އާދައިގެ މަތިން ކޮންމެ ހެދުނެއްގައިވެސް ހޯރަ ފުށިގެ މާހައުލު ފެންނަމުންދަނީ ވަރަށް އަމާންކޮށެވެ. ވިޔަފާރިވެރިންނާއި، ތަފާތު މަސައްކަތްތައް ކުރާ ފަރާތްތަކުން ތައްޔާރުވަމުން ދިޔައީ ގަޑި ނުޖެހި މަސައްކަތްތަކަށް ދެވޭތޯއެވެ. ކިޔަވާ ކުދިންނާއި އެކުދިންގެ ބެލެނިވެރިން މަސައްކަތް ކުރަމުންގެންދިޔައީ ގަޑި ނުޖެހި ސުކޫލަށް ދެވޭތޯއެވެ.
ދަރިފުޅު ސުކޫލަށް ގެންދިޔުމަށްފަހު ހޯރަފުށީ، ސީނާ ފާތުމަތު ޝާމިލާ އާދައިގެ މަތިން ދިޔައީ ސީނާގޭގައި ހަނދަމުންދާ ގެ ބަލާލުމަށްޓަކައެވެ. ގޭގެ ދޮރާއި އަރާއި ހަމަވުމުން ގޯހެއް އުޅޭކަން ޔަޤީންކުރެވުނެވެ. ގޭގެ ދޮރު ހުރީ ހަލާކުކޮށްލާފައެވެ. ޝާމިލާ އެތެރެއަށްވަދެގެން ދިޔައިރު، ބަންނަންގެންގުޅޭ ރޯނު ބޮޑިއަކާއި ފޮތަކާއި ފައިވާނާއި ފެނުނެވެ. ހިނގަމުންގޮސް އައްސަންގެންގުޅޭ ވާގަނޑު ކޮޅު އޮތްތަނަށް ދިޔައިރު ފެނުނީ ބަނޑުވަތައް ބިންމަތީގައި އޮތް މީހެކެވެ.
ޝާމިލާއަށް ލިބުނީ ކުށްލިސިހުމެކެވެ. އަވަހަށް ކައިރީގޭގައި އުޅޭ ބަޔަކު ގެނެސް ބެލިއިރު އެއީ ހޯރަފުށީ ސިވިއު ހުސައިން މަނިކެ (ޙުސައިން ބެ) އެވެ. ހޯރަފުށިޣައި، ހާޑްވެއަރގެ ވިޔަފާރިއާއި، ޑީސަލާއި ތެލުގެ ވިޔަފާރިކުރާ މީހެކެވެ. ޙުސައިން މަނިކު އޮތީ ދެއަތް ފުރަގަހަށްލާ ބަނުމަށްފަހު، އަނިޔާ ކޮށް މަރާލާފައެވެ. މުޅި ރަށުގެ ކުދި ބޮޑު އެންމެނަށް ލިބުނީ ކުށްލި ސިހުމެކެވެ. ޙުސައިން ފުރަތަމަ ފެނުނު އިރު ބޭރު ފުށުން މާބޮޑު ހާނިކައެއްވެފައެއް ނެތެވެ. ނަމަވެސް އެތަނުން ނަގައި ބެލިއިރު ނޭފަތުން ލޭފައިބައިފައި ހުއްޓެވެ.
ޙުސައިންބެގެ މަރާއި ގުޅިގެން މުޅި ރަށުގެ ރައްޔިތުންގެ މެދުގައި ހަލަބޮލިކަމެއް އުފެދިގެންދިޔައެވެ. މި ބޮޑުވެގެންވާ ޖަރީމާގައި، ތުހުމަތުގެ އިނގިލި ރަށުގެ ރައްޔިތުން ދިއްކުރަނީ އެރަށުގައި އުޅޭ، މަސްތުވާތަކެތި ބޭނުންކުރާ ގޭންގު ގުރޫޕަކަށެވެ. ސަބަބަބެއްވެސް ނެތިއެއް ނޫނެވެ. ޙުސައިންބެ މަރާލާފައިއޮއްވާ ފެނުނު ސީނާގެއަކީ މިގުރޫޕު މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ގެއެއްކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ.
ރަށުތެރެ ކުއްލިއަކަށް ހަލަބޮލިވެގެންދިޔައެވެ. ހުސޭނު ބޭގެ މަރާއި ގުޅިގެން، އެރަށު ބަޔަކު ނިކުމެ ރަށުގެ އަތިރިމަތީގައި ހުރި ހަޓުތަކެއްއް ހުޅު ޖަހާ އަންދާލިއެވެ. އެއީ އެރަށުގެ މަސްތުވާތަކެތި ބޭނުންކުރަ ޒުވާން ގުރޫޕްތައް ވަރަށް ގިނައި ގޮސް ތަންތަން ކަމަށް ބުނަމުންނެވެ. ހުސައިނުބޭގެ މަރާއި ގުޅިގެން އެމައްސަލަ އިތުރަށް ތަހުޤީގު ކުރުމަށްޓަކައި، ލަސްތަކެއްނުވެ ފުލުހުންގެ ޓީމެއްވަނީ ހޯރަފުއްޓަށްވަނީ ގޮސްފައެވެ. އެޓީމުގައި ޕޮލިސް ކޮމިޝަނަރާއި، ނައިބުވެސް ހިމެނެއެވެ. ފުލުހުންވަނީ، ޙުސައިނުބޭގެ ހަށިގަނޑު ފޮރެންސިކް ޓެސްޓް ނުކުރަނީސް އަތް ނުލުމަށް އެރަށުގެ ސިއްޙިމަރުކަޒުގެ ޑޮކުޓަރުންނަށް އަންގާފައެވެ.
އިއްޔެގެ ވަގުތެއްގައިވަނީ ފުލުހުންގެ ސްޓރަފޯސް ޓީމެއްވެސް ހޯރަފުއްޓަށް ގޮސްފައެވެ. މިމައްސަލައާއި ގުޅިގެން، ފުލުހުންވަނީ ހޯރަފުށީ އެއްވެސް މީހަކު ރަށުން ބޭރަށް ކޮންމެހެން ދާން ޖެހިގެން ނޫނީ ނުދިއުމަށާއި، ރަށުންބޭރަށް ދާބޭނުމާއި، އެދާތަނެއް ފުލުހުންނަށް އަންގާފަ ނޫނީ ނުދިއުމަށް އަމުރު ނެރެފައެވެ. ރޭގެ 9 ޖެހިއިރުވަނީ ޙުސައިންބެގެ ޖަނާޒާނިމި ހޯރަފުށީ ޤަބުރުސްތާނުގައި ޙުސައިންބެ ވަޅުލާފައެވެ. މީހާރުވެސް ފުލުހުންގެ ޓީމާއި، މީދިޔާ ހަރަކާތްތެރިވަމުން ދަނީ ހޯރަފުށީގައެވެ. ފުލުހުން ހާމަކުރެއްވިގޮތުގައި ހުސައިންބެ މަރާލާފައި ފެނުނު ފަޅުގެއާއި، ހުސައިންބެ ދިރިއުޅޭގެ ބެލިބެލުމުން މިތަހުޤީޤަށް ވަރަށް މުޙިއްމު މަޢުލޫމާތުތަކެއް ލިބިއްޖެކަމަށް ހާމަކޮށްފައެވެ.
މިފަދަ ކޮންމެ ހާދިޡާއެއްގައި، ޓެރަރިސްޓް މިފަދަ ލަފުޒު ތައް ބޭނުންނުކުރަނީ ކީއްވެގެން ހެއްޔެވެ. މީކަހަލަ ކަމެއްގައި، އީސްލާމު ދީނުގެ ސިފައެއްޖަހާބަޔަކަށް ތުހުމަތު ކުރެވުނަސް ޓެރަރިސްޓް ހަމަލާއެކޭ، މިހެން މީޑިޔާތަކުގެ ފަލަ ސުރުހީގައި ފާހަގަކޮށްލެވެއެވެ. ނަމަވެސް މިކަމުގައި ދީނީ ސިފައެއްޖަހާ އެއްވެސް ބަޔަކަށް ތުހުމަތު ނުކުރެވޭތީވެ، އެކަންވީ މާރާމާރީއަކަށެވެ. ކޮންމެ ގޮތެއްވިޔަސް ވަގަކަށް ހާސް ދުވަހެވެ. ވެރިއަކަށް އެއްދުވަހެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...