ރާއްޖޭގެ ޚަބަރު މޫނުބުރުގާ އަޅައިގެން ކުއްލިއްޔާއަށް މިހާރު ކިޔަވަން ދެވުނު ނަމަވެސް ރެޖިސްޓްރީއިން ނަންވަނީ އުނިކޮށްފައި : މެހެނާޒްގެ ވަކީލު

މޫނުބުރުގާ އަޅައިގެން ކުއްލިއްޔާއަށް މިހާރު ކިޔަވަން ދެވުނު ނަމަވެސް ރެޖިސްޓްރީއިން ނަންވަނީ އުނިކޮށްފައި : މެހެނާޒްގެ ވަކީލު

މޫނުބުރުގާ އަޅައިގެން ކުއްލިއްޔާއަށް މިހާރު ކިޔަވަން ދެވުނު ނަމަވެސް ރެޖިސްޓްރީއިން ނަންވަނީ އުނިކޮށްފައި : މެހެނާޒްގެ ވަކީލު

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ކުއްލިއްޔަތުއްދިރާސަތިލް އިސްލާމިއްޔާ - ދިއިސްލާމް ފޮޓޯ

ގުޅޭ ލިޔުންތައް:

ކުއްލިއްޔަތުއްދިރާސާތުލް އިސްލާމިއްޔާއަށް މީގެ ކުރީގައި މޫނުބުރުގާ އަޅައިގެން ކިޔަވަން ދިއުން މަނާކޮށްފައިވާ ގއ. ދާންދޫ، ބީޗްވިލާ، މެހެނާޒް ޙުސައިނަށް މިހާރު ކުލާހަށް ވަދެވެނު ނަމަވެސް އޭނާގެ ނަން ދަރިވަރުންގެ ރަޖިސްޓްރީން އުނިކޮށްފައިވާކަމަށް އޭނާގެ ޤާނޫނީ ވަކީލު ހާމަކޮށްފިއެވެ.

ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާގައި ޝަރީއަތާއި ޤާނޫނުގެ ކޯސް ހަދަމުންދާ މެހެނާޒްގެ ވަކީލު މިހެން ވިދާޅުވެފައިވަނީ އޭނާއަށް މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިއުމުގެ ޙައްޤު ލިބިދޭންޖެހޭނެ ކަމަށް ސިވިލް ކޯޓުން މިދިޔަ ހޮނިހިރުދުވަހު ކުރިއަމުރަށް ކުއްލިއްޔާއިން ތަބާނުވި މައްސަލަ މެހެނާޒް އެކޯޓަށް ހުށަހެޅުމާ ގުޅިގެން މިއަދު ހަވީރު ބޭއްވުނު އެމައްސަލައިގެ ޝަރީޢަތުގެ ދެވަނަ އަޑުއެހުމުގައެވެ.

މިއަދުގެ ޝަރީއަތުގައި މެހެނާޒްގެ ޤާނޫނީ ވަކީލު އަދި އޭނާގެ ފިރިކަލުން އަލްއުސްތާޛް ޒުންނަވާރު ސަލީމް އެމަޖުލީހުގައި ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މެހެނާޒްއަށް ކްލާހަށް ވަދެވޭ ކަމަށާއި ނަމަވެސް އޭނާގެ ނަންވަނީ ދަރިވަރުންގެ ރަޖިސްޓްރީން އުނިކޮށްފައިކަމަށެވެ.

މެހްނާޒްގެ ވަކީލަށް ޖަވާބުދެއްވަމުން ކުއްލިއްޔާގެ ދަރިވަރުންގެ ކަންތައްތައް ހިންގުމާ ހަވާލުވެހުރި އަހްމަދު ރަޝީދު ޢަބްދުލްޤާދިރު ވިދާޅުވިގޮތުގައި މެހެނާޒްގެ ނަން ރެޖިސްޓްރީގައި އަދި ހިމެނިފައިނެތީ ރެޖިސްޓްރީއާއި ގުޅޭ ބައެއްކަންކަން އަދި ނުނިމިއޮތީމައެވެ. އަދި އޭނާ އިތުރަށް ވިދާޅުވިގޮތުގައި ރެޖިސްޓްރީގައި ނަން ނެތްނަމަވެސް މެހެނާޒަށް ބުރާސްފަތި ދުވަހުން ފެށިގެން ކުއްލިއްޔާގެ ކުލާސްތަކަށް ވަދެވޭކަމަށާއި އަދި މެހެނާޒްގެ ހާޒިރީވެސް ބަލަމުންއަންނަ ކަމަށެވެ.

މިއަދުގެ ޝަރީޢަތް ގާޒީ ޝުޖޫން ނިންމަވާލެއްވީ މި މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 8 ވަނަ ދުވަހު ބާއްވާނެކަން އިއުލާންކުރައްވަމުން ނެވެ.

ކުއްލިއްޔާއަކީ އިސްލާމީ ކޮލެޖަކަށް ވީނަމަވެސް މިއަހަރުން ފެށިގެން މެހެނާޒް މޫނުބުރުގާ އަޅައިގެން އަތުވެއްޖެނަމަ، ކިޔަވަން ކުލާހަށް ނުވައްދާނެ ކަމަށް ކުއްލިއްޔާގެ ރެކްޓަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ މިދިޔަ އަހަރު އަންގަވާފައިވާތީ، އެމައްސަލަ ޝަރީޢަތުން ބައްލަވައި ދެއްވައި، މޫނުބުރުގާ އަޅައިގެން ކޯހުގައި ކިޔަވަން ކުލާހަށް ޙާޟިރުވުމަކީ ދީނީ އަދި ޤާނޫނީ ހަމަތަކުގެ މަތިން މަނާކުރެވޭނެ ކަމެއް ނޫންކަމުގައި ކަނޑައަޅުއްވައި ދެއްވުންއެދި މިދިޔަ އަހަރު އޮކްޓޯބަރު މަހު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ.

މިއަހަރުގެ ސެމިސްޓަރ ޖެނުއަރީ 22 ގައި ފެށުނީއްސުރެވެސް މޫނުބުރުގާ ނަގައިގެން ކިޔަވަން އައުމަށް ތަކުރާރުކޮށް އެތަނުން އަންގަމުންދާތީ، މޫނުބުރުގާ އަޅައިގެން ކިޔަވަން ދެވޭނެ ގޮތް ހައްދަވައި ދެއްވުންއެދި ކުއްލިއްޔާގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްއެދި މެހެނާޒް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމަވަމުން، ސިވިލް ކޯޓުގެ ގާޒީ އައިޝާ ޝުޖޫން މުޙައްމަދު މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ނެރުއްވި އަމުރުގައި ބުނެފައިވަނީ، ކުރިން ހުށަހަޅާފައިވާ މައްސަލަ ނިމުމާހަމައަށް މެހެނާޒަށް ތަޢުލީމު ލިބުމުގެ ފުރުޞަތު ބަންދުވުމަކީ އޭނާގެ ޙައްޤަށް އިއާދަނުކުރެވޭފަދަ އުނިކަމެއް އަންނަ ކަމެއްކަމުގައިވުމުގެ ފުރުޞަތު ބޮޑުކަމުގައި ޝަރީޢަތުން ދެކޭކަމަށެވެ.

“ނަންބަރު … ގަޒިއްޔާއިން ހިނގަމުންދާ މައްސަލައިގެ ފައިސަލާކުރުމާ ހަމައަށް ނުވަތަ ކޯޓުން އެނޫން ގޮތަކަށް އެންގުމާ ހަމައަށް، މޫނުބުރުގާ އަޅައިގެން ކުއްލިއްޔަތުއް ދިރާސަތިލް އިސްލާމިއްޔާއަށް ތަޢުލީމު ޙާޞިލުކުރަން ދިއުމުގެ ޙައްޤު ލިބިގެންވާކަމުގައި ކަނޑައަޅައި، އަމުރުކޮށްފީމެވެ.” ގާޒީގެ އަމުރުގައި ވެއެވެ.

ކުއްލިއްޔާއިން މިދިޔަ ޖެނުއަރީ 25 ވަނަ ދުވަހު ނެރެފައިވާ ހެދުންއެޅުމުގެ ޤަވާއިދުގައިވާ މޫނުބުރުގާ އެޅުން މަނާކުރާ މާއްދާ ބާޠިލްކުރުމަށް އެދި ހައިކޯޓަށްވެސް މެހެނާޒް މިދޔަ ހަފްތާގެ ބުރާސްފަތި ދުވަހު ހުށަހެޅި މައްސަލަ މިއަދު އެކޯޓުގައި ވަނީ ރަޖިސްޓަރކޮށްފައެވެ. އަދި އެމައްސަލައަށް ގޮތެއް ނިމެންދެން، މޫނުބުރުގާ މަނާކުރާ މާއްދާއަށް ޢަމަލުކުރުން ފަސްކުރުމަށް ހައިކޯޓުގައި ވަގުތީ އަމުރަކަށްވެސް މެހެނާޒް ވަނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އެދިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.