އަންނަ ހުކުރު 23 ޑިސެމްބަރ އިއްތިހާދުން ބާއްވާ ބޮޑު މަހާސިންތާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގޮވާލައްވައިފިއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ތަރުޖަމާނު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހްލޫފު ހާމަކުރެއްވިގޮތުގައި ހުކުރު ދުވަހު 23 ޑިސެމްބަރ އިއްތިހާދުން ބާއްވާ ބޮޑު މަހާސިންތާގައި ރަށްރަށުން ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް މާލެ އައުމުގެ އިންތިޒާމު ހަމަޖެއްސުމަށް އިއްތިހާދުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން މަސައްކަތްކުރައްވަމުން އަންނަ ކަމަށެވެ. މަހާސިންތާގައި ބައިވެރިވުމަށް މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން 23 ޑިސެމްބަރ އިއްތިހާދުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ގުޅަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން މަހްލޫފް ހާމަކުރެއްވިގޮތުގައި ބޮޑު މަހާސިންތާގައި ބައިވެރިވުމަށް އެދޭ އަންހެން ބޭފުޅުންނަށް ވަކި ޚާއްސަ އިންތިޒާމްތަކެއް ހަމަޖެހިފައިވާނެކަމަށެވެ.
23 ޑިސެމްބަރ އިއްތިހާދުން ހުކުރު ދުވަހު ބާއްވާ މަހާސިންތާއަކީ މިރާއްޖޭގެ ތާރީޚުގައި މިހައިތަނަށް ބޭއްވޭ އެންމެ ބޮޑު އެއްވުމަށް ވާނެކަމަށާއި އަދި ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރަށް ތާޢީދު އޮތް ވަރު އިދިކޮޅު ފަރާތްތަކަށާއި މުޅި ދުނިޔެއަށް ހާމަވެގެންދާނެކަމަށްވެސް ޕީޕީއެމްގެ ތަރުޖަމާނު ވިދާޅުވިއެވެ.
މަހްލޫފް އިތުރަށް ހާމަކުރެއްވިގޮތުގައި މިއެއްވެން ބޭއްވުމަށް ކުރީގައި ހަމަޖެހިފައިވަނީ ލޮނުޒިޔާރަތް ކޮޅުގައި ކަމަށާއި އެހެން ނަމަވެސް މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް އެމްޑީޕީއިން އެސަރަޙައްދު ހިސާރުކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އެސަރަޙައްދު ނުލިބުމުން މިހާރު މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗް ސަރަޙައްދުގައި ހުކުރުދުވަހު ހަވީރު 4:00 ޖަހާއިރު ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...