ރައީސް އިސްތިއުފާދިނުމާއި ގުޅިގެން ނައިބު ރައީސް ރައީސްކަމުގެ މަޤާމާ ހަވާލުވުމަކީ އެއީ ޣައިރު ޤާނޫނޫ ކަމެއް ނޫންކަމަށާއި އަދި އެއީ ޤާނޫނީގޮތުން އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަޙްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
“ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނު އަސާސީގެ 121 ވަނަ މާއްދާގެ (ހ) ގައި، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައި، އެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބުމުން ރައީސުލްޖުމްހޫރިއްޔާ އެ މަޤާމުން ވަކިވީ” ކަމަށް ބަޔާންކުރައްވާފައި އޮވެފައި، އެޤާނޫނުއަސާސީގެ 112 ވަނަ މާއްދާގެ ( ރ) ގައި އެއްވެސް ސަބަބަކާހުރެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމް ހުސްވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު” ކަމަށް ބަޔާންކޮށްފައި އޮންނާތީ، ރައީސުލްޖުމްހޫރިއްޔާ ، ޤާނޫނުގައިވަ ގޮތުގެ މަތިން އިސްތިއުފާ ދެއްވާ ޙާލަތުގައި، އޭނާގެ ނާއިބު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވުމަކީ، އޭގެ ޒާތުގައި ޤާނޫނީ ގޮތުން މައްސަލައެއް އޮތް ކަމެއް ނޫނެވެ،" ޕީޖީ މުޢިއްޒު އިއްޔެ ނެރުއްވި ބަޔާނުގައި ހާމަކުރައްވާފައިވެއެވެ.
ނަމަވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން އިސްތިއުފާދެއްވަން ޖެހިވަޑައިގަތީ އެކަށީގެންނުވާ ނުފޫޒެއް ނުވަތަ އެނޫންވެސް އެމަނިކުފާނުގެ އެމިއްލަފުޅު އިޚްތިޔާރު ނެތް ޙާލަތެއްގައިކަމަށް އެމަނިކުފާނު ވިދާޅުވާނަމަ، އެކަމުގެ ވަށައިގެން ހިނގައިދިއަކަމަށް ބުނާ ކަންތައްތަކުގެ ޙަޤީޤަތް ހޯދާ، އެކަންތައްތަކުގެ އަލީގައި ކުރީގެ ރައީސް ދެއްވި އިސްތިޢުފާގެ ޞައްޙަކަމާމެދު ޤާނުނީ ގޮތުން ބާރު އޮތް ފަރާތުން ގޮތެއް ނިންމުމަކީ ކުރެވިދާނެކަމެއްކަމަށްވެސް ޕީޖީ މުޢިއްޒު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނު އަސާސީގެ 223 ވަނަ މާއްދާގެ(ފ) ގައި ޤާނޫނުއަސާސީގެ ހަމަތަކާއި، ޤާނޫނާއި، އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ، ޕީޖީގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ޕީޖީގެ ބަޔާނުގައި ވިދާޅުވެފައިވާއިރު، ނަޝީދުގެ ތުހުމަތުތަކުގެ ޙަޤީޤަތް ހޯދާ އެކަންތައްތަކުގެ އަލީގައި އެމަނިކުފާނު ދެއްވި އިސްތިޢުފާގެ ޞައްޙަކަމާމެދު ގޮތެއް ނިންމުމަށް ޤާނޫނީ ގޮތުން ބާރު އޮތް ފަރާތަކީ ކޮބައިކަމެއް ބަޔާންކުރައްވާފައެެއް ނުވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...