ޤާނޫނުއަސާސީ އިސްލާހްކޮށްގެން މިއަހަރު ރިޔާސީ އިންތިޚާބެއް ބޭއްވި ނަމަވެސް އެއިންތިޚާބު ކާމިޔާބު ކުރައްވާ ފަރާތަކަށް ވެރިކަމުގައި ދެމިހުންނެވޭނީ މިހާރު ހިނގަމުން މިދާ ރިޔާސީ ދައުރު ނިމެންދެންކަމަށާ، 2013ގައި އަލުން އިންތިޚާބެއް ބާއްވައި ނޮވެންބަރ މަހު 11 ވަނަ ދުވަހު ރިޔާސީ އިންތިޚާބަކުން އަލުން އިންތިޚާބުކުރެވޭ ރައީސަކު ހުވާކުރައްވަން ޖެހޭނެކަމަށް ޤާނޫނުއަސާސީން ލާޒިމްކުރާކަމަށް މަޝްހޫރު ގާނޫނީ ވަކީލު، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިއެފްއެމް ޕްރޮގްރާމެއްގައި ވާހަކަފުޅުދައްވަވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހާމަކުރެއްވިގޮތުގައި ރިޔާސީ ދައުރުގެ މުއްދަތަކީ ކޮބައިކަން ޤާނޫނުއަސާސީން ވަރަށް ސާފުކޮށް އިނގޭ ކަމަށާއި އަދި އެހެންކަމުންގާނޫނުއަސާސީ އިސްލާހުކޮށްގެން ވެސް ވެރިކަމުގައި ދެމިތިބެވޭނީ މިހާރު ހިނގަމުން މިދާ ރިޔާސީ ދައުރު ނިމެންދެން ކަމަށެވެ.
ނަޝީދު އިތުރަށް ހާމަކުރެއްވިގޮތުގައި ޤާނޫނުއަސާސީގެ 125 ވަނަ މާއްދާގެ ނ. ގައި މިކަން ވަނީ ވަރަށް ރަނގަޅަަށް ބަޔާންކޮށްފައެވެ. އެމާއްދާގައި ބުނާގޮތުން "އެއްވެސް ސަބަބެއް މެދުވެރިވެގެން ހިނގަމުންދާ ރިޔާސީ ދައުރެއްގެ ތެރޭގައި އަލުން ރިޔާސީ އިންތިޚާބެއް ބާއްވަންޖެހިގެން އިންތިޚާބެއް ބާއްވައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އަލުން އިންތިޚާބުވި މީހުން މަޤާމުގައި ދެމިތިބެވޭނީ ބުނެވިދިޔަ ރިޔާސީ ދައުރެގެ ބާކީ އޮންނަ މުއްދަތަށެވެ."
"2008 އިން ފެށިގެން ހިނގަމުން މިދަނީ ރިޔާސީ ދައުރެއްކަމަށާއި، މިއަދު ރައީސާއި، ނައިބް ރައީސް އިސްތިއުފާ ދެއްވުމަށްފަހު މަޖިލީހުގެ ރައީސާއި ވެރިކަން ހަވާލުކޮށް ފަސްދޮޅޮސް ދުވަހުގެ ތެރޭގައި އިންތިޚާބެއް ބޭއްވި ކަމުގައި ވީނަމަވެސް ގާނޫނު ބުނާގޮތުނ 2013 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހުވާކުރައްވަންޖެހޭ ރައީސަކު އިންތިޚާބުކުރުމަށް އިންތިޚާބެއް ބާއްވަންޖެހޭނެ" ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...