ގައުމުގެ ވެރިކަމާ ހަވާލުވާ ރައީސަކަށް، ފަސް އަހަރުގެ ދައުރެއް ނުލިބޭ ގޮތަށް ރިއާސީ އިންތިހާބެއް ބޭއްވުމަށް ތާއީދު ނުކުރައްވާނެކަމަށް ޑީއާރުޕީގެ ލީޑަރު ތަސްމީނު އަލީ ވިދާޅުވެއްޖެއެވެ.
ދި ޓީވީގެ ޚަބަރު ތެރެއިން ޕްރޮގްރާމްގައި، ވާހަކަ ދައްކަވަމުން ތަސްމީނު ރޭ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުނުކޮށް އަވަސް އިންތިހާބަކަށް އެމްޑީޕީން ގޮވާލަމުން ދިޔަ ނަމަވެސް، ކުރު މުއްދަތަކަށް އިންތިހާބު ބޭއްވުމުގެ މަގްސަދެއް ނެތް ކަމަށާއި ގައުމުގެ ވެރިކަމާ ހަވާލުވާ ރައީސަކަށް، ފަސް އަހަރުގެ ދައުރެއް ނުލިބޭ ގޮތަށް ރިއާސީ އިންތިހާބެއް ބޭއްވުމަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
މީގެއިތުރުން ތަސްމީނު ވިދާޅުވީ އިންތިހާބެއްގެ ސަބަބުން ފައިސާ ހަރަދުވާ މިންވަރުގެ އިތުރަށް އިޖުތިމާއީ ގޮތުން ބޮޑު އަގެއް ދައްކަންޖެހޭ ކަމަށެވެ. އަދި ދޮޅުއަހަރަށްޓަކައި އިންތިޚާބެއް ބޭއްވުމަކީ ގަބޫލުކުރެވޭނެކަމެއް ނޫންކަމަށެވެ.
ޤާނޫނުއަސާސީ އިސްލާހްކޮށްގެން މިއަހަރު ރިޔާސީ އިންތިޚާބެއް ބޭއްވި ނަމަވެސް އެއިންތިޚާބު ކާމިޔާބު ކުރައްވާ ފަރާތަކަށް ވެރިކަމުގައި ދެމިހުންނެވޭނީ މިހާރު ހިނގަމުން މިދާ ރިޔާސީ ދައުރު ނިމެންދެންކަމަށާ، 2013ގައި އަލުން އިންތިޚާބެއް ބާއްވައި ނޮވެންބަރ މަހު 11 ވަނަ ދުވަހު ރިޔާސީ އިންތިޚާބަކުން އަލުން އިންތިޚާބުކުރެވޭ ރައީސަކު ހުވާކުރައްވަން ޖެހޭނެކަމަށް ޤާނޫނުއަސާސީން ލާޒިމްކުރާކަމަށް މަޝްހޫރު ގާނޫނީ ވަކީލު، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރ މުހައްމަދު ނަޝީދު ވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...