އެކުވެރި ޢަރަބި އިމާރާތުގެ 16 ވަނަ ދުބާއީ އިންޓަރނޭޝަނަލް ހޮލީ ޤުރްއާން އެވޯޑް (ޑިހްޤާ)ގެ "އަހަރުގެ އިސްލާމީ ޝަޚްސިއްޔަތުގެ" އެވޯޑް ޔޫސުފް އެސްޓެސްއަށް ދޭން ނިންމައިފިއެވެ.
އެވޯޑް އޯގަނައިޒިންގ ކޮމިޓީގެ ޗެއަރމަން، އިބްރާހިމް ބުމެލްހާ އިސްލާމް ނިއުސްރޫމަށް ދިން ބަސްދީގަތުމެއްގައި ހާމަކުރިގޮތުގައި ޔޫސުފް އެސްޓެސްއަށް މިއެވޯޑް ދިނުމަށް ޚިޔާރުކޮށްފައިވަނީ މިއެވޯޑަށް ޝޯޓްލިސްޓްކޮށްފައިވާ ގިނަ ނަންތަކަށް ބަލާފައި އޭގެތެރެއިން ހުޅަނގުގައި އިސްލާމްދީނަށް ދަޢުވަތު ދިނުމުގައި އެންމެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަނީ ޔޫސުފް އެސްޓެސްކަމަށް ބެލެވޭތީކަމަށެވެ.
މިއެވޯޑް ޔޫސުފް އެސްޓެސް އަށް ދިނުމަށް ނިންމާފައިވާކަން ޔޫސުފް އެސްޓެސް އަށް ޚަބަރުދިނުމުން އޭނާ ހާމަކުރިގޮތުގައި އޭނާއަކީ މިފަދަ އެވޯޑަކަށް ލާއިގުވެގެން ނުވާކަމަށާއި އަދި އޭނާއަކީ ޤުރްއާންވެސް ހިތުދަސް މީހެއް ނޫންކަމަށެވެ.
ޔޫސުފް އެސްޓެސްއިން މިއެވޯޑާއި ހަވާލުވުމަށް ނިންމީ މިއީ ޤުރްއާން ހިތުދަސް މީހުންނަށް ދޭ އެވޯޑެއް ނޫންކަމަށާއި މިއީ ކީރިތި ޤުރްއާނުގައިވާ ރިވެތި މެސެޖް މީސްތަކުންނަށް ދަޢުވަތުދޭ ދާޢީނަށް ދެވޭ އެވޯޑެއްކަމަށް އެވޯޑް ކޮމިޓީން އޭނާއަށް އެންގުމުންނެވެ.
މިވޯޑާއި ގުޅިގެން ރައީށް ޝައިޚް މުޙައްމަދު ބިން ރާޝިދް އަލްމަކްތޫމްއާއި ޢަރަބި އިމާރާތުގެ ނައިބު ރައީސް އަދި ބޮޑުވަޒީރަށް ޔޫސުފް އެސްޓެސް ޝުކުރުއަދާކުރިއެވެ.
"އިންސިންނާއި ޖިންނިން އެކަމަށް އުފެއްދެވި މަތިވެރި މަޤްސަދަށް ދަޢުވަތުދިނުމުގައި އަހަރެންނަށް އެވޯޑެއް ދިނުން އެއީ މުހިއްމުކަމެއް ނޫން. އަހަރެންނަށް ވުރެ މިފަދަ އެވޯޑަކަށް މާއެކަށޭނެ ލާއިގުފަރާތްތައް އެބަތި. އަހަރެން މިއެވޯޑް ޤަބޫލުކުރުމަށް ނިންމީ އަހަރެންނާއި އެކު ދަޢުވަތުގެ މައިދާނުގައި ބައިވެރިވަމުން އަންނަ އަހަރެންގެ އަޚުންނާއި އުޚްތުންގެ ފަރާތުން،" ޔޫސުފް އެސްޓެސް ބުނެފައިވެއެވެ.
ދުބާއީ އިންޓަރނޭޝަނަލް ހޮލީ ޤުރްއާން އެވޯޑްދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ރޯދަމަހުގެ ތެރޭގައެެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...