ޢަދާލާތު ޕާޓީގެ ދީނީ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ހުސައިން އެއްވެސް މިސްކިތަކަށް ދީނީ ތަޤްރީރްކުރައްވަން އަރައިވަޑައިގެންފިއްޔާ ހުރިހާ މީހުންވެސް އެމިސްކިތަކުން ފައިބައިގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ގޮވާލަފިއެވެ.
ރީކޯ މޫސަ މިހެން ގޮވާލާފައިވަނީ އެމްޑީޕީން ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްގެންދާ "އިންސާފުގެ ދަތުރު" އެއްވުމުގައި ރޭ ވާހަކަދައްކަވަމުންނެވެ.
ޝައިޚް އިލްޔާސް ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ތަޤްރީރް ދެއްވަން ނޫޅުއްވުމަށް މޫސާ މަނިކު ވަނީ ޝައިޚް އިލްޔާސަށް އިންޒާރުދިނެވެ.
"އަޅުގަނޑު ގޮވާލަން އިލިޔާސް މިސްކިތައް އަރައިފިއްޔާ އެންމެން ވެސް ފައިބައިގެން ދާން، ޝެއިޙް އިލިޔާސް ބޮނެކުއާ ފެންފުޅި ހިފައިގެން ދާންވީ ކޮންމެވެސް ތަނަކަށް” މޫސަ ބުންޏެވެ.
މޫސަ ރައްޔިތުންނަށް މިހެން ގޮވާލައްވަންޖެހުނު ސަބަބެއްކަމުގައި އޭނަ ބުނީ އެމްޑީޕީގެ ސަރުކާރު ވެއްޓިގެންދިޔައީ ފުލުހުންނާއި ސިފައިންނަށް ޝައިޚް އިލްޔާސް ދެއްވި ދީނީ ތަޤްރީރުތަކުގެ ސަބަބުން ކަމަށެވެ.
މޫސަ މިހެން ގޮވާލާފައިވާއިރު މިދިޔަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ވިދާޅުވުމަށް ޝައިޚް އިލްޔާސް މިންބަރަށް އެރުއްވުމާއެކު ބަޔަކު މީހުން ވަނީ މިސްކިތުން ފައިބައިގެން ގޮސްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...