ބަރުމާއަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކާފިރުންގެ ފަރާތުން ތަފާތު ގިނަގުނަ އަނިޔާލިބެމުންދާ މުސްލިމުން އަޚުންނަށް ނަޞްރުދެއްވުމަށް އެދި ދުޢާކުރުން ގިނަކުރުމަށް ސައުދި ޢަރަބިޔާގެ ފަތުވާ ކޮމިޓީގެ މެމްބަރު ޝައިޚް ޞާލިޙް އަލްފައުޒާން ގޮވާލައްވައިފިއެވެ.
ޝައިޚް ފައުޒާން ވިދާޅުވިގޮތުގައި މިއަދު މުސްލިމުންނަށާއި އަދި އިސްލާމްދީނަށް ކާފިރުންގެ ފަރާތުން ކުރިމަތިވަމުން އަންނަ ތަފާތު ގޮންޖެހުންތަކަކީ ހަމައެކަނި ބަރުމާއަށް ޚާއްޞަ މައްސަލައެއް ނޫންކަމަށެވެ. ނަމަވެސް މިއީ މުސްލިމުންގެ އާބާދީއެއް އޮންނަ ކޮންމެ ޤައުމެއްގައި ކުރިމަތިވަމުން އަންނަ މައްސަލައެއްކަމަށް ޝައިޚް ހާމަކުރެއްވިއެވެ.
"ކާފިރު ދައުލަތްތަކުން މިއަދު ދަނީ މުސްލިމުންގެ މައްޗަށް ހަންފަތުރަމުން، އެބައިމީހުން ބޭނުންމެއްނުވޭ މުސްލިމުންނަށް ދައުލަތެއްވުމަށް، އަދިއެބައިމީހުން ބޭނުންވަނީ މިވުޖޫދުން އިސްލާމްދީން ފޮހެލުމަށް. ތިޔަބައިމީހުންނަށްވެސް އިނގޭނެ އެބައިމީހުން މުސްލިމުންނާމެދު ކަންތައް ކުރަމުން އަންނަ ގޮތް،" ޝައިޚް ފައުޒާން ވިދާޅުވިއެވެ.
ޝައިޚް ހާމަކުރެއްވިގޮތުގައި ކާފިރު ދައުލަތްތަކުން މިއަދު މަސައްކަތްކުރަމުން ގެންދަނީ މުސްލިމު ޤައުމުތަކުގައި އެބައިމީހުންގެ "ޑިމޮކްރަސީއޭ މިކިޔާ އެމީހުންގެ ކާފިރު މަޒްހަބު އަދި ޙުކުމުން ޙުކުމްކުރުމަށް ވާޖިބުކުރަމުންނެވެ." އަދި ޝައިޚް އިތުރަށް ވިދާޅުވިގޮތުގައި ކާފިރުން މިއަދި ކެނޑިނޭޅި މަސައްކަތްކުރަމުންގެންދަނީ ދީނާއި ސިޔާސަތު ވަކިކުރާ ޢަލްމާނީ ޑިމޮކްރަސީގެ ނިޒާމް މުސްލިމު ޤައުމުތަކުގައި ތަޢާރަފްކުރުމަަށެވެ.
"ނަމަވެސް ﷲ ތަޢާލާގެ ނޫރުފުޅު ނިއްވާލުމަކީ އެއީ އެބައިމީހުންނަށް ކުޅަދާނަކަމެއްނޫން. އަހަރުމެންނަށް އޮތީ ދުނިޔޭގެ ކަންކޮޅުތަކުގައިވާ އަހުރެމެންގެ މުސްލިމު އަޚުންނަށް ނަޞްރުދެއްވުމަށް އެދި އަދި އަހުރެމެންގެ މުސްލިމު އަޚުން އެބައިމީހުންގެ ޢަދުއްވުންގެ ކިބައިން ރައްކާތެރިކުރެއްވުމަށް އެދި މާތް ﷲއަށް ގިނަގިނައިން ދުޢާކުރުން. ދުޢާކުރުން ނޫން އެހެން ގޮތެއް ނެތް،" ޝައިޚް ވިދާޅުވިއެވެ.
އަދި ދުޢާކުރުމަށްވުރެ އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ލިބިގެންވާ ފަރާތްތަކަށް ކުޅަދާނަކަން ލިބިގެންވާވަރަކުން އެކަމަށް މަސައްކަތްކުރަންޖެހޭނެކަމަށްވެސް ޝައިޚް ފައުޒާން ހާމަކުރެއްވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...