އެމެރިކާގެ ނިއުޔޯކްސިޓީގައި ހުންނަ އދ. ގެ މައިމަރުކަޒުން ދެޕެކޭޖެއްގައި ބަންދުކޮށްފައިހުރި 16 ކިލޯގްރާމް ކޮކެއިން ފެނިއްޖެއެވެ.
ނިއުޔޯކް ޕޮލިސް ޑިޕާޓްމެންޓް (އެން.ވައި.ޕީ.ޑީ) އާއި ހަވާލާދީ ބައިނަލްއަޤްވާމީ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާގޮތުގައި އދ.ގެ މައިމަރުކަޒުން މިފެނުނު މަސްތުވާތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 2 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އަދި މިތަކެތި ޕެކްކޮށްފައިވަނީ އދ. ގެ ރަސްމީ ޕެކޭޖްގައެވެ.
ފުލުހުން ހާމަކުރިގޮތުގައި ޑީއެޗްއެލް ޕޯސްޓް މެދުވެރިކޮށް މެކްސިކޯ ސިޓީއިން އދ.ގެ މައި މަރުކަޒަށް ފޮނުވާފައިވާ މިޕެކޭޖްތަކުގައި ފޮނުވިފަރާތުގެ ނަމެއް އެޑްރެހެއް ޖަހާފައިއެއް ނެތެވެ.
އދ.ގެ ޕެކޭޖްތަކުގައި ހުރި މިމަސްތުވާތަކެއްޗަކީ އދ.އާއި އެއްވެސްގުޅުމެއް ނުވާތަކެތިކަމުގައި އދ.ގެ އޮފިޝަލުން ބުނަމުންދެއެވެ. އަދި އެއީ އދ.ގެ ޕެކޭޖްތައް ހުންނަ ގޮތަށް ހަދާފައިވާ ފޭކް ޕެކޭޖްތަކެއް ކަމުގައިވެސް އެމީހުން ބުނެފައިވެއެވެ.
ނަމަވެސް އދ.ގެ މައިމަރުކަޒުން އދ.ގެ ޕެކޭޖްތަކެއްގައި ފެނުނު މިމަސްތުވާތަކެތި އދ.އައި ގުޅުމެއްވާކަމަށް ގިނަ ބަޔަކުދަނީ ބުނަމުންނެވެ.
"މިއީ އަލަށް ހިނގައިދިޔަކެމެއްނޫން. މިއީ މިފަދަކަމެއް ހިނގައިދިޔަ ފުރަތަމަ ފަހަރެއްނޫން. ނިއުޔޯކްތައި ހުންނަ އދ.ގެ މަރުކަޒުތަކުންނާއި އެމްބަސީތަކުން މިފަދައެތައް ކަމެއް ވަނީ މީގެ ކުރީގައިވެސް ހިނގާފަ،" ބައިނަލްއަޤްވާމީ ސަލަމާތާބެހޭ މާހިރެއްކަމުގައިވާ ތޯމަސް ރަސްކިން ބުނެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...