މަތީ ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުން ހުށައެޅި ޕެޓިޝަނާ ގުޅިގެން، މި ކަމުގައި އިސްކޮށް ހަރަކާތްތެރިވާ އިސްދަރިވަރުންނާ ރައީސް އޮފީހުން މިއަދު ބައްދަލު ކޮށްފިއެވެ.
މިއަދު 11ޖަހާކަށްހާއިރުން ފެށިގެން ބައިގަޑިއެއްހާ އިރަށް ދިގުދެމިގެންދިޔަ މިބައްދަލުވުމުގައި ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބައިވެރިވެފައިވަނީ އެ މަނިކުފާނުގެ ޕޮލިޓިކަލް އެޑްވައިޒަރ އަހުމަދު ތަޢުފީޤެވެެ. މިއާއިއެކު ދަރިވަރުންގެ ފަރާތުން މަތީ ތައުލީމު ހާސިލް ކުރަމުންދާ ތަފާތު އިންސްޓިއުޓް ތަކަށް ނިސްބަތްވާ 9 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށް ދި އިސްލާމަށް މައުލޫމާތު ލިބިފައިވެ އެވެ.
މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވިފައިވަނީ މިހާރު ދަރިވަރުން ހުށައަޅާފައިވާ ކަންތަައްތަކުގެ އިތުރު ތަފްސީލު ހޯދުމާއި، އެކަންކަމަށް އަމަލީސިފަ ގެނައުމަށްޓަަކައި ނަގާނެ މުއްދަތާއި ފައިސާގެ ގޮތުން ދިމާވާ ދަތިކަމުގެ މައްޗަށްކަމަށް މި ބައްދަލުވުމުގައި ބައިވެރިވި މޫސާ މާހިރު ބުންޏެވެ. މިގޮތުން އަމަލީ ސިފަ ގެނައުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތަފްސީލް ހަފްތާއެއްހާ ދުވަސް ފަހުން ދެއްވާނެކަމަށް ތަޢުފީޤު ވިދާޅުވެފައިވާކަމަށް ވެސް މާހިރު ބުންޏެވެ. އަދި މީގެ އިތުރުން ދަރިވަރުން އެދިފައިވާ ކަންތައްތަކަށް އަމަލީސިފަ ގެނައުމަށްޓަކައި ދިމާވާނެ ހުރަހަކީ އިޤްތިޞާދީ ހީނަރުކަން ކަމުގައި ތަޢުފީޤު ވިދާޅުވުމުން ދަރިވަރުން އެކަމަކީ މިކަމަށް އޮތް ހުރަހެއްކަމުގައި ޤަބޫލުނުކުރާކަމަށް ދެންނެވިފައިވާނެކަމަށް ވެސް މާހިރު ބުންޏެވެ.
ޖުމްލަ 1507 ދަރިވަރުން ސޮއިކޮށް ޕެޓިޝަން ރައީސުލް ޖުމްހޫރިއްޔާއަށް ހުށަހަޅާފައިވަނީ ފާއިތުވެދިޔަ ހަފްތާގެތެރޭގަ އެވެ. މިޕެޓިޝަނުގައި ދަރިވަރުން ހުށަހަޅާފައިވަނީ މަތީ ތައުލީމު ހާސިލު ކުރާ ދަރިވަރުންނަށް އެހީދޫކުރާނެ ވަކި އޮފީހެއް ޤާއިމުކޮށް، އެ އޮފީހުން އެހީތަކާ ބެހޭ ސާފު މައުލޫމާތު ލިބޭނެ އުސޫލްތަކެއް ހަމަޖެއްސުމާއި، ލޯނަށް އެދުމުގެ ފުރުސަތު އަބަދުވެސް ހުޅުވިފައި އޮތުމަށާއި، ލޯނު އަނބުރާ ދައްކާ މުއްދަތުގައި ލޯނު ނެގިފަރާތުން އިތުރަށް ކިޔަވަން ބޭނުންވެއްޖެ ހާލަތެއްގައި ނުވަތަ އަމިއްލަ ބާރުނުފޯރާ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ކުރިން ނަގާފައިވާ ލޯނު މެދުކެނޑޭނެ އުސޫލުތަކެއް ޤާއިމުކޮށް ދިނުމުގެ މައްޗަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...