100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ގައްދޫ ހުކުރު މިސްކިތުގެ ގޯތިތެރެއިން ގަބުރު ފެނި، ވަގުތީ ގޮތުން އެ މިސްކިތް ބަންދުކޮށްފި އެވެ.
ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު ރިޒާން ބުނީ ރަށުގައި ހުރި އެންމެ ދުވަސްވީ އެންމެ ބޮޑު މިސްކިތް، މަސްޖިދުލް އިސާރު ވަގުތީ ގޮތުން ބަންދުކުރީ މިސްކިތުގެ ގޯތިތެރެ ކޮންނަނިކޮށް ގަބުރު ފެނި އަދި މިސްކިތުގެ ދަށުގައިވެސް ޤަބުރު ހުރިކަމަށް ޔަޤީން ކުރެވުމުން ކަމަށެވެ.
އިތުރަށް ރިޒާން ބުނެފައިވަނީ މި މިސްކިތުގެ ގޯތިތެރޭގައި ޤަބުރު ހުރިކަމުގެ ޝަކުވާ ބައެއް ރަތްޔިތުން ކުރަމުންދާތާ ދުވަސް ތަކެއްވެއްޖެ ކަމަށާއި، މި ގޮތުން ރަށުގެ ގިނަ ބަޔަކު މިމިސްކިތަށް ނަމާދަށް އެރުމުގެ ބަދަލުގައި އެހެން މިސްކިތްތަކަށް ނަމާދަށްދާން ފެށުމާއި އެކު ކައުންސިލުން މިދިޔަ ހޮނިހިރު ދުވަހު މިސްކިތުގެ ގޯތި ތެރެ ކޮނެ މިސްކިތުގެ ގޯތިތެރެއާއި، އަދި މިސްކިތުގެ ދަށުގައި ޤަބުރު ހުރިތޯ ޔަޤީން ކުރުމަށްޓަކާ ބެލި ބެލުމުން މިސްކިތުގެ ޤިބްލައާއިވީ ފަރާތުގެ ފައުންޑޭޝަނަށްވާ ގޮތަށް އޮތް ޤަބުރެއްގެ ބޯ ފެނުމާއި އެކު މިސްކިތުގެ ދަށުގައި ޤަބުރުހުރިކަމަށް ޔަޤީން ކުރެވިފައިވާ ކަމަށެވެ.
މި މައްސަލަ މިހާރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށައަޅާފައިވާކަމަށްވެސް ރިޒާން ވިދާޅުވިއެވެ.މިނިސްޓްރީގެ ފަރާތުން މިހާރު މިކަމާއި މެދު މަޝްވަރާ ކުރަމުންދާކަމަށާއި، އަނގަބަހުން ގައްދޫ ކައުންސިލްގެ އިދާރާއަށް އެ މިސްކިތް ވަގުތީ ގޮތުން ބަންދުކޮށްފައި ބެހެއްޓުމަށް މިނިސްޓްރީގެ ފަރާތުން އަންގާފައިވާ ކަމަށްވެސް ގައްދޫ ކައުންސިލުން ހާމަ ކުރިއެވެ.
ގާތްގަނޑަކަށް 3،000 މީހުންގެ އާބާދީއެއް އޮންނަ ގައްދޫގައި ހުރި ތިން މިސްކިތުގެ ތެރެއިން އެންމެ ބޮޑު މިސްކިތުން ގަބުރު ފެނި، ވަގުތީ ގޮތުން އެމިސްކިތް ބަންދުކުރުމުން ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާކަމަށްވެސް ކައުންސިލް އިދާރާއިން ބުނެ އެވެ. އެ އިދާރާ އިން ބުނީ ރަށުގައި ބާކީ ހުރި ދެމިސްކިތަށްވުރެ ބަންދު ކުރި މިސްކިތުގެ ޖާގަ ބޮޑުވާނެ ކަމަށާއި، މިމިސްކިތް ބަންދު ކުރަން ޖެހުމާއި އެކު ވަގުތީ މިސްކިތެއް ނަމަވެސް ރޯދައިގެ ކުރިން ކޮންމެހެން ބޭނުންވާ ކަމަށެވެ.
ގައްދޫގައި ބަންދުކުރި މިސްކިތް އެންމެ ފަހުން މަރާމާތުކޮށް ބޮޑުކޮށްފައި ވަނީ 1985 ވަނަ އަހަރު އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...