އެމެރިކާގެ ވަރޖީނިއާ ބީޗްގައި ހުންނަ ޖޮއިންޓް ބޭސް ފޯރޓް ސްޓޯރީގައި ހިންގަމުން އަންނަ ނޭވީ ސީލްގެ ތަމްރީންތަކުގައި އަމާޒުފަތްގަނޑަކަށް ބޭނުންކުރަމުން އަންނަ ޤުރުއާނުގެ އާޔަތްތަކާއި އަދި ބުރުގާ އަޅައިގެން ހުރި މުސްލިމް އަންހެނެއް ދައްކުވައިދޭ ސޫރަ ނުގެންގުޅުމަށް އެޤައުމުގެ މުސްލިމުންގެ މަދަނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއަރ) އިން ގޮވާލައިފިއެވެ.
ވޮޝިންގޓަންގައި ހަރަކާތްތެރިވަމުން އަންނަ މިޖަމްޢިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، "ކިލްހައުސް"ގެ ނަމުން މަޝްހޫރުވެފައިވާ އަސްކަރީ މަރުކަޒުގައި ހަތިޔާރުގެ އެކި އުކުޅުތައް ތަމްރީން ކުރުމަށް ބޭނުންކުރަމުން އަންނަ އަމާޒުފަތްގަނޑުތަކުގައި ޤުރުއާނުގެ އާޔަތްތައް ލިޔެފައިވާކަމަށާއި އަދި އޭގައި ބުރުގާ އަޅައިގެން ބަޑިއެއް ހިފައިގެން ހުރި މުސްލިމު އަންހެނެއްގެ ސޫރަ ދައްކުވައިދޭ އަމާޒުފަތްގަނޑުތަކެއްވެސް ވާކަމަށެވެ.
"އަޅުގަނޑުމެންގެ މި ޤައުމުގެ އަސްކަރިއްޔާއިން ތަމްރީންކުރުމަށް އަމާޒުފަތްގަނޑަކަށް ބުރުގާ އަޅައިގެން ހުރި މުސްލިމު އަންހެނެއްގެ ސޫރައާއި ޤުރްއާނުގެ އާޔަތްތައް ބޭނުންކުރުމަކީ އެއީ އޭގެން މުސްލިމުންނަށާއި އަދި އެހެންމެ މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ ޤައުމުތަކަށް ޑިޕްލޯއިކުރެވޭ އަސްކަރީ އޮފިސަރުންނަށް ވަރަށްވެސް ނުބައި މެސެޖުތަކެއްދޭ ކަމެއް،" ކެއަރގެ ނެޝަނަލް އެކްޒެކެޓިވް ޑިރެކްޓަރ ނިހާދް އަވާދް އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ލިއޯން ޕަނެޓާއަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ސިޓީގައި ހާމަކުރައްވާފައިވެއެވެ.
"އިސްލާމްދީނާއި އަދި މުސްލިމުންނާއި ބެހޭގޮތުން އަސްކަރިއްޔާގެ ތަމްރީން ޕްރޮގްރާމްތަކުގައި މިދެކޭގޮތްތައް ބަދަލުކޮށް އިސްލާޙްކުރުމަށް ޑިޕާޓްމަންޓް އޮފް ޑިފެންސްއިން މަސައްކަތްކުރައްވަންޖެހިވަޑައިގަންނަވަނީ ކީއްވެގެންކަން މިމައްސަލައިންވެސް ވަރަށް ރަނގަޅަށް އެނގިބަޔާންވޭ،" ނިހާދް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...