ހުޅަނގުގެ ޤައުމުތަކުގައި މިސްކިތްތައް އެޅުން މަނާކުރުމަށް އެެމެރިކާގެ ކޮލަރާޑޯގެ ރިޕަބްލިކަން ސްޓޭޓް ސެނެޓަރ ކެވިން ގްރަންތަމް ގޮވާލައިފިއެވެ. އޭނީ މިހެން ގޮވާލާފައިވަނީ ކޮލަރާޑޯގެ ކްރިސްޓިއަން ޔުނިވަރސިޓީއެއްގައި އޮތް ކޮންފަރެންސެއްގައި ވާހަކަދައްކަމުންނެވެ.
"އަހަރެމެންނަށް ޖެހޭނީ މިކަމާއިބެހޭގޮތުން ގިނަގިނައިން އަޑުއަހަން. އެންމެންނަށްވެސް އިނގޭނެފަދައިން މިސްކިތްތަކަކީ އަހަރެމެންގެ ޗަރޗްތައް ފަދަ ތަންތަނެއްނޫން. އެމީހުންދެކޭގޮތުގައި މިސްކިތްތަކަކީ އިޖްތިމާޢީ ތަނެއް. އެއީ ހަމައެކަނި އަޅުކަން ކުރެވޭ ތަންތަނެއްނޫން،" މިދިޔަ ހުކުރުދުވަހު އޮތް މިބައްދަލުވުމުގައި ވާހަކަދައްކަމުން ގްރަންތަމް ބުނެފައިވެއެވެ.
މިކޮންފަރަންސްގައި އިސްލާމްދީނާއި އިދިކޮޅަށް ދުނިޔޭގެ އެކިތަންތަނުގައި ކެމްޕެއިން ކުރަމުން އަންނަ ނެދަރލޭންޑުގެ ޖިއަރޓް ވައިލްޑަރސްއާއި ފްރޭންކް ގަފްނީވެސް ވާހަކަދައްކާފައިވެއެވެ.
ކޮލަރާޑޯ ސްޓޭޓްގެ ކުރީގެ ސެނެޓަރ ޖޯން އެންޑްރޫސް މިކޮންފަރެންސްގައި ބުނެފައިވާގޮތުގައި އިސްލާމްދީނަކީ ހުޅަނގުގެ ޤައުމުތަކާއި އެމެރިކާއަށް އޮތް ވަރަށް ބޮޑު ބިރެކެވެ.
އެމެރިކާއާއި ހުޅަނގުގެ ގިނަ ޤައުމުތަކުގައި މުސްލިމުންނަށް ފުރައްސާރަކޮށް އެޤައުމުތަކުގެ މުސްލިމު ރައްޔިތުންގެ ހައްޤުތަކަށް އަރައިގަތުމީ އެއީ މިހާރު އާންމުވެފައިވާ ކަމެއްކަމަށް ގިނަ ފަރާތްތަކުން ހާމަކުރެއެވެ. އަދި މިއީ އިންސާނީ ޙައްޤުތަކަށް ގޮވާލާ ޖަމާޢަތްތަކުން ބީރުކަންފަތެއްދޭ މައްސަލަތަކެއްކަމަށް މުސްލިމު އާބާދީތަކުން ތުހުމަތުކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...