މުސްލިމުންގެ ބިންތަކަށް ވެރިވެފައިވާ ޔަހޫދީ އިސްތިއުމާރުގެ ޚާރިޖީ ވަޒީރު އަވިގްދޯރް ލިބަމަން ޓެރަރިސްޓް އެމެރިކާއަށް މިހާރު ކުރަމުން ގެންދަވާ ރަސްމީ ދަތުރުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަން އާއި ބައްދަލުކޮށް ދެޤައުމުގެ ޚާރިޖީ ސިޔާސަތުތަކާއި ބެހޭގޮތުން މަޝްވަރާ ކޮއްފިއެވެ.
މިއީ ލިބަމަން މަޤާމާއި ޙަވާލުވިފަހުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މިދެމީހުން ބައްދަލުކޮށް މަޝްވަރާ ކުރި ދެވަނަ ފަހަރެވެ. މީގެކުރިން ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ބިމުގައި 2010 ވަނަ އަހަރު މިދެމީހުންވަނީ ބައްދަލުކޮށްފައެވެ.
މިފަހަރުގެ ބައްދަލުވުމުގައި މިދުވަސްވަރު މެދުއިރުމަތީގެ މަސްރަހު އޮތްގޮތުން ކަންތައް ކުރިއަށް ގެންދިއުމުގައި ދެފަރާތުން ކަންތައް ކުރިއަށް ގެންދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކޮށްފައިވާއިރު، ލިބަމަންގެ މިދަތުރުުގައި ދިފާޢީ ވުޒާރާގެ އިސް ފަރާތްތަކާއި ބައްދަލުކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމެރިކާގެ ޚަބަރުފަތުރާ ވަޞީލަތްތަކުގައި ހާމަކޮށްފައިވެއެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނައިރު، ޔަހޫދީ އިސްތިއުމާރުގެ ތާއީދު ވެރިކަންކުރާ ޑިމޮކްރަޓުންނަށް ފޯރުކޮށްދެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާތައް ކުރިއަށްދާނެކަމަށް ޚަބަރުތައް ބުނެފައިވާއިރު، އެކަމާއި ބެހޭގޮތުން އެއްވެސް ރަސްމީ ޚަބަރުތަކެއް ދެފަރާތުންވެސް ހާމަކޮށްފައެއް ނުވެއެވެ.
އަނެއްކޮޅުން ޔަހޫދީ އިސްތިއުމާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންނަމަހުގެ ތެރޭގައި އެމެރިކާއަށް ކުރާ ރަސްމީ ދަތުރު އޮންނާނެކަމަށް ކުރިން ޚަބަރުތައް ލިބިފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...