މިއީ ކީރިތި ޤުރްއާނުގެ އަލްކަހްފު ސޫރަތުގައި ބަޔާންކުރައްވާފައިވާ ވާހަކައެކެވެ. އެއް ޒަމާނެއްގައި ދެ އެކުވެރިން އުޅުނެވެ. އެތަނުން އެކަކީ މާ ތަނަވަސް މީހެއްނޫނެވެ. އަނެކަކީ މޭބިސްކަދުރުގެ ދެ ބަގީޗާގެ ނިޢުމަތުން ﷲ ނިޢުމަތް ދެއްވެވި މީހެކެވެ. އެ ބަގީޗާތައް ވަށައިގެން ކަދުރު ރުއްތައް ލެއްވެވިއެވެ. އަދި އެބަގީޗާތަކުން މަދުވުމެއްނެތި އަބަދުމެ މޭވާ ލިބިދެމުން ދިޔައެވެ. އަދި އެ ބަގީޗާތަކަށް ދަތިކަމެއްނެތި ފެން ލިބިދިނުމަށްޓަކައި, ﷲ ގެ ތަނަވެސް ރަޙްމަތުން އެ ދެ ބަގީޗާގެ ދެމެދުގައި ކޯރެއްވެސް ދެމިގެންވިއެވެ.
އެ ބަގީޗާތަކުގެ އިތުރުން އެހެނިހެން މުދާތައްވެސް ﷲ ދެއްވެވިއެވެ. ނަމަވެސް, އެ ބަގީޗާތަކަށް އޭނާ ވަންނަ ހިނދު, އޭނާގެ ހިތަށް ބޮޑާވެރިކަން ވަދެއެވެ. އަދި މި ހުރިހާ ތަކެއްޗެއް ވެސް ލިބިފައިވަނީ އޭނާގެ އަމިއްލަ މޮޅުކަމުންކަމުގައި ހީކުރެވި އެކަމަށް ފަޚުރުވެރިވެއެވެ. އަދި މި އެންމެހާ ނިޢުމަތްތަކެއް ދެއްވަނީ ﷲ ތަޢާލާ ކަން ހަނދާން ނެތެއެވެ.
އެއް ދުވަހަކު އޭނާ އޭނާގެ އެކުވެރިޔާއާއި ވާހަކަ ދައްކަމުން ބޮޑާވެރިކަމާއިއެކު ބުނެލިއެވެ.” ކަލެއަށް ވުރެ އަހަރެންގެ މުދާ ގިނަވެފައި, މީސްތަކުން އަހަންނަށް އިޙުތިރާމުކުރާލެއްވެސް މާބޮޑުވާނެ!“ އަދި އޭނާގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެގެންވާ ޙާލު އޭނާގެ ބަގީޗާއަށް ވަނުމަށްފަހު ބުނެލިއެވެ. ”ދުވަހަކުވެސް މިތަކެތި ހަލާކުވެ ފަނާވެދާނެހެނެއް އަހަންނަކަށް ހިއެއްނުވޭ! އަދި ޤިޔާމަތް ވެސް ވާނެހެނެއް ވެސް އަހަންނަކަށް ހިއެއްނުވޭ! އަދި އަހަރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ގެންދެވުނަސް, މިއަށްވުރެ ރަނގަޅު ގޮތެއް އަހަންނަށް ފެންނާނެކަން ކަށަވަރެވެ.“
އެ ހިނދު އޭނާގެ އެކުވެރިޔާ އޭނާށް ބުނެލިއެވެ. ”މަށިން ކަލޭ ހައްދަވާ (އެބަހީ އާދަމްގެފާނު ހައްދަވާ), ދެން ނުޠުފާއަކުން ކަލޭ ހައްދަވާ, ދެން ފުރިހަމަ ފިރިހެނަކަށް ކަލޭ ހެއްދެވި ރަސްކަލާނގެއަށް ކަލޭ ކާފިރުވަނީތަ؟ އެހެނެއްކަމަކު, އެއީ އަހަރެންގެ ވެރި ﷲ! އަދި އަހަރެންގެ ވެރިރަސްކަލާނގެއަށް އަހަރެން އެކަކުވެސް ޝަރީކެއް ނުކުރަން. ކަލޭގެ ބަގީޗާއަށް ކަލޭ ވަތް ހިނދު, ﷲ އިރާދަކުރެއްވި ކަމެއް ވާނެޔޭ ބުނިނަމަ, ކޮންފަދަވާނެ! އެއްވެސް ބާރެއް ﷲ ގެ ޙަޟްރަތުން މެނުވީ ނުވޭ! ކަލެއަށްވުރެ އަހަރެންގެ މުދަލާއި ދަރިން މަދުކަމުގައި ކަލެއަށް ފެނުނަސް, ކަލޭގެ ބަގީޗާއަށްވުރެ މާ ހެޔޮވެގެންވާ ނިޢުމަތެއް އަހަރެންގެ ވެރިރަސްކަލާނގެ އަހަރެންނަށް ދެއްވަވާފާނެ! އަދި ކަލޭގެ ބަގީޗާގެ މައްޗަށް އުޑުން އާފާތެއް ފޮނުއްވާ, ގަހެއް, ރުކެއް ނެތް އޮމާން ތަނަކަށް އެތަން ވެގެން ހިނގައިދާނެ! ނޫނީ އެކަލާނގެ ފެން, ބިންގަނޑުގެ ތެރެއަށް ހިނދަވާ, އެފެން އަތުލުން ކަލެއަށް ކުޅަދާނަވެގެން ނުވާހާ އަޑިއަށް ހިންދަވާލައްވަފާނެ!“
އޭގެ އަނެއް ދުވަހެވެ. މުއްސަނދި މީހާގެ ބަގީޗާ އެކީ ހަލާކުވެގެން ހިނގައްޖެއެވެ. އަދި އެ ބަގީޗާގެ ގަސްތައް އަށިގަނޑުތަކާއިއެކު ވެއްޓިފައިވިތަން އޭނާއަށް ފެނުނެވެ. އަދި އެތަން ފެނި, އެ ބަގީޗާ ހެއްދުމަށް އޭނާކުރި ޚަރަދުތަކުގެ މައްޗަށް ހިތާމަކޮށް, މާޔޫސްކަންމަތީ ދެ އަތް ފުރޮޅާލަމުން ބުންޏެވެ. ”ސަހަރޯއެވެ! އަހަރެންގެ ވެރި ރަސްކަލާނގެއާއި އެއްވެސް ފަރާތެއް ޝަރީކު ނުކުރެވުނުނަމަ, ކިހާ ރަނގަޅުވީސް!“
އޭނާއަށް ވާގިވެރިވެދޭނެ ބަޔަކު އެދުވަހަކު އޭނާއަކަށް ނުވިއެވެ. އޭނާގެ އަމިއްލަ ނަފްސަށް ވެސް ވާގިވެރިވެނޭ ހިއްވަރެއް އޭނާއަކަށް ނުވިއެވެ.
ވާހަކައިން ޙާޞިލްވާ ޢިބުރަތްތައް:
• ފަޤީރުންނާއި ނިކަމެތިންނަށް އިހާނާތްކޮށް ހިތުމުގެ ނުބައިކަން.
• މުދަލާއި ބާރު ލިބުމުން، އިންސާނުން ހެއްދެވިފަރާތް މަތިން ހަނދާން ނެތޭކަން.
• ﷲ އަށް ކުފުރުވާ މީހުން ރަނގަޅާއި ނުބައި މިނަނީ، މާއްދިއްޔަތުގެ މައްޗަށް ބުރަވެހުރެކަން.
• ފާފަކުރާމީހާ އަނިޔާ، އަނިޔާދެވެނީ ހަމަ އޭނާގެ އަމިއްލަ ނަފްސަށްކަން.
• ﷲ އަށް ކުފުރުވާމީހުން ހެޔޮވިސްނުމުން މަޙުރޫމްވެ، ޖާހިލުކަން އިތުރުވެގެންވާކަން.
• މުދާ ދެއްވުމުން އިންސާނާއަށް ތިމާގެ އަމިއްލަ މޮޅުކަން އިޙްސާސްވާކަން އަދި މިކަމުގެ ނުބައިކަން.
• އަމިއްލަ އަތުގައި އޮތް އެއްޗަކަށްވުރެ، ﷲ ގެ ޙަޟްރަތުގައިވާ އެއްޗަކަށް އުއްމީދުކުރުމުގެ މުހިއްމުކަން.
• ކާފިރުވާ ގިނަމީހުން ގިޔާމަތްދުވަސް އަންނާނެކަމާއިމެދު ޝައްކުކުރާކަން.
• ދުނިޔޭގެ ނިޢުމަތްތައް ކާފަރުންނާއި މުސްލިމުންނަށް ދެއްވާކަން އަދި ބޭނުންހާ ގޮތަކަށް އުޅެނިކޮށް އެ ނިޢުމަތްތައް ލިބުމުން، އެއީ ތިމާއާއި މެދު ﷲ ރުހިވޮޑިގެންވުމުން ލިބުނު އެއްޗެއްކަމަށް ދެކިގެން ނުވާނެކަން.
• ބޭނުންހާ ގޮތަކަށް އުޅެފައި، ސުވަރުގެ ލިބޭނެކަމަށް ބައެއް މީހުންން ދެކޭކަން އަދި މިކަމުގެ މޮޔަކަން.
• ކާފިރުވީ މީހުން، އެމީހުންގެ ވިސްނުމުގެ މޮޅުކަމާއި މެދު ފަޚުރުވެރިވާއިރު، އެމީހުން ނުޠުފާއެއްގެ ޙާލުގައި ވީއިރު، އެމީހުންގެ އެއްވެސް މޮޅުކަމެއް ނެތްކަން އެނގުން.
• ކާފިރުވީމީހާ، ﷲ އޭނާ އުފެއްދެވި ގޮތާއި މެދު ފުރިހަމައަށް ވިސްނައިފި ނަމަ، ޤިޔާމަތް ދުވަހަށް ކާފިރުވެވޭނެ އެއްވެސް ޖާގައެއް ނެތްކަން.
• އިންސާނުން އުފައްދަވާފައި ވަނީ ވަރަށް ދަށް ފެންވަރެއްގެ އެއްޗަކުންކަމާއި، މިކަމުން އެކަނި ވެސް އިންސާނާ ހިތްތިރިވުމުގެ މުހިއްމުކަން އަންގައިދޭކަން.
• ތިމާ އުފެދުނީ އަމިއްލައަކަށް ނޫންކަން އެނގޭ މީހާއަށް، ތިމާއަށް ލިބުނު މުދާތައް ވެސް ދެއްވެވީ ތިމާ އުފެއްދެވި ފަރާތުންކަން އެނގެންޖެހޭކަން.
• ﷲ ގެ މަގުން އެއްކިބަވެފައިވާ މީހުންނަށް ވިސްނައިދިނުމުގެ މުހިއްމުކަމާއި، ވިސްނައިދޭންވާނީ ޙިކުމަތްތެރިކަމާއިއެކުކަން.
• މުއުމިނުން ބަލިކަށިވެގެން ނުވާނެކަމާއި ތިމާގެ ދީނަށާއި ޢަޤީދާއަށް ފަޚުރުވެރިވާން ޖެހޭނެކަން.
• ކާފިރުންނާއިއެކު ދެކެވޭ ވާހަކައިގެ އެންމެ މުހިއްމު މަޤްޞަދަކަށް ވާންވާނީ ﷲ ގެ މަގަށް ގޮވާލުންކަން.
• މުދާވެރިކަން ލިބޭމީހުން، މަގުފުރެދޭ އެންމެ މައިގަނޑު ސަބަބަކީ އެތަކެތި އެއީ ވަގުތީ ތަކެތިކަން ހަނދާން ނެތުންކަން.
• ﷲ މީހަކަށް ކަމެއް އިރާދަކުރައްވައިފި ނަމަ، އެކަން ހުއްޓުވޭނޭ އެއްވެސް ފަރާތެއް ނުވާކަމާއި، އޭނާގެ މުދަލާއި ދަރީންނަކަށް އޭނާ ޢަޛާބުން ސަލާމަތްކޮށް ނުދެވޭނެކަން.
• މާލީ ގެއްލުމެއްވުމުން، މުއުމިނުންނަށްވުރެ ބޮޑަށް ކާފަރުންނަށް އަސަރުކުރާކަން.
• ތިމާގެ މޮޅުކަން ވިސްނި ބޮޑާވެގަންނަ ވަގުތު، ތިމާ ވަގުތުން ނިކަމެތިކޮށްލެއްވުމަށް ﷲ އިރާދަކުރައްވަފާނެކަން.
• ކާފިރުވިމީހުން، ގިނަފަހަރަށް އީމާންވަނީ އެމީހުންނަށް ދެރަކަމެއް ދިމާވުމުންކަން.
• މުދަލާއި ދަރީން އިންސާނުންނަށް ދެއްވަވާފައި މިވަނީ، އިމްތިޙާނެއްގެ ގޮތުގައިކަން.
ކޮމެންޓް (0)
ލޯޑް ކުރަމުން...