އީރާނާ އެކު އަސްކަރީގޮތުން ކުރިމަތިލުމަކަށް ދިއުމަކީ އިނގިރޭސިވިލާތުން އެދޭ ކަމެއް ނޫން ކަމަށާއި އެފަދަ ކުރިމަތިލުމަކަށް ދިއުމުގެ އެއްވެސް ޚިޔާލެއް އެގައުމުން ނުގެންގުޅޭ ކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ވިލިއަމް ހޭގް ވިދާޅުވެއްޖެއެވެ.
ވިލިއަމް ހޭގް މިހެން ވިދާޅުވެފައިވާއިރު ނިއުކްލިއަރ މައްސަލާގައި އީރާނާއި އެމެރިކާގެ މައްސަލަ ހޫނުވެ، ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލާގައި އިނގިރޭސިވިލާތުން ވެސް ވަނީ އީރާނަށް ހަނގުރާމައެއްގެ އިންޒާރު ދީފައެވެ. ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރާ ނަމަ ކަނޑުއޮޅި ބަންދުކުރަން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުން ދީފައިވާއިރު އިނގިރޭސިވިލާތުން ބުނެފައިވާ ގޮތުންނަމަ އެފަދަ ހާލަތެއްގައި މުޅި ދުނިޔެ އީރާނާ ދެކޮޅަށް ނުކުންނާނެއެވެ.
އަނެއްކޮޅުން އިނގިރޭސިވިލާތުގެ ސިފައިން ދަނީ އެމެރިކާގެ ސިފައިންނާ އެކު ގަލްފު ސަރަހައްދުގައި ބާރުގަދަކުރަމުންނެވެ. އިނގިރޭސިވިލާތަކީ ނިއުކްލިއަރ މައްސަލާގައި އީރާނާ ދެކޮޅަށް ޔޫރަޕުގައި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅު އެޅުމުގެ ކެމްޕޭނުގައި ވެސް އެންމެ ކުރީގައި އުޅޭ އެއް ގައުމެވެ.
އީރާނުގެ މައްސަލާގައި ކުރިމަތިކުރި ކުއްލި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ހޭގް ވިދާޅުވީ މައްސަލައެއް ގޯސްވެދާނެ ކަމަށް ލަފާކޮށް އެކަމަށް ތައްޔާރުވުމަކީ އަސްކަރިއްޔާ އިން ކުރަން ޖެހޭ ކަމެއް ކަމަށްވާއިރު އިނގިރޭސިވިލާތުން ގަލްފު ސަރަހައްދަށް އެމީހުންގެ ބާރުތައް ފޮނުވަމުން ދަނީ އެ އުސޫލުގެ މަތިން ކަމަށެވެ. އޭނާ ވިދާޅުވީ އަސްކަރީ ވިސްނުމެއްގައި އެއްވެސް ފިޔަވަޅެއް އަޅަމުން ނުދާ ކަމަށާއި އިސްކަން ދެނީ ސިޔާސީ ފިއްތުން އިތުރުކޮށްގެން އީރާން މައިތިރިކުރުމަށް ކަމަށެވެ.
އިނގިރޭސިވިލާތަކީ ހަނގުރާމަތަކުގައި އެމެރިކާގެ އެންމެ މުހިންމު ބައިވެރިޔާއެވެ. މިދިޔަ އަހަރު ލީބިއާގެ ވެރިކަން ވައްޓާލުމުގައި ވެސް މުހިންމު ރޯލެއް އެމެރިކާއާ އެކު ކުޅުނީ އިނގިރޭސިވިލާތުންނެވެ. އޭގެ އިތުރުން އަފްޣާނިސްތާނާއި އިރާގު ހަނގުރާމާގައި ވެސް އެމެރިކާއަށް އެންމެ ބޮޑު އެއްބާރުލުމެއް ދިނީ އިނގިރޭސިންނެވެ.
އެމެރިކާއާ އެކު އިނގިރޭސިވިލާތް އީރާނުގެ ނުރައްކަލަކަށް ތައްޔާރުވަމުން އަންނައިރު ނިއުކްލިއަރ މައްސަލަ އާއި ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލާގައި އިސްރާއީލުން ވެސް ވަނީ އީރާނަށް އިންޒާރު ދީފައެވެ. މިގޮތުން އަސްކަރީ ކުރިމަތިލުމަކަށް ދާނަމަ، އިސްރާއީލުން މިފަހަރު ކާމިޔާބުކުރާނެ ކަމުގެ އިންޒާރު ވެސް ދިފާއީ ވަޒީރު އިހޫދު ބަރާކް ވަނީ ދެއްވާފައެވެ.
އީރާނުގެ މައްސަލާގައި އެމެރިކާ އާއި އިސްރާއީލުގެ ވެރިން ދަނީ ފާޅުގައްޔާއި ސިއްރިޔާތުގައި މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. މީގެ އިތުރުން ގަލްފުގެ ބޮޑެތި ބާރުތަކާއެކު ވެސް އެމެރިކާ އާއި އިނގިރޭސިވިލާތުގެ ވެރިން ދަނީ މަޝްވަރާކުރައްވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...