ބައްޝާރުލް އަސަދުގެ ސަރުކާރުން އިއްޔެ ސީރިއާގައި ހިންގި ބޮޑު ޤަތުލުއާންމުގައި 220 މީހުން މަރުވެފައިވާކަމަށް ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ.
ސީރިއާގެ އަނިޔާވެރި ނުޞައިރީ ސަރުކާރުން އިއްޔެ ހިންގާފައިވާ މިޤަތުލުއާންމަކީ މިހައިތަނަށް ހިންގާފައިވާ އެންމެ ބޮޑު ޤަތުލުއާންމުކަމުގައި އެޤައުމުގެ އިދިކޮޅުފަރާތްތަކުން ޚަބަރުދެއެވެ. އިދިކޮޅުފަރާތްތަކުން ހާމަކުރާގޮތުގައި މިޤަތުލުއާންމު ހިންގާފައިވަނީ ހަމާ ޕްރޮވިންސްގައެވެ.
"މިއަދު އައްތްރީމްސާގައި 220 މީހުން ޤަތުލުކޮށްލާފައިވޭ. ބައްޝާރުލް އަސަދުގެ ސަރުކާރުން މިޤަތުލުއާންމު ހިންގާފައިވަނީ ޓޭންކަރާއި،ހެލިކޮޕްޓަރުން އަދި ބަރު ހަތިޔާރު ބޭނުންކޮށްގެންނާއި އަދި އެނޫންގޮތްތަށް ް،" ހަމާގެ ރިވޮލިއުޝަނަރީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.
އިނގިރޭސިވިލާތުގައި ހުންނަ ސީރިއަން އޮބްޒަރވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ވަނީ ހަމާގެ މިޤަތުލުއާންމުގައި މަރުވި މީހުންގެ ތެރެއިން މިހާރު ނަން ޔަޤީންވެފައިވަނީ 30 މީހުންގެއެވެ.
ބައްޝާރުގެ ސަރުކާރުގެ ޓީވީއިން ތުހުމަތުކުރާގޮތުގައި މިޤަތުލުއާންމު ހިންގާފައިވަނީ ހަތިޔާރު އެޅި ޓެރަރިސްޓް ޖަމާޢަތަކުންނެވެ.
"ސަރުކާރުގެ ޢަލާވީ ސިފައިން އައްތުރީމްސާއަށް ވަދެ މުޅި ވާދީއެކީ ވަށާލީ. ދެން މީހުން ކަތިލާންފެށީ. ތަފާތު އެކި ހަތިޔާރުތައް ބޭނުންކޮށްގެން ގެތަށް އެކީ ސުންނާފަތިކުރަންފެށީ،" އައްތުރީމްސާގެ އިދިކޮޅު އެކްޓިވިސްޓެއްކަމުގައިވާ ފާޟީ ސާމިހް މަޢުލޫމާތު ދީފައިވެއެވެ.
"އަވަށުގެ ކޮންމެ އާއިލާއަކުން އެތަކެއް މީހުންވަނީ މަރާލާފަ. އަންހެނުންނާއި ފިރިހެނުންނާއި އަދި ކުޑަކުދިންވެސް،" އޭނާ އިތުރަށް ބުނެފައިވެއެވެ. އޭނާ ހާމަކުރިގޮތުގައި މަރުވެފައިވާ މީހުންގެ ހަށިތައް ވަނީ އެއަަވަށުގެ މިސްކިތަކަށް ގެންގޮސްފައެވެ.
"މިސްކިތުގައި 60 މީހުންގެ ހަށިތައް ޖަމާކުރެވިފައިވޭ. ދަނޑުތަކުގައިއާއި، ކޯރުތަކުގައި އާއި ގެތަށްވަނީ މަރުވެފައިވާ މީހުންގެ ހަށިތައް. އާއިލާތައް އެކީވެސް އެބަތިބި ދިރިތިއްބާ ކަތިލާފަ،" ޔޫނިއަން އޮފް ހަމާ ރިވޮލިއުޝަނަރީސްގެ އެކްޓިވްސްޓެއްކަމުގައިވާ އަޙްމަދު ކިޔައިދިނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...