ދިވެހިރާއްޖޭގައި މިހާރު މިއޮތް ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުން ކަންތައްކުރައްވަމުން ގެންދަވާނީ އެއްވެސް ބަޔަކު ތަފާތުނުކޮށް، އިންޞާފުވެރިކަމާއެކީގައި، ކޮންމެ ޕާޓީއެއްގެ މީހަކަށްވިޔަސް، ކޮންމެ ކުލައެއްގެ މީހަކަށްވިޔަސް، ކޮންމެ ރަށެއްގެ މީހަކަށްވިޔަސް، ހަމަހަމަކަމާއެކީގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. ވަހީދު މިހެން ވިދާޅުވީ، އައްޑޫސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހުޅުމީދޫ ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ، ދިވެހި ޤައުމު އެއްބައިވަންތަކޮށް، ދިވެހި ޤައުމު ކުރިއަށް ގެންގޮސް، ދިވެހި ރައްޔިތުންގެ މުސްތަޤްބަލަށްޓަކައި އަމާން، އޮމާން، ރާސްތާއެއް ޤާއިމްކުރެއްވުމަށްޓަކައި ކަމަށެވެ. އަދި، މިކަމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަން ބޭނުންފުޅުވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޢަދުލު އިންޞާފް ޤާއިމް ކުރުމަށް ހުރަހެއް އެޅުއްވުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ. "އަޅުގަނޑު ތިޔަބޭފުޅުންނަށް ވަޢުދުވަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ އަޅުގަނޑުވެސް، އަޅުގަނޑުމެންގެ ސަރުކާރުގެ އެއްވެސް ބޭފުޅަކުވެސް ޤާނޫނުއަސާސީއަކާ ޚިލާފެއް ނުވާނަން. އަދި ޤާނޫނުތައް ދަމަހައްޓައި، ޢަދުލު އިންޞާފް ޤާއިމް ކުރުމަށްޓަކައި އަޅުގަނޑުމެން ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ޤައުމަށް މިހާރު އައިސްފައިމިވާ ބަދަލު އައުމާ ގުޅިގެން، ރައްޔިތުންނަށްޓަކައި ރޭވިފައިވާ، ރައްޔިތުންނަށް ފައިދާހުރި މަޝްރޫޢުތައް، ކުރިއަށް ގެންދަވާނެ ކަމަށާއި، ސަރުކާރުގެ ފަރާތުން މިހާރު ދެއްވަމުން ގެންދަވާ ޢިނާޔަތްތައްވެސް މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
ހުޅުމީދުއަށް ރައީސް މިކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ޞިއްޙީ މަރުކަޒު ބައްލަވާލެއްވިއެވެ. އަދި ހުޅުމީދޫ ކޯޓު ބަޔަކު އަންދާލާފައިވާތީ، އެތަނަށް ލިބިފައިވާ ގެއްލުންވެސް ރައީސް ވަހީދު ބައްލަވާލެއްވިއެވެ.
ހުޅުމީދޫއަށްފަހު ރައީސް ޑރ.ވަހީދު ވަޑައިގަތީ ފޭދޫއަށެވެ. ފޭދޫ ކޯޓު އަންދާލާފައިވާ ސަރަޙައްދުވެސް ރައީސް ބައްލަވާލެއްވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...