުރަނީ ވަކި ޕްލޭނެއްގެ ދަށުން. އަޅުގަނޑުމެންގެ އަތުގައި މާގިނަ ވަރުގަދަ ހަތިޔާރުތަކެއް ނެތް، ނަމަވެސް އެއީ މައްސަލައެއް ނޫން. އަޅުގަނޑުމެންގެ މި އޮޕަރޭޝަންއަށް އެވަރު ފުދޭ،" އެފްއެސްއޭގެ ތަރުޖަމާނު ހާމަކުރެއްވިއެވެ.
"ވެއްޓެމުން އަންނަ ބައްޝާރުގެ ސަރުކާރުވަނީ ހަމައިން ނައްޓާފަ،" އަލްމައިދާން އަވަށުގައި ހަރަކާތްތެރިވަމުން ދިޔަ އެކްޓިވެސްޓެއް ކަމުގައިވާ އަބޫމުސްޢަބް ސްކައިޕުން އޭއެފްޕީއަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވެއެވެ.
"ސަރުކާރު ސިފައިން އުޅުނީ އަލްމައިދާން އަވަށަށް ވަދެގަނެ އެތަނުގެ ރައްޔިތުން ކަތިލާން، ނަމަވެސް އެފްއެސްއޭއިން އެމީހުން ހުއްޓުވީ. ބައްޝާރުގެ ސިފައިން މިހާރުދަނީ ފެންނަ ކޮންމެ އެއްޗަކަށް ހަމަލާދެމުން. އެމީހުންވަނީ ހަމައިންނައްޓާފަ. ހަމަބުއްދި ފިލާގޮސްފަ،" އޭނާ ކިޔައިދިނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...