މީހަކު ކުށެއް ކުރުމުން އެކަމަށް މާތް ﷲ ބާއްވާލައްވާފައިވާ އުޤޫބާތާއި އެއްގޮތަށް ތަންފީޛު ނުކުރެވޭ ނަމަ ދުނިޔެ މަތިންވެސް ކާމިޔާބެއް ނުލިބޭނެކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޝައިޚް ސަމީރު މިހެން ވިދާޅުވީ ރޭޑިޔޯ އެޓޯލް އިން ގެނެސްދޭ ޕްރޮގްރާމް"ފަސްއަލޫ އަހްލަލް ޒިކްރް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އިސްލާމީ ޝަރީއަތުގައި ބަޔާންވެގެންވާ ކަމަކަށް ފުށޫއަރާގޮތަށް މީހަކު ކަމަކަށް އަރައިގަނެފައިވާކަމުގައިވާނަމަ، ﷲޠައާލާ އެކަމަކަށްޓަކައި ބާވާލައްވާފައިވާ އުޤޫބާތް އެއޮތްގޮތަށް ތަންފީޛް ނުކުރެވޭހާހިނދަކު ކިތަންމެވަރަކަށް ޤާނޫނު ހެދިކަމުގައި ވިއަސް، ކިތަންމެވަރަކަށް އަޑުއުފުލިއަސް، ކިތަންމެ މަތިމައްޗަށް ފަތްފުއްތަށްލިޔެ ތަންތަނުގައި ރައްކާތެރިކުރިކަމުގައިވިޔަސް، ކިތަންމެބައިވަރު ރިސާޗްތަކެއް ހެދިކަމުގައިވީނަމަވެސް، ގެފުޅުގެ ވެރި ރަސްކަލާނގެ ގަންދީ ބުނަން އިންސާނާއަށް އެއްވެސްކަހަލަ ފަލާޙާއި، ކާމިޔާބެއް ދުނިޔޭގައި ނުލިބޭނެ. އެއީ ދުނިޔެ ދައްކާ ޙަޤީގަތެއް. ﷲބުސްޙާނަޙޫ ވަޠައާލާގެ ހަޟްރަތަށް ރުޖޫއަވުން ނޫން އިތުރު ޙައްލެއް ނެތްކަން އަޅުގަނޑުމެންގެ މިއަދުގެ ބުއްދިން ކަށަވަރުވާހިސާބަށް މިވަނީ ގޮސްފައި." އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވި އެވެ.
އަދި ޝައިޚް ވިދާޅުވީ އަޅުގަނޑުމެންނަށް އޮތީ މާތް ﷲ ގެ ޝަރީޢަތް ތަންފީޛު ކުރުން ކަމަށާއި އެނޫން ގޮތަކަށް އިއްޒަތާއި ޝަރަފު ލިބޭނެ ކަމަށް ޤަބޫލު ކުރުމަކީ ތިމާ ހެއްދެވި މާތް ﷲ އާ މެދު ކުށް ހީކުރުން ކަމަށެވެ.އަދިމުސްލިމުން ގެ ފުރާނަ ސަލާމަތްކޮށް ، މުޖުތަމައު އަމާން ރައްކާތެރި ތަނަކަށް ހަދައިދިނުމަށް އިސްލާމީ ޝަރީޢަތް ނޫނީ އެހެން ގޮތެއް ނެތް ކަމަށެވެ.
އެހެން ގޮތެއް ހޯދައިފި މީހާ އެޤަބޫލު ކުރަނީ މާތް ﷲ އަށް ވުރެއް ތިމާގެ ޙިކުމަތްތެރި ކަމަށާއި މިކަން ކަމުން ސަލާމް ވާން ޖެހޭނެކަމަށް ވެސް ޝައިޚް ސަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ޝައިޚް ވިދާޅުވީ ޤާޠިލަށް މަޢާފު ދެވޭނީ ހަމަ އެކަނި މައްޔިތާގެ ވާރުތަވެރިންނަށް ކަމަށާއި މިއީ މާތް ﷲ ވާރުތަވެރިންނަށް ދެއްވާފައިވާ ބާރެއް ކަމަށާއި ރައީސަކަށް އަދި އެހެން މީހަކަށް އެކަމަށް ބާރު ނުފޯރުވޭނެ ކަމަށެވެ.
އަދި މާތް ﷲ ހުރުމަތްތެރި ކުރެއްވި ނަފުސެއް ޙައްޤަކާ ނުލާ މަރާލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ކީރިތި ޤްރުއާނުގައި އަންގަވާފައިވާ ކަމަށާއި މުސްލިމުންގެ ލޭ އޮހުރުވާލުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށާއި މާތް ﷲގއ ޙަޟްރަތުގައި މުސްލމެއްގެ ލޭ އޮހުރުވާލުން ، ގެފުޅު މުގުރާލުމަށް ވުރެއްވެސް ބޮޑުކަމަށް ޙަދީޘްތަކުން އެނގޭ ކަމަށް ޝައިޚް ސަމީރު ވިދާޅުވިއެވެ.އަދި ސަމާސާ އަކަށް ނަމަވެސް މުސްލިމަކާ ދިމާއަށް ތޫނު އެއްޗެއް ދިއްކުރުމަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަހީ ކުރައްވައިފައިވާ ކަމެއް ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...